ތިން މަސް ފަހުން ޓޭލާ ސްވިފްޓާއި ޓޮމް ހިޑެލްސްޓަންގެ ގުޅުން ވެސް ނިމުމަކަށް

މީގެ ތިން މަހެއްހާ ދުވަސް ކުރިން ލޯބީގެ ގޮތުން ގުޅުނު އެމެރިކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓާއި އިނގިރޭސި އެކްޓަރު ޓޮމް ހިޑެލްސްޓަންގެ ލޯބީގެ ގުޅުން ނިމުމަކަށް އަތުވެއްޖެ އެވެ.


ޓޭލާ، 26، އާއި ޓޮމް، 35، ރައްޓެހިވީ މިއުޒިޝަން އަދި ލަވަ ކިޔުންތެރިޔާ ކަލްވިން ހެރިސް އާއި ޓޭލާގެ ގުޅުމުގައި ސިއްކަ ޖެހުނުތާ ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެހާ އަވަހަށް އާ ލޯބިވެރިއަކު ހޯދައި އާންމުންގެ ތެރެއަށް ޓޭލާ ނިކުތުމުން ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި ބައެއް މީހުންގެ ފާޑު ކިޔުންތައް ވެސް އޭނާ އަށް އަމާޒުވި އެވެ.

ޓޭލާ އާއި ޓޮމްގެ ގުޅުން ފެށިގެން އައި އިރު ދެ މީހުން އެކުގައި ޗުއްޓީ ހޭދަ ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކާއި އަތު ގުޅުވާލައިގެން އާންމުންގެ ތެރެއަށް ނިކުމެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތައް ވެސް އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ދައުރުވަމުން ދިޔަ އެވެ.

އޭރު ޓޭލާ ބުނެފައި ވަނީ ޓޮމްއަކީ އޭނާ އެންމެ ބޭނުންވި ކަހަލަ ލޯބިވެރިއެއް ކަމަށާއި އޭނާއާ ގުޅޭ މީހަކާ ދިމާވީ އަދި ކިރިޔާ ކަމަށެވެ. ޓޮމް ވެސް ބުނެފައި ވަނީ ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ ކަމަށެވެ.

ޓޭލާ އާއި ކުރީގެ ލޯބިވެރިޔާ ކަލްވިން.

ލޯބީގެ ގުޅުން ފައްކާވަމުން އައި ދުވަސްވަރު ޓޭލާ ވަނީ އޭނާގެ މައިންބަފައިންނާ ވެސް ޓޮމް ބައްދަލު ކުރުވައިފަ އެވެ. އަދި ޓޮމް ވެސް ވަނީ އާއިލާ އަށް ޓޭލާ ތައާރަފުކޮށް ދީފަ އެވެ. އެހެންވެ މި ދެ މީހުންގެ ގުޅުން އޮތީ ވަރަށް ސީރިއަސް މަރުހަލާއެއްގައި ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.

އެހެން ނަމަވެސް އެހާ ލޯބިން އުޅެފައި ތިން މަހެއްހާ ދުވަސް ފަހުން ދެ މީހުން ވަކިވާން ޖެހުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެ މީހުންގެ ގުޅުން އެހާ ބޮޑަށް އާންމުންގެ ތެރޭގައި ހުޅުވިފައި އޮންނަން ޓޭލާ ބޭނުމެއް ނުވެ އެވެ.

އެހެން ނަމަވެސް އޭނާ އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް ގުޅުން، އާންމުންގެ ތެރޭގައި ޓޮމްގެ ސަބަބުން އެ ވަނީ އާންމުވެފަ އެވެ. އެހެންވެ އެކަމާ ޓޭލާ ހިތްހަމަނުޖެހޭ ކަމަށްވެ އެވެ.

ޓޭލާ އާއި ޓޮމް: ދެ މީހުން ވަކިވި ސަބަބެއް އަދި ނޭނގޭ.

ކޮންމެއަކަސް ޓޭލާ އަށް ފާޑު ކިޔާ ބައެއް މީހުން މިހާރު ބުނަނީ ކަންތައް މިދިޔައީ އެ މީހުން ހަމަ ކުރިން ވެސް ހީކުރި ގޮތަށް ކަމަށެވެ. އެ ގުޅުން މާ ގިނަ ދުވަހަކަށް ދެމިއެއް ނޯންނާނެ ކަމަށް ފާޑު ކިޔާ މީހުން ބުނެފައިވެ އެވެ. އަދި ޓޭލާއަކީ އެކަކާ ހިތާވެގެން އެހާ ގިނަ ދުވަހު އުޅެވޭ ކަހަލަ އަންހެނެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ޓޮމް އާ އެކު ކުރެވުނު ތަޖުރިބާގެ މައްޗަށް އަވަހަށް ލަވަ ހަދައިގެން އަލްބަމެއް ވެސް ނެރެން ފެންނަ ކަމެއް ބުނެ ބައެއް މީހުން ވަނީ ޓްވީޓް ވެސްކޮށްފައިވެ އެވެ.