ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ މަޝްހޫރު ރެޕާ އަދި ލަވަކިޔުންތެރިޔާ ބާދްޝާ އެކްޓަރެއްގެ ގޮތުގައި ތައާރަފުވާ ފިލްމު "ޚާންދާނީ ޝަފަޚާނާ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.


ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ޝިލްޕީ ދާސްގުޕްތާ ޑައިރެކްޓްކޮށްފައިވާ ފެމިލީ ކޮމެޑީއެކެވެ. ފިލްމުގެ ބަތަލާއަކީ ސޮނާކްޝީ ސިންހާ އެވެ.

"ޚާންދާނީ ޝަފަޚާނާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ވަރުން ޝަރުމާ، އައްނޫ ކަޕޫރް އަދި ނާދިރާ ބައްބަރު ހިމެނެ އެވެ. މި ފިލްމުގައި ކިޔައި ދޭނީ ސެކްސް ކްލިނެއް ހިންގާ ބައެއްގެ ވާހަކަ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 26 ގަ އެވެ. މިއާ އެކު ފިލްމު ބޮކްސް އޮފީހުގައި ވާދަ ކުރަން ޖެހޭނީ ކަންގަނާ ރަނާވަތުގެ "މެންޓަލް ހޭ ކިޔާ" އާއި ކްރިތީ ސެނަންގެ "އަރުޖުން ޕަޓިއާލާ" އެވެ. މި ފިލްމުގެ ކާސްޓްގައި ވެސް ވަރުން ހިމެނެ އެވެ.

މި ފިލްމަކީ "ކަލަންކް" އަށް ފަހު، މި އަހަރު ރިލީޒްވާ ސޮނާކްޝީގެ ދެވަނަ ފިލްމެވެ. އަންނަ އޮގަސްޓް މަހުގެ 15 ގައި އޭނާގެ "މިޝަން މަންގަލް" ވެސް ސިނަމާތަކަށް އަންނާނެ އެވެ.

ސޮނީ ޕިކްޗާޒް އަށް އިތުރު 4 ފިލްމު

މީގެ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ސޮނީ ޕިކްޗާޒް އިން އާ ހަތަރު ފިލްމެއް ގެނެސްދޭން ނިންމައި، އެ ފިލްމުތައް ޑައިރެކްޓަރުންނާ ހަވާލުކޮށްފި އެވެ.

އެ ފިލްމުތަކުގެ ތެރެއިން އެއް ފިލްމަކީ ތެލެގޫ ފިލްމެކެވެ.

އަނެއް ތިން ފިލްމުގެ ތެރެއިން އެއް ފިލްމު ޑައިރެކްޓް ކުރާނީ މިދިޔަ އަހަރު އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރާ އެކު "100 ނޮޓް އައުޓް" ގެނެސް ދިން އުމޭޝް ޝުކްލާ އެވެ. އަނެއް ދެ ދެ ފިލްމުގެ ޑައިރެކްޓަރުންނަކީ "ބާގީ" ގެ ޑައިރެކްޓަރު ސަބީރު ހާނާއި "ހައުސްފުލް 3" ގެ އެއް ޑައިރެކްޓަރު ސާޖިދު ސަމްޖީ އެވެ.

ސޮނީ ޕިކްޗާޒުން ބުނި ގޮތުގައި މި ފިލްމުތަކުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެން ދާނެ އެވެ. އެކަމަކު ފިލްމުތަކުގެ ނަންތަކާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.

"ހުރުދަންގް" ގެ ޝޫޓިން އަންނަ މަހު

ތިނެސްކަން ލޯބީގެ ވާހަކައަކަށް ހަދާ ފިލްމު "ހުރުދަންގް" ގެ ކާސްޓުން އިއުލާންކޮށް، އަންނަ މަހުގެ 1 ވަނަ ދުވަހު އެ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

ފިލްމުގެ ކާސްޓުންނަކީ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް، ނުޝްރަތު ބަރޫޗާ އަދި ވިޖޭ ޝަރުމާ އެވެ.

"ހުރުދަންގް" ޑައިރެކްޓަރަކީ ނިކިލް ނާގޭޝް ބަޓެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ އަންނަ މަހު ރިލީޒް ކުރާ އެކްތާ ކަޕޫރުގެ "މެންޓަލް ހޭ ކިޔާ" އާއި އޮގަސްޓް 2 ގައި ރިލީޒް ކުރާ އެކްތާގެ "ޖަބަރިޔާ ޖޯޅީ" ގައި ވެސް ހިއްސާ ޝާއިލޭޝް އާރް ސިންގެވެ.

"އަރުޖުން ޕަޓިއާލާ" ގެ ޓްރެއިލާ ދައްކާލައިފި

ރިލީޒް ކުރާ ތާރީހު އެކި ފަހަރު މަތިން ބަދަލުވަމުން ގޮސް މިހާރު އަންނަ މަހުގެ 26 އަށް ތާވަލުކޮށްފައިވާ ފިލްމު "އަރުޖުން ޕަޓިއާލާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ރޮމޭންޓިކް ކޮޕް ސްޕޫފް ކޮމެޑީގެ ތަރިންނަކީ ދިލްޖީތު ދޮސަންޖާއި ކްރިތީ ސެނަންގެ އިތުރުން ވަރުން ޝަރުމާ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރޯހިތު ޖުގްރާޖެވެ.

"އަރުޖުން ޕަޓިއާލާ" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ލުކާ ޗުއްޕީ" އާއި މިދިޔަ އަހަރު "އިސްތިރީ" ގެނެސް ދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން ގެނެސްދޭ ފިލްމަކަށްވާތީ ފިލްމަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.

އެ ސްޓޫޑިއޯ ފާހަގަ ކުރެވެނީ ވަރަށް ރިއަލިސްޓިކް އަދި ބެލުންތެރިންނާ ވަރަށް ރިލޭޓްވާ ކަހަލަ ފިލްމުތައް ގެނެސްދޭ ސްޓޫޑިއޯއެއްގެ ގޮތުގަ އެވެ.

އެގޮތުން "އަރުޖުން ޕަޓިއާލާ" ގެ ޓްރެއިލާ އިން ވެސް ފިލްމަކީ ޝައުގުވެރި ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑެވެ.