ހަމަލާ ދިން ކަމަށް ބުނެ ނޫސްވެރިޔަކު ސަލްމާން ހާނަށް ދައުވާކުރަނީ

ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާނާއި އޭނާގެ ސެކިއުރިޓީންގެ ބަޔަކު ހަމަލާދީ، ފޯނު ފޭރި ގަނެ، އޭގައި ހުރި ޑޭޓާތައް ޑިލީޓްކުރުވި މައްސަލާގައި އިންޑިއާގެ ޓީވީ ޗެނެލެއްގެ ނޫސްވެރިއަކު ސަލްމާނަށް ދައުވާކުރަން މުމްބާއީގެ އަނދޭރީގެ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.


ސަލްމާނަށް ދައުވާކުރަނީ ޓީވީ ޗެނެލް JK24x7 ގެ މަހާރަޝްތުރާ ސްޓޭޓްގެ ހެޑެއްގެ ގޮތުގައި މަސައްކަތްކުރާ އަޝޯކް އެސް ޕާންޑޭ އެވެ.

އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ސަލްމާން މުމްބާއީގެ މަގެއްގައި ބައިސްކަލް ދުއްވަން އުޅެނިކޮށް ފެނިގެން ވީޑިއޯ ކުރުމުން ސަލްމާނާއި ސެކިއުރިޓީގައި އުޅުނު ބަޔަކު ހަމަލާދީ ބިރު ދައްކައި، އިންޒާރު ދީ ފޯނު ވެސް ފޭރިގަތް ކަމަށެވެ. އަދި ފޯނުގައި ހުރި ޑޭޓާތައް ވެސް އެއްކޮށް ޑިލީޓް ކުރުވާފައިވާ ކަމަށް ބުންޏެވެ.

އަޝޯކްގެ ވަކީލު ނީރަޖް ގުޕްތާ މީޑިއާތަކަށް ވިދާޅުވީ ސަލްމާނާއި އޭނާގެ ޓީމުން އަޝޯކާ ދިމާކޮށްލުމުން ދިފާއުގައި މަސައްކަތް ކުރުމުން ސަލްމާން ވަރަށް ހުތުރު ބަހުން މުއާމަލާތްކޮށް، އިންޒާރު ވެސް ދީފައިވާ ކަމަށެވެ.

"މި މައްސަލާގައި ކޯޓަށް ދާން ނިންމީ ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރީމަ އެ މީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނީމަ،" އޭނާ ވިދާޅުވި އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިހާރު ވަނީ އަންނަ މަހުގެ 12 އަށް ތާވަލުކޮށްފަ އެވެ.

ސަލްމާން، 53، އަކީ އަބަދު ވެސް މިކަހަލަ ކޮންމެވެސް މައްސަލަގަނޑެއްގެ ތެރޭގައި އުޅެން ޖެހޭ އެކްޓަރެކެވެ.

މި މަހުގެ 5 ގައި ރިލީޒް ކުރި އޭނާގެ އެންމެ ފަހުގެ ފިލްމު "ބާރަތު" ގެ ޕްރޮމޯޝަނަލް އިވެންޓަކަށް ނުކުމެ އުޅެނިކޮށް، އެއްވި ބަޔަކު ދުރަށް ޖައްސަން އުޅުމުގެ ތެރޭގައި ސެކިއުރިޓީއަކަށް ކުޑަކުއްޖަކު ކޮއްޕާލެވުމުން ސަލްމާން ވަނީ ސެކިއުރިޓީގެ ކަންކަށީމަތީގައި ވެސް ޖަހައިފަ އެވެ. އަދި އެ މަންޒަރު ފެންނަ ވީޑިއޯ ވެސް ދައުރުވެފައިވާ އިރު ވަރަށް ގިނަ ބަޔަކު ސަލްމާނަށް ފާޑު ކިޔާފައިވެ އެވެ.

މިހާތަނަށް ކޯޓްގައި ހިނގި ސަލްމާންގެ އެންމެ ބޮޑު އެއް މައްސަލައަކީ އަދިވެސް މުޅިން ކޮޅެއްގައި ނުޖެހި އޮތް ޝިކާރަ ކުރުމުގެ މައްސަލަ އެވެ. އެއީ ފިލްމެއްގެ ޝޫޓިންއަކަށް ރާޖަސްތާނަށް ގޮސް އުޅުމުގެ ތެރޭގައި ހިޔާމަތްކޮށްފައިވާ ދަޅުފީނި ފުއްލާ ޝިކާރަ ކުރި ކަމަށް ބުނާ މައްސަލަ އެވެ.