"ސަޅަކް 2" ގައި އާލިއާ ބަޓްގެ ލަވައެއް

ބައްޕަ މަހޭޝް ބަޓާ އެކު، ބަތަލާ އާލިއާ ބަޓް މަސައްކަތްކުރާ ފުރަތަމަ ފިލްމު "ސަޅަކް 2" ގެ ދެވަނަ ޝޫޓިން ޝެޑިއުލް ފަށަން ތައްޔާރުވަމުން ދަނިކޮށް، ފިލްމަށް ލަވައެއް ރެކޯޑް ކުރުމުގެ މަސައްކަތް ވެސް އާލިއާ ފަށައިފި އެވެ.


ހުނަރުވެރި ބަތަލާ މީގެ ކުރިން ވެސް ވަނީ އޭނާގެ ދެ ފިލްމަކަށް ލަވަ ކިޔައި ދީފަ އެވެ. އެއީ 2016 ގައި ރިލީޒްކުރި "އުޅުތާ ޕަންޖާބް" އާއި 2014 ގައި ރިލީޒް ކުރި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަށެވެ.

ބައްޕަ މަހޭޝް ޑައިރެކްޓް ކުރާ "ސަޅަކް 2" އަށް އާލިއާ ރެކޯޑް ކުރާ ލަވައަކީ ޖީތު ގަންގޫލީގެ މިއުޒިކަށް ހަދާ ލަވައެކެވެ. ނަމަވެސް އެ ލަވައިގެ އެއްވެސް ތަފުސީލެއް އަދި ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަހޭޝް 1991 ގެނެސް ދިން "ސަޅަކް" ގައި ހިމެނޭ ހިޓް ލަވަ "ތުމޭ އަޕްނާ ބަނާނޭ ކީ ކަސަމް" ގެ އާ ވާޝަނެއް "ސަޅަކް 2" ގައި ހިމަނަން ވަނީ ނިންމައިފަ އެވެ.

"ސަޅަކް 2" ގެ ކާސްޓްގައި ވެސް ހިމެނޭ އާލިއާގެ ދައްތަ ޕޫޖާއި ބަޓާއި ސަންޖޭ ދަތު ފެނިގެން ދިޔަ ކުރީގެ ލަވަ ކިޔާފައި ވަނީ އަނޫރާދާ ޕޯޑްވަލް އާއި ކުމާރު ސާނޫ އެވެ.

"ސަޅަކް 2" އަކީ "ސަޅަކް" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދޭ ފިލްމެކެވެ. މި ފަހަރު ފިލްމުގެ ކާސްޓުން އާލިއާ އާއި އަދިތިޔާ ރޯއި ކަޕޫރާ އެކު ސަންޖޭ އާއި ޕޫޖާ ވެސް ފެނިގެން ދާނެ އެވެ.

އާލިއާ ކިޔާފައިބާ "ސަމްޖާވާ".

ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މެއި މަހު ނިންމާލާފައިވާ އިރު، ވަރަށް އަވަހަށް ދެވަނަ ޝެޑިއުލް ފަށާނެ އެވެ. ނަވާރަ ވަރަކަށް އަހަރު ފަހުން މަހޭޝް އަލުން ޑައިރެކްޝަނަށް އަންނަ "ސަޅަކް 2" ސިނަމާތަކަށް އަންނާނީ ޖުލައި 10، 2020 ގަ އެވެ.