"83" ގައި ރަންވީރް ސިންގްގެ އަންބަކީ ދީޕިކާ

އިނގިރޭސިވިލާތުގައި މިހާރު ޝޫޓް ކުރަމުން އަންނަ ރަންވީރުގެ ސިންގުގެ ފިލްމު "83" ގައި އޭނާގެ އަންހެނުންގެ ރޯލް، އަންހެނުން ދީޕިކާ ޕަދްކޯން ކުޅޭނެކަން ކަށަވަރުވެފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުނެފި އެވެ.


މީޑިއާތަކުން ކުރިން ވެސް ވަނީ އެ ފިލްމުގެ ބަތަލާގެ ރޯލް ދީޕިކާ އަށް ހުށަހެޅި ކަމަށް ބުނެފަ އެވެ. މެގްނާ ގުލްޒާރުގެ "ޗަޕާކް" ގެ ޝޫޓިން މިދިޔަ ހަފުތާގެ ތެރޭގައި ނިންމައިލުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ދީޕިކާ ވަނީ ލަންޑަނަށް ފުރައިފަ އެވެ.

ކަބީރު ހާން ޑައިރެކްޓް ކުރާ "83" އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުގައި ރަންވީރު ކުޅެނީ އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. އެހެންވެ ދީޕިކާ ފެނިގެން ދާނީ ކަޕިލްގެ އަންހެނުންގެ ރޯލް ރޯމީ ބާޓިއާގެ ރޯލުންނެވެ.

ބޮޑު ކާސްޓެއް ހިމެނޭ "83" ވެގެން ދާނީ ކައިވެންޏަށް ފަހު ރަންވީރާއި ދީޕިކާ އެކީގައި ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފިލްމަށެވެ. ދެ ތަރިން އެކީގައި އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އެވެ. އޭގެ އިތުރުން "ރާމް-ލީލާ" އާއި "ބަޖިރާއީ މަސްތާނީ" އަކީ މި ވެސް ޖޯޑު ފެނިގެން ދިޔަ ފިލްމުތަކެވެ.

"ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ފިލްމުތައް ގެނެސް ދިން ކަބީރުގެ "83" ރިލީޒް ކުރާނީ އެޕްރީލް، 10، 2020 ގަ އެވެ.