ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދާދި ފަހުން ޝޫޓިން ފެށި ވިކީ ކޯޝަލްގެ ތާރީހީ ބައޮގްރަފިކަލް ޑްރާމާ "އުދަމް ސިންގް" އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.


މި ފިލްމަކީ މިދިޔަ އަހަރު ވަރުން ދަވަންއާ އެކު، "އޮކްޓޯބާ" ގެނެސްދިން ސުޖިތު ސިރްކާ ޑައިރެކްޓް ކުރާ ފިލްމެކެވެ. "އުދަމް ސިންގް" އަކީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި ބަތަލު އަދި އިނގިރޭސިވިލާތުގައި މަރައިލި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި އޭނާގެ ރޯލުން ފެންނާނީ ވިކީ އެވެ.

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ބަތަލު ވިކީގެ ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ އަންނަ ނޮވެމްބަރުގެ މަހުުގެ 15 ގައި ރިލީޒް ކުރާ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" އެވެ.

ވިކީގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ "ތަހުތު" އާއި "އުރީ" ގެ ޑައިރެކްޓަރު ހަދާ ސުޕަހީރޯ ފިލްމެއް ހިމެނެ އެވެ.

"އުދަމް ސިންގް" އަންނަ އަހަރު ގެނެސްދޭ އިރު، އެ ފިލްމުގެ ކުރިން ސުޖިތު އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާއާ އެކު އަންނަ އަހަރު "ގުލާބޯ ސިތާބޯ" ކިޔާ ފެމިލީ ކޮމެޑީއެއް ގެނެސް ދޭނެ އެވެ. އެއީ އެޕްރީލް، 24، 2020 ގަ އެވެ.

"ސުޕަ 30" ގެ ލަވައެއް ދައްކާލައިފި

އަންނަ މަހުގެ 12 ގައި ރިލީޒްކުރާ ފިލްމު "ސުޕަ 30" ގެ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި މުރުނާލް ތާކޫރު ފެނިގެންދާ ލަވަ "ޖުގުރަފިޔާ" ކިޔާފައި ވަނީ އުދިތު ނާރަޔަން އާއި ޝްރެޔާ ގޯޝަލް އެވެ. ލަވައިގެ މިއުޒިކް އަތުލް-އަޖޭ ހަދާފައިވާ އިރު، މީގެ ޅެން ލިޔެފައި ވަނީ އަމީތާބް ބަޓަޗަރިއާ އެވެ.

"ސުޕަ 30" އަކީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ އަދި ޖޯނީ ލީވާ ހިމެނެ އެވެ.

މި ފިލްމަކީ 2017 ގައި ރިލީޒް ކުރި "ކާބިލް" އަށް ފަހު ސިނަމާ އަށް އަންނަ ރިތިކްގެ ފުރަތަމަ ފިލްމެވެ.

އަނުޝްކާ ފުލުހެއްގެ ރޯލަށް

މިދިޔަ އަހަރު ރިލީޒް ކުރި "ޒީރޯ" އަށް ފަހު، ބަތަލާ އަނުޝްކާ ޝަރުމާ ދެން ކުޅޭނެ އެއްވެސް ފިލްމެއް މިހާތަނަށް އަދި އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތަފާތު ކެރެކްޓާއެއް ކުޅެން ލިބޭ ކަހަލަ ވަރުގަދަ ސްކްރިޕްޓަކަށް އޭނާ ބަލަމުން އަންނަ އިރު، އެފަދަ އެއްޗަކާ މިހާރު ވަނީ ލައްވާލައިފަ އެވެ. އަދި އޭގައި އަނުޝްކާ ފެނިގެން ދާނީ ފުލުހެއްގެ ރޯލުން ކަމަށާއި ފިލްމު މާ ލަހެއް ނުވެ ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

އެކަމަކު އެ ފިލްމަކީ އޭނާ އަމިއްލަ އަށް ޕްރޮޑިއުސް ކުރާ ފިލްމެއްތޯ ނޫންތޯ ވެސް އަދި ކަށަވަރެއް ނޫނެވެ. އަނުޝްކާގެ ކްލީން ސްލޭޓް ފިލްމްސް އިން މިހާތަނަށް ތިން ފިލްމު ޕްރޮޑިއުސްކޮށްފައިވާ އިރު، އެ ފިލްމުތަކުގެ ބަތަލާއަކީ ވެސް އޭނަ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "ޕަރީ" އެވެ.

އާމިރުގެ "ލަގާން" ނެޓްފްލިކްސް އަށް

ރިލީޒް ކުރިތާ 18 އަހަރާ ދިމާކޮށް އާމިރު ހާންގެ ކާމިޔާބު ފިލްމު "ލަގާން" ނެޓްފްލިކްސް އިން ބެލުންތެރިންނަށް ގެނެސް ދީފި އެވެ.

އަޝުތޯޝް ގޮވަރިކާ ޑައިރެކްޓް ކުރި ކާމިޔާބު ފިލްމު ނެޓްފްލިކްސް އިން މިހާރު ސްޓްރީމް ކުރަން ފަށާފައިވާ އިރު، އެ ފިލްމުގެ ޓީމަށް އާމިރު ވަނީ ޝުކުރު އަދާކޮށް ޓްވީޓް ވެސްކޮށް އެވެ.

ދެހާސް އެކެއްގައި ރިލީޒް ކުރި "ލަގާން" އަކީ އެ އަހަރު އިންޑިއާ އިން އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ފޮނުވި ފިލްމެވެ. އަދި ފިލްމު އެ ކެޓަގަރީން ނޮމިނޭޓް ވެސް ވި އެވެ.

އާމިރާއި ގްރޭސީ ސިންގް ލީޑް ރޯލް ކުޅުނު "ލަގާން" އަކީ އިނގިރޭސީންގެ އަތްދަށުގައި އިންޑިއާ އޮތް ދުވަސް ވަރު ރައްޔިތުންގެ އަތުން ނަގާ ޓެކްސް ކްރިކެޓް މެޗެއް ކާމިޔާބުކޮށްގެން އުވައިލާ ގޮތް ދައްކުވައިދޭ ވަރަށް ވެސް ފުރިހަމަ އަދި އެހާމެ ރީތި ފިލްމެކެވެ.