"ސޯ" ގެ ރިބޫޓްގެ ކާސްޓަށް ސެމުއެލް އެލް ޖެކްސަން

ހޮލީވުޑްގެ މަގުބޫލު ބިރުވެރި ފިލްމު ސީރީޒް "ސޯ" ގެ ރިބޫޓް ވާޝަނެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އެ ފިލްމުގެ ކާސްޓާ މަޝްހޫރު އެކްޓަރު ސެމުއެލް ޖެކްސަން ވެސް ގުޅިއްޖެ އެވެ.


ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 70 އަހަރުގެ އެކްޓަރު ފިލްމުގައި ފެނިގެން ދާނީ ޕޮލިސް ޑިޓެކްޓިވެއްގެ ރޯލް ކުޅޭ އެކްޓަރު ކްރިސް ރޮކްގެ ބައްޕަގެ ރޯލެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ވިލިއަމް ޝެންކް އަދި މެރިޒޯލް ނިކޯލްސް ހިމެނެ އެވެ.

"ސޯ" ގެ ރިބޫޓް ޑައިރެކްޓް ކުރީ މީ ސީރީޒްގެ ތިން ފިލްމެއް ކުރިން ވެސް ޑައިރެކްޓްކޮށްފައިވާ ޑެރެން ލީން ބޯޒްމަން އެވެ. ސްކްރީންޕލޭ ލިޔެފައި ވަނީ ޕީޓް ގޯލްޑްފިންގާ އާއި ޖޯޝް ސްޓޯލްބާގެވެ.

ޖިގްސޯ (2017) ގެ ޓްރެއިލާއެއް.

ލަޔަންސްގޭޓުން 2004-2017 އާ ހަމައަށް "ސޯ" ގެ އަށް ފިލްމެއް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އަދި މި ފިލްމުތަކަށް ބޮކްސް އޮފީހުގައި 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

"ސޯ" ގެ ރިބޫޓް ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 23، 2020 ގަ އެވެ.

މި ފިލްމަށް ސެމުއެލް ސޮއިކުރި އިރު، އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ސްޕައިޑަ-މޭމް: ފާ ފްރޮމް ހޯމް" އެވެ. ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ސެމުއެލްގެ ފިލްމަކީ އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ ހަނގުރާމަ ފިލްމު "ދަ ލާސްޓް ފުލް މެޝާ" އެވެ.