ޑިޒްނީގެ "ފްރޯޒެން 2" އާ ގެ ޓްރެއިލާ

އެނިމޭޓެޑް ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ޑިޒްނީގެ "ފްރޯޒަން" އަކީ ވަރަށް ހާއްސަ ފިލްމެކެވެ. ދެހާސް ތޭރައިގައި ގެނެސް ދިން ފިލްމުގެ ދެވަނަ ބައި ބެލުންތެރިންނާ ހަމައަށް އަންނާކަށް ދެން މާ ގިނަ ދުވަހެއް ވެސް ނެތެވެ.


އެހެންވެ އުފާކޮށްލަން "ފްރޯޒެން 2" ގެ އާ ޓްރެއިލާ ބަލައިލާށެވެ. ޑިޒްނީން މި ވަނީ ބެލުންތެރިން ޝައުގުވެރިކަން ހުއްޓޭނެ ގޮތަށް ފިލްމުގެ ދެވަނަ ޓްރެއިލާ ވެސް ދައްކާލައިފަ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 22 ގަ އެވެ. މި ފަހަރު ފިލްމުގެ ކެރެކްޓާތަކަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ކްރިސްޓެން ބެލް، އިޑީނާ މެންޒެލް، ޖޮނަތަން ގްރޮފް، ޖޯޝް ގޭޑް، ސެންޓީނޯ ފޮންޓާނާ އަދި އިވަން ރެޗެލް ވުޑް ހިމެނެ އެވެ.

ޖެނިފާ ލީ އާއި ކްރިސް ބަކް "ފްރޯޒެން' ޑައިރެކްޓް ކުރި ނަމަވެސް "ފްރޯޒެން 2" މި ފަހަރު ޑައިރެކްޓް ކުރީ ކްރިސް އެކަންޏެވެ.

ބޮކްސް އޮފީހުގައި 1.276 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ފްރޯޒެން" އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމެވެ. އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދީ އެންމެ 7 ފިލްމެވެ. އޭގެ ތެރެއިން 5 ފިލްމަކީ ޑިޒްނީގެ ފިލްމުތަކެވެ. އެއީ "ފްރޯޒެން" ގެ އިތުރުން 2010 ގެ "ޓޯއި ސްޓޯރީ 3"، ފައިންޑިން ޑޯރީ (2016)، ޒޫޓޯޕިއާ (2016) އަދި އިންސްކްރެޑިބަލް 2 (2018) އެވެ.

ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ފްރޯޒެން" އަކީ އޮސްކާ އާއި ގޯލްޑްން ގްލޯބްސްގެ އިތުރުން ބަފްޓާގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ މަގާމު ވެސް ހޯދާފައިވާ ފިލްމެކެވެ.