ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ބައިވެރިވާ ފިލްމުގެ ނަމަކީ "ފައިޓާ" ކަމަށް މީޑިއާތަކުން ކުރި ބުނި ނަމަވެސް، އެ ފިލްމުގެ ނަމަކީ "ވޯ" ކަން ހާމަކޮށް، ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ މި ފިލްމަކީ ނެށުމާއި ތަޅާފޮޅުމުގެ ހުނަރަށް ވެސް މޮޅު ރިތިކާއި ޓައިގާގެ ވަރުގަދަ ކުރިތިމަތިލުމެކެވެ. ޓީޒާ އިން ވެސް ވަނީ އެކަން ދައްކާލައިފަ އެވެ. ވައިއާރްއެފުން ފިލްމު ސިފަކޮށްފައި ވަނީ "ޓޫ ހީރޯސް، ވަން ވޯ" އެއް ގެނެސް ދޭނެ ފިލްމެއްގެ ގޮތުގަ އެވެ.
މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ "ވޯ" އަކީ "ސަލާމް ނަމަސްތޭ" އާއި "އަންޖާނާ އަންޖާނީ" ފަދަ ފިލްމިތައް ގެނެސް ދިން ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
Two heroes. One #WAR!
— Yash Raj Films (@yrf) July 15, 2019
Presenting @iHrithik VS @iTIGERSHROFF in #WarTeaser. Whose team are you on? #HrithikVsTiger @Vaaniofficial #SiddharthAnand pic.twitter.com/pdBmfhzQCe
އަދި މިއީ 2014 ގައި ރިލީޒްކުރި "ބޭންގް ބޭންގް" އަށް ފަހު، ރިތިކާއި ސިދާތު އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
ބޮޑު ބަޖެޓަކުން ހަދައި ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުގައި މަންޒަރުތައް ނަގާފައިވާ "ވޯ" ގެ ބަތަލާ އަކީ ވައިއާރްއެފްގެ ފިލްމަކުން ނޫނީ ނުފެންނަ ވާނީ ކަޕޫރެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2016 ގައި އަދިތިޔާ ޗޯޕްޅާ ރަންވީރު ސިންގްއާ އެކު ގެނެސް ދިން "ބޭފިކްރޭ" އެވެ.
މި އަހަރުގެ އެންމެ ވަރުގަދަ އެއް އެކްޝަން ފިލްމުގެ ގޮތުގައި ވެސް ބެލެވޭ "ވޯ" ސިނަމާތަކަށް އަންނާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ގަ އެވެ. ފިލްމުގެ ޓީޒާ ދައްކައިލުމާ އެކު ފިލްމުގެ ލީޑް ތަރިން ވެސް ވަނީ އެ މީހުންގެ ޓްވިޓާގައި ޓީޒާ ހިއްސާކޮށްފަ އެވެ.
"ވޯ" ވެގެން ދާނީ މި އަހަރު ރިލީޒް ކުރާ ރިތިކްގެ ދެވަނަ ފިލްމަށެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ސުޕަ 30" މި މަހުގެ 12 އިން ފެށިގެން ސިނަމާތަކުގައި އަންނަނީ ދައްކަމުންނެވެ. ޓައިގާ މި އަހަރު ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ މެއި މަހު ރިލީޒް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.