އާސާމްގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް އަކްޝޭ ކުމާރު މާލީ އެހީ ދޭން ނިންމައިފި

އިންޑިއާގެ އާސަމް ސްޓޭޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވާން، ބޮލީވުޑްގެ އެކްޓަރު ފައިސާ ހަދިޔާކުރަން ނިންމައިފި އެވެ.


އަކްޝޭ ކުރި ޓްވީޓެއްގައި ބުނި ގޮތުގައި އާސާމްގެ ކަޒިރަންގާ ނެޝަނަލް ޕާކްގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ކޮންމެ މީހަކަށް 1 ކްރޯޑް ރުޕީސް (145,365 ޑޮލަރު) ޗީފް މިނިސްޓަރުގެ ރިލީފް ފަންޑަށް ހަދިޔާ ކުރާނެ އެވެ. އަދި އޭނާ ވަނީ ވީހާ ވެސް ގިނަ ބަޔަކު އައްސާމަށް އެހީވާން ވެސް ގޮވާލައިފަ އެވެ.

ފޯބްސް އިން މި އަހަރު އެކުލަވާލި ލިސްޓްގައި، އެންޓަޓައިންމަންޓް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ފާއިތުވި އަހަރު ލިބުނު ތަރިންގެ ތެރޭގައި ވެސް ހިމެނުނު ހަމައެކަނި އިންޑިއާގެ ތަރީގެ ޝަރަފު ލިބުނު އަކްޝޭއަކީ މިކަހަލަ ވަރަށް ގިނަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ އެކްޓަރެކެވެ.

އެގޮތުން މީގެ ކުރިން ލޯން ނުދެއްކި ތިބި އެތަކެއް ދަނޑުވެރިންނަށް ވެސް މާލީ ގޮތުން އެކި ފަހަރު މަތިން އެހީވެފައިވެ އެވެ.

އަކްޝޭއަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ. އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނީ އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" އިންނެވެ.

އާސާމްގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ފެންބޮޑުވުމާ ގުޅިގެން އެތައް ލައްކަ ބަޔަކު ހާލުގައި ޖެހި، މިހާތަނަށް 30 އާ ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ޖަނަވާރުން ވެސް މަރުވުމުގެ އިތުރަށް ދަނޑުބިންތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.