ނޫސްވެރިން ކަންގަނާ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ބޮއިކޮޓްކޮށްފާނެ ކަމުގެ އިންޒާރު ދީފި

ބަތަލާ ކަންގަނާ ރަނާވަތުގެ ވާހަކަ މީޑިއާތަކުގައި އަބަދުވެސް އެންމެ ބޮޑަށް ދެކެވެނީ ކޮންމެވެސް ނެގަޓިވް ކަމަކާ ގުޅުވައިގެންނެވެ. މި ފަހަރު އަނެއްކާ ވެސް އޭނާގެ މައްސަލަގަނޑެއްގެ ވާހަކަ އެވެ.


މި ފަހަރު މައްސަލައަކަށްވީ މި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ، ކަންގަނާގެ އެންމެ ފަހުގެ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ލަވައެއް ލޯންޗް ކުރަން އާދިއްތަ ދުވަހު ބޭއްވި އިވެންޓެއްގެ ތެރޭގައި އޭނާ ނޫސްވެރިއަކާ ޒުވާބު ކުރުމެވެ. މިކަމެއް ހިނގީ އިވެންޓް ކަވަރުކުރަން ދިޔަ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ގެ ޖަސްޓިން ރާއޯ ކިޔާ ނޫސްވެރިޔަކު ކަންގަނާއާ ސުވާލެއް ކުރަން އުޅުމުން ފުރުސަތު ނުދީ، ކަންގަނާ އޭނާ އަށް އެއްޗެހި ކިޔުމުންނެވެ.

އެގޮތުން ކަންގަނާ ވަނީ އޭނާ ޑައިރެކްޓްކޮށް، ބަތަލާގެ ރޯލް ކުޅެ، ޖެނުއަރީ މަހު ރިލީޒް ކުރި ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އާ ބެހޭ ގޮތުން އެ ނޫސްވެރިޔާ ވަރަށް ވަރުގަދަ އަށް އެންޓި-ކެމްޕޭނުކޮށް، ކަންގަނާ އާއި އޭނާގެ ފިލްމާ ދެކޮޅަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭގެ ރައްދުގައި ޖަސްޓިން ވަނީ އެންޓި-ކެމްޕޭނަށް އޭނާ ލިޔުނީ ކޯއްޗެއްތޯ ކަންގަނާއާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ކަންގަނާ ނުރުހުމާ އެކު ބުނީ ތިއީ ވަރަށް މުޑުދާރު، ވިސްނުން ވެސް އެހާ މުޑުދާރު މީހެއް ކަމަށާއި އެފަދަ މުޑުދާރު ހިޔާލުތައް އަންނަނީ ވެސް ކޮންތާކުންތޯ ސުވާލުކޮށްފަ އެވެ.

"އަހަރެން ފިލްމެއް ހެދީމަ މައްސަލައަކަށް ވާންޖެހޭ ސަބަބަކީ ކޮބާ؟ އަހަންނާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކަން،" އާންމުވެފައިވާ ވީޑިއޯއެއްގައި ކަންގަނާ އަހާ ތަން ފެނެ އެވެ.

މި ޒުވާބުގަނޑު ހޫނުވުމުން ނޫސްވެރިޔާ ވަނީ އިވެންޓްގެ ތެރޭގައި ވަރަށް ބޮޑަށް އަޑު ވެސް ގަދަކޮށްފަ އެވެ. އަދި އޭނާ ކޮންޓްރޯލް ކުރަން ކައިރީގައި ތިބި މީހުންނަށް މަސައްކަތް ކުރަން ވެސް ޖެހުނެވެ.

ކަންގަނާއާ ބެހޭ ގޮތުން ޖަސްޓިން ކުރިން ކުރި ޓްވީޓެއް.

އެ އިވެންޓްގައި "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ބަތަލު ރާޖްކުމާރު ރާއޯ އާއި ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ އިތުރުން ފިލްމުގެ ޓީމުގެ އެހެން ބައެއް މީހުން ވެސް ބައިވެރިވި އެވެ.

މައްސަލަގަނޑު ހިލުމުން ކަންގަނާ ދައްތަ އަދި ޓްވިޓާގައި އަބަދު ވެސް މީސްމީހުންނަށް ހުތުރުކޮށް ބަވާ ރަންގޯލީ ޗަންދެލް ވަނީ ނޫސްވެރިޔާ އަށް ވެސް ވަރަށް ގަދައަށް އެއްޗެހި ކިޔައިފަ އެވެ.

މީޑިއާތަކުން މިހާރު ވަނީ ޖަސްޓިންގެ ދިފާއުގައި ނުކުންނަން ނިންމައިފަ އެވެ. އެގޮތުން ކަންގަނާ އާއި "ޖަޖްމެންޓަލް ހޭ ކިޔާ" ޓީމުން ނޫސްވެރިޔާގެ ކިބައިން މައާފަށް ނޭދޭ ނަމަ، މީޑިއާތަކުން އެ ފިލްމުގެ ޕްރޮމޯޝަންތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. މީގެ ތެރޭގައި އެކި މީޑިއާތަކުގައި މަސައްކަތް ކުރާ ސީނިއާ ނޫސްވެރިން ވެސް ހިމެނެ އެވެ. ނޫސްވެރިން ބުނި ގޮތުގައި ކަންގަނާގެ އަމަލަކީ ބުލީ ކުރުމުގެ އަމަލެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި މައްސަލާގައި ނޫސްވެރިން މިހާރު ވަނީ އެކްތާއާ ބައްދަލު ކުރަން ވެސް އެޕޮއިންޓްމަންޓަކަށް އެދިފަ އެވެ. އަދި ކަންގަނާގެ ފަރާތުން އެކްތާ ވެސް މައާފަށް ނޭދޭ ނަމަ މީޑިއާތަކުން "ޖަޖްމެންޓަލް ހޭ ކިޔާ" ބޮއިކޮޓް ކުރަން ވަނީ ނިންމައިފަ އެވެ.

ސުވާލަކީ ސީދާ ކަންގަނާ މައާފަށް އެދިފާނެތޯ އެވެ؟ ޖަވާބަކީ އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކޭ އެވެ. ސަބަބަކީ ކަންގަނާއަކީ އަބަދު ވެސް އޭނާގެ ގޮތުގައި ހުންނަ، ރުންކުރު ބަތަލާއަކަށްވުމެވެ. އަދި ކަންގަނާގެ ދައްތަ ކުރި ޓްވީޓެއްގައި ވެސް ވަރަށް ސާފު އިބާރާތުން ވަނީ ކަންގަނާ މައާފަށް ނޭދޭނެ ކަމަށް ބުނެފަ އެވެ.