ދެކޭހިތްވޭ ނިކަން

އާދިއްތަ ދުވަހާ ގުޅޭ


"މީ ކާކު ކާކަށް ހަދާފަހުރި އެއްޗެކޯ؟" މަންމަ ސުވާލުކުރިއެވެ.

އެންމެ މުހިންމު ސުވާލުގެ ޖަވާބުދޭން ބައްޕަ އުޅެނިކޮށް އަހަރެން ފަހަތުގައި ހުރިތަން ފެނުނެވެ. އެ ހިސާބުން އެ ވާހަކަ މެދުކެނޑުނެވެ. ދެން ދެއްކީ އަހަރެންގެ ވާހަކައެވެ.

"ދަރިފުޅު ކޮންއިރަކު އައީ؟" މަންމަ ބުންޏެވެ. "ހިނގާ ދެން އެހެން ބޭހެއްއަޅަމާ! މަންމައަށް ހީވަނީ ދެން ކޮންމެ ބޭހެއް އެޅިޔަސް ރަނގަޅުވާނެހެން."

މައިންބަފައިންގެ ނަޒަރުގައި ދަރިންނަށް އެނގެންޖެހޭ އެއްޗެއްސާއި އެނގެންނުޖެހޭ އެއްޗެހި ހުރެއެވެ. ވީމާ، ކޮންމެކޮންމެ ވާހަކައެއް ދަރިންނަށް އިވޭ ހިސާބަކު ނުދައްކައެވެ. އަހަރެންގެ ފައިގައި ދެން އެޅީ ވަރަށް އާދައިގެ ދިވެހި ބޭސްގަނޑެކެވެ. އެ ބޭސް ހެދީ ކާފޫރުފެނުގައި ފާރޮށި ފޯކޮށްގެންނެވެ. އެއަށްފަހު ފޮތިގަނޑަކަށް ފާރޮށި އަޅައި، ވަރަށް ރަނގަޅަށް ފެލައިފައި ފާރޮށިތައް ފައިގައި އެޅިއެވެ. ދެ ގަޑިއެއްހާއިރު ފަހުން ބައްޕަ އައީ ހިންދޫރަ ފުޅިއެއް ހިފައިގެންނެވެ. ހިންދޫރައަކީ ރަތްރީނދޫ ކުލައެއްގައި ހުންނަ ކުނޑިބޭހެކެވެ. ބައްޕަގެ އަތަށް ހިންދޫރަ އެޅުމަށް ފަހު، ކާފޫރު ފެންފޮދެއް އަޅައިގެން ހިންދޫރަ ގަށައިފައި ފައިގައި އެޅިއެވެ. ފައި ރަނގަޅުވާން ފެށީ އެ ފަހަރު އެޅި ބޭސްގަނޑުންނެވެ. ބޭސްގަނޑުއެޅިތާ ދެތިން ގަޑިއިރު ތެރޭގައި ފަޔަށް ލުއިވާން ފެށިއެވެ. ގޯތިތެރެއިން ނެގި ސިހުރާ ބެހޭގޮތުން ބައްޕަ މީހަކާ މަޝްވަރާކުރި އަޑުއެހީމެވެ. އެ ސިހުރު ހަދައިފައިހުރީ ކާކަށްކަމެއް ބައްޕައަކަށް ވެސް ނޭނގެއެވެ. ފާލުބެލިމީހާ ބުނި ގޮތުގައި އެންމެ ފުރަތަމަ އެ ސިހުރަށް އެރުނީ އަހަންނަށެވެ. ސިހުރުހެދީ ގެއަށް ވަދެއުޅޭ މީހެކެވެ.

މަސްދުވަހުގެ ތެރޭގައި ފައި އެއްކޮށް ރަނގަޅުވިއެވެ. ލަކުނު ވަރަށް ބޮޑެވެ. މުޅި ޖުމުލަ ގާތްގަނޑަކަށް ހަތް މަސް ވަންދެން އެ ކަމެއްގައި އަހަރެން އުޅެންޖެހުނެވެ. ގައިން ލޭ މަދުވުމާއި، ބޮލުގައިރިހުމުގެ ކުޅިގަނޑު ފެށުނީ އޭގެ ފަހުންނެވެ. އެއީ ސިހުރުގެ އަސަރުކަމެއް ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގެއެވެ. އެ ހާދިސާގެ ފަހުން ގޭގައި ފިރިހެނުން ބޭތިއްބުމަކީ ބައްޕަ މާ ގަޔާވާކަމަކަށް ނުވެއެވެ. ގޭގައި އުޅުނު ނުވަ މީހުންގެ ތެރެއިން ހަ މީހުނަށް ނުކުންނަން އެންގިއެވެ. އެކަކު ވެސް ގަދަކަމަކުން ފޮނުވައެއްނުލައެވެ. އިތުރު މީހަކު ގެއަށް އައި ވެސް މެއެވެ. އެ މީހަކީ އަހްސަންއެވެ.

އަހްސަން ގޭގައި އުޅެން ފެށުމާއެކު ދެން ތިބި ކުދިންނަށް އަމުރުކޮށް ގޮތްކިޔަން ފެށިއެވެ. ބައެއް ކުދިން ރޮއްވައިލައެވެ. އެ ކަމާ އަހަރެން ވަރަށް ހިތްހަމަނުޖެހުނެވެ. ބޭރުން ގެއަށް އައި މީހަކަށް، ގޭގައި އުޅޭ އެހެން ކުއްޖަކާ ދިމާއަށް އެއްޗެއް ބުނެވިގެން ނުވާނެއެވެ. ބައްޕަޔާ ހަމައަށް އެ މައްސަލަ ގެންދިޔުމުން އަހްސަން ތަންކޮޅެއް މައިތިރިވިއެވެ. އެކަމަކު އޭގެ ފަހުން އަހަންނާ ދޭތެރޭ އަހްސަންގެ ހިތުގައި ޒާތީކަމެއް އޮންނަހެން އަހަންނަށް ހީވިއެވެ. އަހަރެން ތަނެއްގައި އެކަނި ހުއްޓައި ފެނިއްޖެއްޔާ ގާތަށް އައިސް ވާހަކައެއް ފަށަން އަހްސަން މަސައްކަތްކުރެއެވެ. އަހަރެން ކޮންމެވެސް ބަހަނާއެއް ދައްކައިފައި އެ ތަނަކުން ދަނީއެވެ.

ގޭގައި ހުރި ފޭރުގަހުގައި ފޭރެއް ރިއްސެޔޮލަމުންއައި ދުވަސްވަރެކެވެ. އެ ގަހުގައި އަޅާ ފޭރުގެ ވަސް ގަދަވެފައި، ރަހަމީރެވެ. ފޭރުގަހުގެ ގޮފިތައް ހުންނަގޮތުން އެ ގަހަށް އަރަން އަހަރެން ވަރަށް ޖެހިލުންވެއެވެ. ފައި ރަނގަޅުވި ފަހުން ވެސް އަހަންނަށް ހީވަނީ ފަޔަށް ތަދެއްއަރައިފާނެހެންނެވެ. އޭރު ގޭގައި ތިން ފިރިހެންކުދިން އުޅުނެވެ. އެ ކުދިންގެ އުމުރު ހަގުވެފައި، ތިބޭލެއް ބަލިކައްޓެވެ. އަހްސަން ހުންނަނީ ސަމައްތަރު ހެޔޮކޮށެވެ. އެހެންވީމައި، ދެ ހިޔާލުގައި ހުރެފައިމެ އަހްސަންގެ އެހީއަށް އެދުނީމެވެ. ފޭރުގައި ނާށިލައިދިނުމަށް އެދުނީމެވެ. ވަގުތުން އަހްސަން އެއްބަސްވިއެވެ. ހީވަނީ އެ ފަދަ ދަނޑިވަޅަކަށް އަހްސަން ބޭނުންވެފައިހުރިހެންނެވެ.

އަހްސަން ފޭރުގަހަށް އަރައިއުޅުމުގެ ތެރޭގައި ކަކުލުން ތަންކޮޅެއް މަށައިގެންދިޔައެވެ. އަހަންނަށް ކަމެއްކޮށްދޭން އުޅެނިކޮށް އަހްސަނަށް އަނިޔާއެއްވުމަކީ އަހަރެންގެ ހަމްދަރުދީ އަހްސަނަށް ދޭން އަހަރެންގެ ނަފުސު އަހަންނަށް މަޖުބޫރުކުރި ކަމެކެވެ. އެ ކަމެއް ހިނގުމަށް ފަހު، އަހަރެން ފެނިއްޖެއްޔާ އަހްސަން ހިނިތުންވެއެވެ. ތެދަށް ބުނާ ނަމަ އެ ހިނިތުންވުން ރައްދުކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެ ވަރުގެ ކަމެއް އަހްސަން ނުކޮށްދެއެވެ. އެކަމަކު ކިބުރުވެރިޔެއްގެ ލަގަބު ލިބޭކަށް އަހަރެން ބޭނުމެއް ނުވެއެވެ. ނުދަންނަ ފިރިހެނުންގެ ސަލާމާއި ހަދިޔާ ގަބޫލުކުރީ ވެސް އެހެންވެއެވެ.

އެއްދުވަހަކު ގޯތިތެރޭގައި ފަސްއޮށްކުޅެން އަހަރެން އިންދައި އަހްސަން ގޮވައިލިއެވެ. އަހަރެން ދިޔައީމެވެ. އަހްސަން އުޅޭ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނީމެވެ. މެހުމާންސަރާގެ އެއްވެސް ކޮޓަރިއަކަށް އަހަރެން ނުވަންނަމެވެ.

"ކިހިނެއްވީ؟" އަހަރެން އެހީމެވެ.

އަހްސަން އިނީ އެނދުގައި އިށީނދެލައިގެންނެވެ. މުންޑެއްއަނދެގެން ހުސްގަޔާއެވެ. ކޮނޑުގައި ތުވާއްޔެއް އޮތެވެ.

"ކުޑަ ކަމަކު. ވަދެބަލަ އެތެރެއަށް!" އަހްސަން އެދުނެވެ.

އަހަރެން ފަސްޖެހުނީމެވެ. އެތެރެއަށް ނުވަނަކަސް އަހްސަން ދައްކަންއުޅޭ ވާހަކައެއް ދެއްކޭނެއެވެ.

"ތިހާ ބޮޑާވާކަށް ނުވާނެ!" އަހްސަން ބުންޏެވެ.

އަހަރެން ވަނީމެވެ. އަހްސަންގެ އެނދު ކައިރިއަށް ހުއްޓުނީމެވެ. އަހްސަން ކުރަން އުޅެނީ ކީއްކަމެއް އަހަންނަކަށް ކުޑަކޮށް ވެސް ނޭނގެއެވެ.

"އަތާއަތާ ޖަހާބަލަ!" އަތްދިއްކޮށްލައިފައި އަހްސަން އެދުނެވެ.

އަތާއަތާޖެހުމަކީ، އެކެއްގެ އަތްތިލަ ދިއްކުރުމުން އެ އަތުގައި އަނެކެއްގެ އަތްތިލައިން ޖަހައިލުމެވެ. ބޭނުމަކީ އެ މީހަކު ބުނި ބަސް ކަށަވަރުކޮށްދިނުމެވެ. އާންމުކޮށް އަތާއަތާޖަހާނީ ބުނާ އެއްޗެއް ބުނެފައި ފަހުންނެވެ. އަތާއަތާޖަހައިފި ނަމަ އެ ބުނީ ވަރަށް ބޮޑު ތެދެއްކަން ސާބިތުކޮށްދެވުނީއެވެ. އަނެއްބައި ފަހަރު އަތާއަތާޖަހާނީ އެއްޗެއް ބުނުމުގެ ކުރިންނެވެ. އެ ފަދަ ހާލަތުގައި އަތާއަތާޖަހައިފި ނަމަ، ފަހުން ބުނާ ކަމެއް ކުރުން މަޖުބޫރުވާނެއެވެ. އަހަންނަކަށް އެ ބަޔެއް ނޭނގެއެވެ.

"ކީއްކުރަން އަތާއަތާޖަހަނީ؟" އަހަރެން އެހީމެވެ.

"ޖަހާބަލަ! ޖެހީމައެއްނު އެނގޭނީ." އަހްސަން ބޭނުންވީ ކުރީބައިގައި ޔަގީންކަން ހޯދާށެވެ.

ދެވަނަ ފަހަރު އަހްސަން އެހެން ބުނުމުން އަހަރެން އަތާއަތާޖެހީމެވެ. އޭނަ ދިއްކޮށްގެން ހުރި އަތްތިލައިގައި އަހަރެން އަތުން ޖަހައިލީމެވެ.

"ތި އަތާއަތާޖެހުނީ އަހަންނާ އިންނަންކަމަށް،" އަހްސަން ބުންޏެވެ. "ދެން ޖެހޭނީ އިންނަން."

އަހަންނަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އެ ފަދަ އެއްޗެއް އަހްސަން ބުނެފާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. އަހްސަނަކީ ދުވަހަކު ވެސް އެ ކަހަލަ ވާހަކައެއް ދެއްކި މީހެއް ނޫނެވެ.

"ދައްކާ ވާހަކަ!" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ.

އަހަރެން ކޮޓަރިން ނުކުތީއެވެ. އެ ކަން ހަނދާންނައްތައިލީމެވެ. އަހްސަން ވެސް އަލުން އެ ވާހަކައެއް ނުދައްކައެވެ. ފޭރު ދޮންވިއެވެ. ފޭރު ބިނީ ވެސް އަހްސަނެވެ. އަހްސަންގެ ކޮޓަރި ހުރަސްކުރިއިރު ފޭރު ވަސްދުވައިގެން އަހަންނަށް ހުއްޓެވުނެވެ. ކޮޓަރިތެރެ ބަލައިލިއިރު ފޭރު އޮތީ އެނދުމަތީގައެވެ. މުޅި ކޮޓަރިން ދުވަނީ ފޭރު ވަހެވެ. އަހްސަން ފެންނާކަށް ނެތެވެ. ވީމާ، ފޭރު ނަގާކަށް ނުކެރުނެވެ.

"ފޭރު ނަގާބަލަ!" އަހްސަން އެދުނެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހްސަން ހުރީ އަހަރެންގެ ފަހަތުގައެވެ.

"ވަދެބަލަ!" އަހްސަން އެދުނެވެ. "އަހަންނަށް ހީވަނީ އެ ފޭރު ވަރަށް މީރުވާނެހެން."

ފޭރުގެ އަވައިގައިޖެހިގެން އަހަރެން ވަނީމެވެ. ފަހަތުން އަހްސަން ވެސް ވަނެވެ. ފޭރު ނަގައިގެން އަހަރެން ހިނގައިގަތީމެވެ.

"އިހަށް މަޑުކޮށްލަބަލަ!" އަހްސަން އެދުނެވެ.

އަހަރެން ހުއްޓުނީމެވެ. އަހްސަން އަލަމާރި ހުޅުވައިލައިފައި ސިޓީއުރައެއް ނެގިއެވެ. އަހަންނަށް ދިއްކޮށްލިއެވެ.

"މި ގެންގޮސް ބައްޕަ އަތަށް ދީބަލަ!" އަހްސަން ބުންޏެވެ.

ސިޓީއުރައިގެ ބޭރަކު އެއްވެސް ލިޔުމެއް ނެތެވެ. ފޭރާއި ސިޓީއުރަ ހިފައިގެން އަހަރެން ނުކުތީމެވެ. އެ ސިޓީއަކީ އަހަރެންގެ ހަޔާތުގައި ވަރުގަދަ ސިއްކައެއްޖެހިގެންދާނެ ސިޓީއެއްކަމެއް ކުޑަކޮށް ވެސް ނުދެނަހުރީމެވެ. އެނގުނު ނަމަ ސިޓީ ވީދާލައިފައި، އެ ކުނޑިކަރުދާސްތައް އަންދައިލީމުހެވެ.

"ޝުކުރިއްޔާ!" ދަމުންދަމުން އަހަރެން ބުނީމެވެ.

ސިޓީއުރަ ހިފައިގެން ބައްޕަ ކޮޓަރިއަށް އަހަރެން ވަންއިރު ބައްޕަ އިނީ ޤުރުއާންކިޔަވާށެވެ. އަހަރެން ފެނުމުން ބައްޕަ ނިތްއެއްލިއެވެ. ކިހިނެއްވީހޭ އަހާ ކަހަލަ ގޮތަކަށެވެ. އަހަރެން ސިޓީއުރަ ދައްކައިލައިފައި އެނދުމަތީގައި ބޭއްވީމެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނެތިއެވެ. އެއްވެސް އެއްޗެއް ބުނުމަކާ ނުލައެވެ. ސިޓީއުރައިގެ ބޭރު ހުސްކޮށްއޮތުމުން އަހަރެންގެ ހިތުގައި ސުވާލު ނުއުފެދުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ލައްވައި އެ ސިޓީ ބައްޕައާ ހަވާލުކުރުމުގެ މަގްސަދާ ދޭތެރޭގައި އަހަންނަށް ވިސްނައިނުލެވުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހަގީއެވެ. ސިކުނޑި ޅައީއެވެ. އިންސާނުންގެ ކެހިވެރިކަން އަހަންނަށް ތަޖުރިބާކުރެވިފައި ނެތީއެވެ. އަހަރެން ބެލީ ފޭރު ކެވޭތޯއެވެ. ބަދިގެއަށް ވަދެ ފޭރު ކާންއިންދައި، ގޭތެރޭގައި މާ ވަސްގަދަވެގެން މަންމަ އައުމުން މަންމައަށް ވެސް ފޭރު ފޮއްޗެއް ދިނީމެވެ. އެއްކޮޅުން ފޭރުގެ މީރު ރަހައިން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދިންއިރު، އަނެއްކޮޅުން އަހަރެންގެ ނަސީބުގެ ގަލަމުގެ ދޯރި ނެގި، ހަޔާތުގެ ކަޅު ސުރުހީއެއް ދިޔައީ ލިޔެވެމުން، ފެވެމުންނެވެ.

ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. ރޭޑިޔޯއިން އިވެމުންދިޔައީ ދިވެހި ރިކުއެސްޓު ޕުރޮގުރާމެވެ. ލަވަޔަށް އެދިފައިވާ މީހުންގެ ދިގު ލިސްޓު ކިޔައި ނިމުނުއިރު، ޕުރޮގުރާމު ހުށައަޅައިދިން މީހާ ހުރީ ވަރުބަލިވެފައެވެ. ފެށީ "މި ދެ ހިތް އަލަކުން ނުގުޅޭނޭ، ތިޔަ ކުރި އަނިޔާ ނުފިލާނޭ" އެވެ. އެއީ އަހަންނަށް ވަރަށް ރީތި ލަވައެކެވެ. އެކަމަކު ލަވައިގެ ފުރަތަމަ ކަޑި ފެށިތަނާ ވަގުތު ހަމަވެގެން ލަވަ ނިންމައިލިއެވެ. ނިދަންދާން އަހަރެން ތެދުވީމެވެ. އެ ވަގުތު ބައްޕަ ކޮޓަރިން ނުކުތެވެ. ބައްޕަ އަތުގައި ކަރުދާސްގަނޑެއް އޮތެވެ. އަހަރެން ފެނުމާއެކު ބައްޕައަށް ވީގޮތް ދުވަހަކު ވެސް އަހަރެން ހަނދާނެއް ނުނެތޭނެއެވެ. ހުރި ފިޔަވަޅުމައްޗަށް ބައްޕަ ހުއްޓުނެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ބައްޕަ ހުރިއިރު ބައްޕަގެ މޫނުމައްޗަކު އެއްވެސް އިހުސާސެއް ނެތް ކަހަލައެވެ. ބައްޕައަށް ފެންނަންހުރީ އަހަރެންކަން ބައްޕައަށް ޔަގީންނުވާ ކަހަލައެވެ.

"ބައްޕާ!" އަހަރެން ގޮވައިލީން ވެސް މެއެވެ.

ކޮންމެވެސް އެއްޗެއް ބުނަން ބައްޕަ މަސައްކަތްކުރިއެވެ. ކުރިޔަށް ފިޔަވަޅެއްއަޅަން ބައްޕަ އުޅުނުހެން ވެސް ހީވިއެވެ. އެހެންނަމަވެސް ބައްޕަގެ ފައި ހަރާކަތެއް ނުކުރިއެވެ. ބައްޕަގެ ދުލަކަށް ލަފުޒެއް ނައެވެ. ބޭރުކޮށްލީ ފުން ނޭވާއެކެވެ. އެއަށް ފަހު، އިސްޖަހައިލައިގެން އެނބުރި ކޮޓަރިއަށް ވަނީއެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. އެ ފަދަ މަންޒަރެއް ދުވަހަކު ވެސް ފެނިފައިނުވާތީއެވެ. ހިލެމުންދިޔަ މެޓާގަނޑުގެ އެއްވެސް ވަހެއް އޭރަކު އަހަންނަކަށް ނުދުވައެވެ.

ނުނިމޭ