މާފަށް އެދެންދެން

އަހަރެންނަކީ ދޫންޏެއްކަމުގައިވާ ނަމަ ރީނާއަކީ އަހަރެންގެ ފިޔަގަނޑެވެ. އެއީ އެކުވެރިން ކުރާ މަލާމާތަކަށް ވިޔަސް ނުވަތަ ތައުރީފަކަށް ވިޔަސް، މަގުމަތިން އަހަރެން ފެނިއްޖެއްޔާ އަހަރެން ގާތުގައި، ގިނަ ފަހަރަށް ރީނާ ހުންނާނެއެވެ. ރީނާ ފެނިއްޖެއްޔާ ކައިރި ހިސާބެއްގައި އަހަރެން ވެސް ހުންނާނެއެވެ. އުމުރުން ވިހި އަހަރުއްސުރެ އެ ކަން އޮންނަނީ އެހެންނެވެ. އަހަންނާއި ރީނާއަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އުފަލާއި ހިތާމަ އަހަރުމެން ހިއްސާކުރީމެވެ. ފޮޓޯތައް އެ ކަމަށް ހެކިވާނެއެވެ. އެކަކަށް ކަމެއް ދިމާވެއްޖެއްޔާ އަނެކަކަށް އެއަށް ވުރެ މުހިންމުކަމެއް ނޯންނާނެއެވެ. އިއްޔެއަކީ އަހަރުމެންގެ އެކުވެރިކަމަށް ދިހަ އަހަރު ފުރުނު ދުވަހެވެ. މާޒީގައި ކަންކަން ހިނގައިފައިވާ ގޮތަށް ބަލާއިރު، އިއްޔެ ހެނދުނުއްސުރެ ނިދަންވަންދެން ރީނާ އުޅޭނީ އަހަރެންގެ ގޭގައެވެ. ރީނާ އަންނާނީ ފެންވަރާ ސާމާނާއި، ހެދުން ވެސް ހިފައިގެންނެވެ. ރޭގަނޑު ފިލްމަށް ދިޔުން ވެސް އޮންނާނެއެވެ. ކޮންމެ ފިލްމެއް ދެއްކިޔަސް ވެހެވެ. އެހެންނަމަވެސް އިއްޔެ ތަފާތެވެ. ރީނާއެއް ނުފެނެއެވެ. ނުވެސް ގުޅައެވެ. މެސެޖެއް ވެސް ނުފޮނުވައެވެ. އަހަރެން ވެސް މިހިރީ ހަމަ އެ ގޮތުގައެވެ. އަހަރުމެންގެ ގުޅުންކެނޑުނީ ކުއްލިއަކަށެވެ. ދެ ދުވަހެއް ކުރިންނެވެ. ވައިބާއިން ރީނާ ފޮނުވި ކުރު މެސެޖަކުންނެވެ.


"މީގެ ފަހުން ތީ އަހަރެންގެ ރައްޓެއްސެއް ނޫން!" ރީނާ ފޮނުވި މެސެޖު ކުރުވެފައި ސާދާއެވެ.

މެސެޖުކިޔައިފައި އަހަރެންދިޔައީ ސިއްސައިގެންނެވެ. ވަގުތުން ރީނާއަށް ގުޅީމެވެ. ރީނާ ފޯނެއް ނުނެގިއެވެ. މެސެޖު ފައްޗެއް ފޮނުވައިލީމެވެ. ޖަވާބެއް ނުދިނެވެ. އަހަރެންގެ މެސެޖު ރީނާ ބަލާކަން އަހަންނަށް އެނގެއެވެ. ހިތަށްއެރިއެވެ. އަހަރެންނަށް ކުރެވުނީ ކީއްހެއްޔެވެ؟ ރީނާ ކަމެއް ނުކުރާކަން އަހަންނަށް ކަށަވަރެވެ. ޔަގީނުން ވެސް ގަސްތަކު އަހަރެން ކަމެއް ނުކުރަމެވެ. ސުވާލު އުފެދުނެވެ. މީހަކު ދޭތެރެޖެއްސީ ހެއްޔެވެ؟ ރީނާއަށް ކުށްހީއެއް ކުރެވުނީ ހެއްޔެވެ؟ ޒަމާންވީ އެކުވެރިކަމެއް ނިމުމަކަށް ގެންނައިރު، ކުޑަމިނުން ސަބަބު ބުނެދޭންޖެހޭނެއެވެ. އަހަރުމެންގެ ދެމެދުގައި އޮތީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެކެވެ. އެންމެ މެސެޖު ފަޅިޔަކުން އެ ގުޅުންކެނޑޭނީ ކިހިނެއް ހެއްޔެވެ؟ ވިސްނާވިސްނާ އަހަރެން ވަރުބަލިވިއިރު ވެސް ރީނާ ކުއްލިއަކަށް ރުޅިއައި ސަބަބެއް ނޭނގުނެވެ.

އަހަރުމެންގެ ގުޅުންކެނޑުނުކަމެއް އެހެން މީހަކަށް ނޭނގޭނެއެވެ. އަހަރުމެންގެ ފިރިންނަކަށް ވެސް ނޭނގެއެވެ. އަންގާކަށް ބޭނުމެއް ވެސް ނޫނެވެ. އަންގައިފިއްޔާ ޔަގީނުން ވެސް އަހަރެންގެ ފިރިމީހާ ސަބަބު އަހާނެއެވެ. އަހަރުމެންގެ ފިރިންނަކީ ވެސް ދެ އެކުވެރިންނެވެ. އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ދެ އަންހެނުން ދެމެދުގައި ލޯބިވެރިންގެ މައްސަލަޖެހެއެވެ. އެކަކު ލޯބިވާ މީހަކު ދެކެ އަނެކަކަށް ލޯބިވެވެއެވެ. އަހަރުމެންގެ މެދުގައި އެ ކަހަލަ ކަމެއް ނެތެވެ. އަހަރުމެން އުޅެނީ އެއް އޮފީހަކު ނޫނެވެ. އެކަކަށް ވުރެ އަނެކަކުގެ ވަޒީފާ މަތިވުމުގެ ކޯޅުމެއް ވެސް ނެތެވެ. ވީމާ ސަބަބަކީ ކޮބައި ހެއްޔެވެ؟

މާލެއަކީ ބޮޑު ތަނެއް ނޫނެވެ. ވަރަށް ފިލައިގެން އުޅެގެން ނޫނީ އެކަކަށް އަނެކަކު ނުފެނިއެއް ނޫޅެވޭނެއެވެ. އަހަންނާއި ރީނާއަކީ ގިނަގިނައިން ހުޅުމާލެއަށް ދާ ދެ މީހުންނެވެ. ހުޅުމާލޭގައި އަހަރުމެން ވަރަށް މަގުބޫލު ރެސްޓޯރަންޓެއް ހުރެއެވެ. ހަފުތާއަކު އެއްފަހަރު އަހަރުމެން، ފިރިންނާ އެކުގައި އެ ތަނަށް ދަމެވެ. ރީނާ ގުޅުންކަނޑައިލި ފަހުން ވެސް އަހަރެން އެ ތަނަށް ދަމެވެ. އަހަރެންގެ ފިރިމީހާއާ އެކުގައެވެ. އަހަރުމެންނާ އެކުގައި ނަސީމު އާދެއެވެ. ނަސީމަކީ ރީނާގެ ފިރިމީހާއެވެ. ނަސީމު ބުނާގޮތުން ފަލަވާތީއޭ ކިޔައިފައި، ބަހަނާއެއް ދައްކައިފައި ރީނާ ނާންނަނީއެވެ. އަހަންނާ ގުޅުންކަނޑައިލި ސަބަބު ނަސީމަށް އެނގޭހެނެއް ހިޔެއްނުވެއެވެ. ނުވަތަ ނަސީމު ވެސް އެ ކަން ސިއްރުކުރީއެވެ. އެ ކަމާ ވިސްނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަށް އުނދަގޫވީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގެއްލުނީމައެވެ. ހީވަނީ ގައިން ބައެއް އުނިވިހެންނެވެ. އުފާތަކުން ބައެއް މަދުވިހެންނެވެ. ހިތުގައި އެނބުރެނީ އެންމެ ޝަކުވާއެކެވެ. ރީނާ އަޅެ ސަބަބު ބުނެލި ނަމައެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހާ ހައިރާންވި މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. އެންމެ މެސެޖަކުން ގުޅުންކަނޑާލަންޖެހުނީ ކޮން ފަދަ ކުށެއް އަހަންނަށް ކުރެވިގެން ހެއްޔެވެ؟ ރީނާގެ ޒާތީ ދިރިއުޅުމުގައި އަހަންނާ ހިއްސާނުކުރާ ވާހަކައެއް ނޯންނާނެއެވެ. ވީއިރު އެންމެ މުހިންމު ވާހަކަ ސިއްރުކުރަންޖެހުނީ ކީއްވެގެން ހެއްޔެވެ؟

ރީނާ ގުޅުންކަނޑައިލިތާ މަހެއްހާ ދުވަސް ފަހުން އަހަރުމެން އެކުގައި ހުޅުމާލެއަށް ދާން ފެށީމެވެ. ނަސީމަށް ހަގީގަތް ނޭނގޭކަން އަހަންނަށް އެނގުނީ، އެހެން ގޮސްއުޅުމުގެ ތެރޭގައި ދެކެވޭ ވާހަކަތަކުންނެވެ. އެންމެންގެ ތެރޭގައި ރީނާ އުޅޭ ގޮތުން އެކަކަށް ވެސް ޝައްކުވިޔަކަ ނުދެއެވެ. މަޖާ ވާހަކަ ދައްކައެވެ. އެކަމަކު ކިރިޔާ ވެސް އަހަރުމެން ދެ މީހުން އެކަނިވެއްޖެއްޔާ އެ ހިސާބުން ހީވާނީ ރީނާގެ އަޑު ވާގަނޑު ލުއްސައިލާހެންނެވެ. އެ ހިސާބުން މަންޒަރު ހުއްޓައިލާހެންނެވެ. އަކުރެއްގެ ބަދަލުގައި ފިއްޔެއް ވެސް ރީނާގެ ދުލަކުން ނުނިކުމެވެ. ބޭނުން ނަމަ އަހަންނަށް އެހުނީހެވެ. މައްސަލައަކީ ކޮބައިހެއްޔެވެ؟ އެކަމަކު އޭގެ ޖަވާބެއް ނުލިބޭނެއެވެ. އެހެންވެ ނުވެސް އަހަމެވެ. އަހަރުމެންގެ ފިރިންނަކީ ދުންފަތު އަނދިރިއެޅޭ ދެ މީހުންނެވެ. ތަނަކަށް ސައިބޯން ދިޔަސް، ސައިބޮއި ނިންމައިފައި އިރުކޮޅަކަށް އެ މީހުން ބޭރަށް ނުކުންނަންޖެހެއެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފިރިން ތިބީ ރެސްޓޯރަންޓުން ބޭރުގައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ނުކުރަން ހިތުނިޔަތްގަނެގެންހުރި ކަންތައް އެންމެ ފަހުން އަހަންނަށް ކުރެވުނެވެ.

"ތީ ދެން ހާދަހާ ހެއްވާ މީހެކޭ،" އަހަރެން ހިތްވަރުކޮށްފައި ބުނީމެވެ. "ރީނާ ހިތްހަމަނުޖެހޭ އެއްޗެއް އަހަންނަށް ބުނެވުނީތަ؟ ހަމަ އެކަނި އެ ސުވާލަށް ޖަވާބުދެނިކޮށް އިތުރު ސުވާލެއް ނާހާނަމޭ!"

"ނޯ!" ރީނާ ފޯނާކުޅެންއިނދެ ބުނެލިއެވެ.

ރީނާ ވާހަކަދެއްކުން އެއީ އަހަންނަށް ލިބުނު ސިހުމެކެވެ. ނޫނެކޭ ބުނުމުން އެއީ އިތުރު ސިހުމެކެވެ.

"ދެން އެހެންވިއްޔާ ކިހިނެއްތަވީ؟" އަހަންނަށް އެހުނެވެ.

"ތިއޭ މައްސަލައަކީ،" އަހަންނާ ހަތަރުކަޅި ހަމަކޮށްލަމުން ރީނާ ބުންޏެވެ. "ކުރިން ބުނީ ހަމަ އެކަނި އެ ސުވާލޭ. ޖަވާބުދޭއިރަށް އަނެއް ސުވާލު. އަނެއްކާ ޖަވާބު ދީފިއްޔާ އަނެއް ސުވާލު. ސިކުނޑިއަކީ ޑައިމަންޑް ޖަހާފަހުންނަ އެއްޗެއް ނޫނޭ. އަހަރެންގެ ވެސް ސިކުނޑި އެބަހުރި."

ރީނާ އެންމެ ފަހުން ބުނި ޖުމުލަ އެ ވަގުތު އަހަރެންގެ ސިކުނޑިއަކަށް ނުވަދެއެވެ. އެއީ މުހިންމު އެއްޗެއްކަމަކަށް އަހަރެން ނުވެސް ދެކެމެވެ. ގެއަށް އައި މަގުމަތީގައި މާމަގެއަށް އަހަރުމެން މަޑުކުރީމެވެ. ގެއަށް ވަންއިރު މާމަ އުޅެނީ ފާހާނައިގައެވެ. ޓީވީ ހުރީ ހުޅުވައިފައެވެ. ހިންދީ ސީރީސްއަކީ މާމަގެ ކާނާއެވެ. އަހަރެން ސޯފާގައި އިށީނދެފައި ޗެނަލު ބަދަލުކޮށްލީމެވެ. ކުއްލިއަކަށް ފެންނަން ފެށީ ޖަވާހިރު ވިއްކާ ފިހާރައެއްގެ އިސްތިހާރެކެވެ. އިސްތިހާރު ފެންނައިރަށް ރީނާ ބުނި ޖުމުލައިގެމަތިން އަހަރެން ހަނދާންވިއެވެ. އަހަރެންގެ ސިކުނޑީގެ ފެހި ބޮކި ދިއްލުނީ އެ ވަގުތުއެވެ. ސިކުނޑިއަކީ ޑައިމަންޑް ޖަހައިފައިހުންނަ އެއްޗެއް ނޫނެވެ. އެ ހިސާބުން އަހަންނަށް ދެ ލޯ މަރައިލެވުނެވެ. ރީނާ ބުނި އެއްޗަކާއި މާޒީގައި ހިނގައިފައިވާ ކަންތައްތައް ރޮނގުތަކަކުން އަހަންނަށް ގުޅުވައިލެވުނެވެ. ބޮޑުމަންޒަރު ސާފުވިއެވެ. ރީނާ ރުޅިވި ސަބަބު އަހަންނަށް ވިސްނުނީ އެ ދުވަހުއެވެ.

ގެއަށް ގޮސް ކޮޓަރިއަށް ވަދެފައި ރަނގަޅަށް ހަމަޖެހިލީމެވެ. ރީނާއަށް ގުޅަން ތައްޔާރުވީމެވެ. ބުނަންވީ ވާހަކަތައް ސިކުނޑީގައި އަތުރައިލީމެވެ. ރީނާ ފޯނެއް ނުނަގާނެއެވެ.

"ތީތަ ރައްޓެހިންނަކީ؟" އަހަރެން މެސެޖު ލިޔަން ފެށީމެވެ. "އެންމެ ގާތް އެކުވެރިޔާ ކަންތައްކުރާ ގޮތަކީ ތީ؟ ސިކުނޑިއަކީ ޑައިމަންޑް ޖަހައިފައިހުންނަ އެއްޗެއް ނޫން. އަހަންނަށް ވެސް އެ ކަން އެނގެޔޭ! އެހެންވީމަ އަހަންނަށް ވުރެ ތަނަވަސް ސިކުނޑިއެއް ރީނާގެ ބޮލުތެރޭގައި އޮވެދާނެ. ޑައިމަންޑް ޖަހައިފައިހުރި ނަމަ އަހަރެން ގަންނަ ވަރުގެ ސިކުނޑިއެއް ރީނާއަކަށް ނުގަނެވުނީސް. ރަނގަޅު ވާހަކައެއް. އެކަމަކު، އަހަންނަށް ދެއްވި ކަހަލަ ތަނަވަސްކަމެއް ރީނާއަށް ނުލިބުން އެއީ އަހަރެންގެ މައްސަލައެއް؟ އަހަރެންތަ ރީނާއަށް ލިބެންޖެހޭ ރިޒުގު ބަންދުކޮށްގެން މިހިރީ؟ ރީނާއަށް ވުރެ އަހަރެން މުއްސަނދިވުމަކީ އެކުވެރިކަން ކަނޑާލަންޖެހޭ ވަރުގެ ބޮޑު ކުށެއްތަ؟ މީހުންނަށް ތިހާ ހަސަދަލާކަށް ނުވާނެ. ރީނާ ޖޭވަނީ ދޯ؟ ހިތަށް ކެތްނުވީ ދޯ؟ ތީ މަ ހީކުރި ވަރަށްވުރެ މާ ކަޑަ މީހެއް. ހިތްނުބައި މީހެއް. އަހަރެންގެ ފިރިމީހާއަކީ މުއްސަންޖަކަށްވެގެން ދުވަހަކު ވެސް ރީނާ ދެރަވާ ކަހަލަ ކަމެއް އަހަރެން ކުރިންތަ؟ ލަދުގަންނަންޖެހޭ ކަހަލަ ކަމެއް ކުރިންތަ؟ ވިއްޔާވެފައޮންނާނީ ފައިދާ. ކިތައް ދަތުރުދިޔައިން؟ ކިތައް ޗެކަޕްހެދިން؟ ކިހާ ވިޔަފާރިއެއްކުރިން؟ މުޅި އާއިލާއަށް ހަދިޔާގަތީ އަހަރެންގެ ލާރީގަކަން ހަނދާންނެތުނީ؟ ލަދުގެ ކަންފުޅެއް ވެސް ނެތްތަ؟ ހުރެބަލަ މަށާ ވާހަކަނުދައްކާ. ކަލެއަށް ހުރިހާ ގެއްލުމެއްވާނީ."

މެސެޖު ފޮނުވައިލައިފައި ފޯނު ނިއްވައިލީމެވެ. އަހަރެން ހުރީ ރުޅިއައިސްފައެވެ. އެކަމަކު ލޮލުން އަލިފާންކަނީގެ ބަދަލުގައި އޮހެންފެށީ ކަރުނައެވެ. ރީނާއަށް ނުލިބުނު ތަނަވަސްކަން އަހަންނަށް ލިބުމަކީ ރީނާ ރުޅިއަންނަންޖެހޭ ސަބަބެއް ހެއްޔެވެ؟ ކުރި ކުށަށް ރީނާ ޖެހޭނީ މާފަށްއެދޭށެވެ. ކުއްލިއަކަށް އަހަރެންގެ ކަންފަތްދޮށުގައި މީހަކު ބުނި ކަހަލައެވެ. ކަލޭ ތި ކުރީ ވަކި ރަނގަޅުކަމެއް ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާއާ ދިމާއަށް ކަލަގޮވުން އެއީ ކަލޭގެ ގަދަރު އުފުލުނުކަމެއް ހެއްޔެވެ؟ މިހާރު ދެ މީހުން އެއްވަރުވީއެވެ. އޭގެ ބަދަލުގައި އެކުވެރިޔާ ކުރި ކުށަށް މާފުކުރި ނަމަ މާ ރަނގަޅުވީހެވެ.

"އަސްލު ވެސް!" ހިތާހިތުން އަހަންނަށް ބުނެވުނެވެ.

މާފަށްއެދުމަށް ޓަކައި އަވަސްއަވަހަށް ފޯނު ޖެއްސީމެވެ. ވައިބާ ހުޅުވައިލީމެވެ. އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އަހަރެންގެ މެސެޖު ރީނާއަކަށް ނުދެއެވެ. އުފަލުން އަހަންނަށް ރޮވުނެވެ. އަވަހަށް މެސެޖު ފުހެލީމެވެ. ރީނާއަށް ކުރެވުނީ ކުށެކެވެ. އަހަރެން އެ ކަހަލަ ކުށެއް ނުކުރާނަމޭ ހިތަށްއެރިއެވެ. އަހަންނަށް ދިރިއުޅެން ފަސޭހަވާނީ އެ ގޮތުގައި އަހަރެން ހުރީމައެވެ. ރީނާއަކީ ގޯސް މީހެއް ނޫނެވެ. ދަނޑިވަޅުގެ ގޮތުން ރީނާއަށް ނުބައި ނިންމުމެއް ނިންމުނީއެވެ. ރީނާގެ ނިންމުން ކިތަންމެހާ ވެސް ނުބަޔެވެ. އަޑުންއަޑުނަގައިފައި ވިޔަސް އަހަރެން އެހެން ބުނާނަމެވެ. ހަމަ އެހެންމެ، ވިސްނައިނުލެވި ރީނާއަށް ކުރެވުނު ކުށަށް އަހަރެން މާފުކުރާނަމެވެ. އަހަރެން މިހިރީ ރީނާ މާފަށް އެދެންދެނެވެ.

ނިމުނީ