ކަރަން ޖޯހަރު އަލަށް ބިރުވެރި ފިލްމެއް ހަދަނީ

އާންމުކޮށް ލޯބީގެ ފިލްމުތައް ހަދާ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން މުޅިން އަލަށް ބިރުވެރި ފިލްމެއް ފްރެންޗައިޒެއްގެ ގޮތުގައި ގެނެސްދޭން ނިންމައި ފިލްމުގެ ފުރަތަމަ ބައި އިއުލާންކޮށްފި އެވެ.


އަންނަ ނޮވެމްބަރު މަހުގެ 15 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމަކީ "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" އެވެ. ވިދަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރު ލީޑް ރޯލު ކުޅޭ ފިލްމުގެ ޑައިރެކްޓަރަކީ ބާނޫ ޕްރަތާބް ސިންގެވެ.

ކަރަން އަލަށް ގެނެސްދޭ ބިރުވެރި ފިލްމު އިއުލާންކޮށްފައި މި ވަނީ ވިކީ އާއި ބޫމީއާ އެކު ބިރުވެރި ފިލްމެއް ދަރުމާ އިން ހަދަމުން އަންނަކަން މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައި ވަނިކޮށެވެ.

"ބޫތު" އަކީ މިދިޔަ އަހަރު ރިލީޒްކުރި "ރާޒީ" އަށް ފަހު، ވިކީ ކުޅޭ ދަރުމާގެ ދެވަނަ ފިލްމެވެ. އަަދި ބޫމީ އަށް ދަރުމާ އަށް ކުޅޭ އަލަތު ފިލްމެވެ. އެކަމަކު މި ދެ ތަރިންނަކީ ކަރަން ޑައިރެކްޓްކޮށް އަންނަ އަހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ގެ ކާސްޓްގައި ވެސް ހިމެނޭ ދެ ތަރިންނެވެ.

"ބޫތު" އާ ބެހޭ މާ ބޮޑު ތަފުސީލެއް ކަރަން އަދި ހިއްސާކޮށްފައި ނުވިޔަސް ބައެއް މީޑިއާތަކުން ބުނީ މިއީ މުމްބާއީގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ގެނެސްދޭ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން އެއްކޮށް ނިމި، މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި ކަމަށް ބުންޏެވެ.

"ބޫތު" ވެގެން ދާނީ ވިކީ އާއި ބޫމީ ވެސް ކުޅޭ ފުރަތަމަ ބިރުވެރި ފިލްމަށެވެ. މި ފަހަކަށް އައިސް ބޮލީވުޑްގައި ހޮރޯ-ކޮމެޑީތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ގިނަ ބަޔަކު އިތުބާރު ކުރާ ކަރަންއަކީ ހަމަ އާދައިގެ ފިލްމެއް ގެނެސް ދޭނެ ޕްރޮޑިއުސަރަކަށް ނުވުމެވެ.

އޭނާގެ ސްޓޫޑިއޯ އިން މި އަހަރުގެ މިހާތަނަށް ތިން ފިލްމެއް ގެނެސް ދީފައިވެ އެވެ. އެއީ "ކޭސަރީ"، "ކަލަންކް" އަދި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ. ދެން ދަރުމާ އިން ގެނެސް ދޭނެ ފިލްމަކީ "ބޫތު" އެވެ.

އޭގެ ފަހުން ޑިސެމްބަރު 27 ގައި "ގުޑް ނިއުސް" ރިލީޒް ކުރާނެ އެވެ.