ދެކޭހިތްވޭ ނިކަން

އާދިއްތަ އާ ގުޅޭ


"ހާދަހާ ކިނބިހިއެޅޭ ރެޔެކޭ!" ބައްޕަ ބުންޏެވެ.

އަހަންނަކަށް ނުވެސް ކެވުނެވެ. ބައްޕަގެ މޫނު ނޫން ދިމާއެއް ނުވެސް ބެލުނެވެ. ހިތުގައި އެނބުރެނީ އެންމެ ސުވާލެކެވެ. އަހަރެން ލަދުގަންނަންޖެހޭ ކަހަލަ ކަމެއް ބައްޕަ ކޮށްފާނެ ހެއްޔެވެ؟ ނޫނެކެވެ. ނުކުރާނެއެވެ. ބައްޕައަކީ އަޅުވެރިޔެކެވެ. އިހުސާންތެރިޔެކެވެ. ހާލުގައިޖެހިފައިވާ މީހުންނަށް އަޅައިލާ މަދަދުގާރެކެވެ. އެކަމަކު ބައްޕަ އެ ކަން ނުކުރާކަން ސާބިތުވާ ވަރުގެ ހެއްކެއް ނެތެވެ. އެ ކަން ކުރީ އަހްސަންކަން ޔަގީންވާ ވަރުގެ ހެއްކެއް ވެސް ނެތެވެ. ހަގީގީ މުޖުރިމަކީ ތިންވަނަ މީހަކަށް ވެސް ވެދާނެއެވެ. ކޮންމެ މީހަކަށް ވެސް ކިނބިއްސެއްއެޅިދާނެއެވެ. ހިތަށް އުނދަގޫވި ވަރުން ކެއުން ހުއްޓައިލައިފައި އެ ތަނުން ތެދުވެގެން އަހަރެން ދިޔައީއެވެ. އެ ވާހަކަދައްކާކަށް އަހަންނަކަށް ނުކެރުނެވެ. ޝައްކެއްގެ ގޮތުގައި އަހަރެންގެ ހިތުގެ ބިންގަރާހުގައި އެ ސިއްރު ފޮރުވީމެވެ. ދެތިން ދުވަހެއް ފަހުން ރަމްޒިއްޔާ އެހެން ގެއަކަށް ބަދަލުވިއެވެ. ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ.

ހަޔާތަކީ އެކަކަށް ވެސް ހަމްދަރުދީވާ އެއްޗެއް ނޫނެވެ. ކުރިމަތީގައި ދަންތުރައެއް އޮތަސް އިންސާނާ ޖެހޭނީ އެއާ ވެސް ކުރިމަތިލާށެވެ. ހިތްދަތިކަން ކިތަންމެ ބޮަޑަސް، ދުނިޔެ ދެކެ ކިތަންމެ ފޫހިވިޔަސް މަރުވަންދެން ދިރިހުންނަންޖެހެއެވެ. ކުރުމަގު އިހުތިޔާރުކޮށްފި ނަމަ އޭގެ ނަތީޖާ ހިތިވާނެއެވެ. މީހުން ބުނެއެވެ. ހިތާމައަކަށް ފަހު އުފަލެއް އަންނާނެއެވެ. ކެތްތެރިވާށެވެ. އެހެނަސް އަހަންނަށް ވަރިވެވިދާނެއެވެ. އެ ކަމުގައި އަހަރެންގެ މަންމައާއި ބައްޕަ ވެސް އަހަންނަށް ތާއީދުކުރާނެއެވެ. ހިތްވަރު ވެސް ދޭނެއެވެ. މުޅި އާއިލާއަށް މީހުން އިނގިލިދިއްކުރާނެކަން އެނގިހުރެއެވެ. އެ ގޮތް ބޭނުންނުވީ އަހަންނެވެ.

އަހަންނަށް ދެވަނަ ދަރިފުޅު ލިބުނެވެ. ތިންވަނަ ދަރިފުޅު ވެސް ލިބުނެވެ. ލޯބިނުވާ މީހަކާ އިނދެގެންއުޅޭއިރު ދަރިންލިބެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހަގީގަތް އެނގިއްޖެއްޔާ ކޮންމެ މީހަކު ވެސް އެ ސުވާލުކުރާނެއެވެ. އަހަރެން ކިޔައިދިނަސް ޖަވާބު ވިސްނޭނީ މަދު މީހަކަށެވެ. އަހަންނަކީ ކޮއްޓެއްގައި ހައްޔަރުކޮށްފައިވާ ދޫންޏެކެވެ. ކޮށީގެ ވަށަައިގެން ޖަހައިފައިވާ ދަގަނޑު ދާގަނޑު ބުރިކޮށްލާނެ ހަކަތައެއް އަހަރެންގެ ނެތެވެ. ކޮށީތެރޭގައި އަހަންނަށް ތެޅިފޮޅެވިދާނެއެވެ. ގަދަހެދިދާނެއެވެ. އާހިރުގައި އަނިޔާވެ، ވަރުބަލިވެގެން އަހަރެން ވެއްޓޭނީއެވެ. އޮތީ ދެ ގޮތެވެ. ފުރަތަމަ ގޮތަކީ ހިތްހަމަނުޖެހޭ އެތައް ކަމަކަށް ރުހުމެވެ. ދެވަނަ ގޮތަކީ، އަނިޔާގެ ތަދު އިހުސާސްކުރަމުން ރުއިމެވެ. އަހަރެން އިހުތިޔާރުކުރީ ފުރަތަމަ ގޮތެވެ.

އަހަރެންގެ ދަރިން ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އެއިން ކުއްޖެއް ގައިގައި ކޫރުމެއްއެޅޭކަށް ވެސް އަހަރެން ބޭނުމެއް ނުވެއެވެ. އަހްސަން ކުރި ކުށުގެ އަދަބު ދަރިންނަކަށް ނުދެވޭނެއެވެ. ހުރިހާ ކުދިން ވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުދިންނާ އެކު ވަގުތު ހޭދަކުރުމަކީ އަހްސަނަށް މުހިންމުކަމެއް ނޫނެވެ. އަހަރެން ހުރިހާ ވަގުތެއް ހުސްކުރަނީ ދަރިންނަށް ޓަކައެވެ. ދަރިން ދެކެ އަހްސަން ލޯތްބެއް ނުވެއެވެ. އެކަމަކު ދަރިން ހޯދަން ބޭނުމެވެ. އަހަރެން ދެކެ ވެސް އަހްސަން ލޯތްބެއް ނުވެއެވެ. އެކަމަކު އަހަންނާ އިނދެގެންއުޅެން ބޭނުމެވެ. އެއީ އަހްސަންގެ ދޯހަޅި ސިފަތަކުގެ ތެރެއިން އަޖައިބުކުރަނިވި އެއް ސިފައެވެ. ހިތަށްއެރިއެވެ. އަހްސަން ކަހަލަ މީހަކަށް އަހްސަން ކަހަލަ އަންބެއް ލިބުނު ނަމަ ދަރިންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަކީ ދަރިންނަށް ދެއްވި ހެޔޮ ނަސީބަކަށް ވެދާނެއެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ކަންކަން ރާއްވަވާނީ ވެސް އެންމެ މޮޅަށެވެ. އެންމެ ހިކުމަތްތެރިކޮށެވެ.

ކުދިން ބޮޑެތިވަމުން އައިރު، ގޭގައި އުޅޭ އަހަރެންނާ އެއްއުމުރުގެ ކުދިންނާއި އަހަރެންގެ ގުޅުން އަނެއްކާ ވެސް ބަދަހިވިއެވެ. ގޯތިތެރެއަށް ނުކުމެ ކުދިންނާ ސަމާސާކޮށް، މަދުމަދުން ވިޔަސް ވާހަކަދައްކަމެވެ. އަހަރެންގެ ދިގުލީ ބޮލުގަރިހުމާއި، މޭނުބައިކުރުމާއި، ގައިގަރިހުމާ ކޮނޑާކޮނޑުޖައްސައިގެން ދިރިއުޅެވޭތޯ ބެލީމެވެ. އަހަރެން ނިންމީ އެއީ ދާއިމީ ބައްޔެއްކަމަށެވެ. ކެތްނުވާވަރު ދުވަހެއް އަތުވެއްޖެއްޔާ އޮށޯވެލައިގެން އޮންނަނީއެވެ. ކާނެ ހާއްސަ ބޭހެއް ނުވަތަ ކުރާނެ ވަކި ފަރުވާއެއް ނެތެވެ. އަހަރެންގެ ހަޔާތުގެ މެދުއުޑުގައި ރަނިކަންކުރި އުފާވެރިކަމުގެ ހަނދު، ނަސީބުގެ ބަނަ ވިލާގަނޑެއްގެ ފުރަގަހަށް ވަންގޮތަށް ނުކުންނާކަށް ނޫޅުނެވެ. އަހްސަން ދިމާ އިދިކޮޅެވެ.

ކުރިން ފިހާރައެއްގެ ސޭޓަކަށް އުޅުނު އަހްސަން ތޮށިގަނޑު ފަޅައިލައިފައި ނުކުތެވެ. އޭނަ އަމިއްލަ ފައިމައްޗަށް ތެދުވީ އަހަންނާ އިން ފަހުންނެވެ. ބޮޑު މުޓިޔާ ގަމީސްލައިފައި، ސީކޯ ގަޑިއަޅައިފައި، ދެ ދަޅަޔަށް ޕާޓްރާ ސެންޓުޖަހައިގެން އޭނަ ދާތާކަށް ގޮސްގޮސްފައި އުޅެއެވެ. ކުރިން ބްރިސްޓޯލު ސިނގެރޭޓު ބުއި މީހާ ފަހުން ފެންނަނީ ފަހެއް ފަހެއް ފަހެއް ގެންގުޅޭ ތަނެވެ. އެންމެ ފަހުގެ ރެލީ ބައިސްކަލެއް ވެސް ގެންގުޅެން ފެށިއެވެ. އެކަމަކު އަހަންނަކަށް ދުވަހަކު ވެސް ހަދިޔާއެއް ނުގެނެސްދެއެވެ. ގެނެސްދޭކަށް އަހަރެން ނުވެސް ބުނަމެވެ. އަހްސަނަށް މަހަކު އެތަކެއް ހާސް ރުފިޔާއެއް ލިބެއެވެ. އަހްސަން ކުރާ މަސައްކަތަކީ ކޮބައި ހެއްޔެވެ؟ އަހަރެން އިތުރަކަށް ނާހަމެވެ. އަހަންނަކަށް އެ ކަން މުހިންމެއް ނޫނެވެ. އެއަށް ވުރެ އަހްސަން ދެކެ އަހަރެން ވާ ފޫހި މާ ބޮޑެވެ. އަހްސަންގެ ބޮޑުލާރިއެއްގައި ވެސް އަހަރެން ޖެހޭ ހިތެއް ނުވެއެވެ. އެހެން ގޮތްގޮތް ހުރީމައެވެ.

އަހަރެންނަށް ކުރަންޖެހޭ ހަރަދެއް ވިއްޔާ އަހަރެންގެ މަންމައާއި ބައްޕަ ކުރެއެވެ. ފައިސާ ވެސް ދޭން ބުނެފިއްޔާ ދެއެވެ. އެކަމަކު އަހަންނަކީ ކުރާނެ ހަރަދެއް އޮންނަ މީހެއް ނޫނެވެ. ދާނެ ތަނެއް، ގަންނަންޖެހޭ އެއްޗެއް ވެސް ނޯވެއެވެ. އަހްސަން ރާއްޖެއިން ބޭރަށް ބުރުތައް ޖަހައެވެ. ދަނީ ކޮން ތާކަށްތޯ ނުވަތަ ކީއްކުރަންތޯއެއް އަހަރެން ނާހަމެވެ. އެނބުރި މާލެއަންނައިރު ވެސް އަހަންނަކަށް އެއްވެސް އެއްޗެއް ނުގެނެއެވެ. ގެންނާނެކަމަކަށް އުންމީދެއް ވެސް ނުކުރަމެވެ. އަހްސަން ގެނެސްދިން ހަމަ އެކަނި އެއްޗަކީ ހެދުން ކަނޑާ ދެ ފޮތިގަނޑެކެވެ. ކުދިންނަށް އެއްޗެހި ގެންނަން އަހަރެން ބުނީމައި ގެނެސްދެއެވެ. އެ ގޮތުން ވިޔަސް ކުދިންގެ ހިތުގައި ބައްޕައަށް ލޯތްބެއް އުފެދެންވާނެއެވެ. އަހަރެންގެ ހިތް އެ ކަމަށް ބައެއް ފަހަރު އެދެއެވެ.

ވަރަށް ކުޑަ އިރުކޮޅަކު ވާރޭވެހިފައި ހުއްޓައިލި ދުވަހެކެވެ. އެ ވަރުން ވެސް ގޭކުރިމަތީގައި އޮތީ ފެންބޮޑުވެފައެވެ. އެކްސްރޭ ކަރުދާހުން ވީއަކުރު ބައްޓަމަށް އެތިކޮޅުކޮޅު ކަފައިގެން އޭގައި ސައިބޯނިކޮޅެއް ތަތްކޮށްގެން ކުދިވެރިން "ބޯޓު" ދުއްވަން ނުކުތެވެ. ކުދިންނާ އެކުގައި އަހަރެން ވެސް ނުކުތީމެވެ. އެއް ބޯޓު އަނެއް ބޯޓާ ޖެހި، އަޑިއަށްގޮސް، އަލުން ބޯޓުހަދައި މި ކަހަލަ ސަކަރާތެއްގައި އުޅެނިކޮށް ހައްވާފުޅު ގެއިން ނުކުތްތަން ފެނުނެވެ. އޭނަ ގޭގައި އުޅޭކަމެއް އަހަރެން ނުދެނަހުރީމެވެ. ހައްވާފުޅަކީ ބައްޕަ ކުރިން އިން މީހެކެވެ. ބައްޕަ އިންއިރު ވެސް ހައްވާފުޅުގެ ބޮޑު ދެ ފިރިހެންކުދިން ތިބެއެވެ. އެ ކުދިން އުޅެނީ މީހުނާ އިނދެގެންނެވެ. ހައްވާފުޅު ގެއަށް އަންނާނީ ކޮންމެވެސް ބޮޑު ކަމަކުއެވެ. އެ ކަމެއްގެ ސަބަބުން ކޮންމެ ފަހަރަކު ވެސް ގޭތެރޭގައި ހައިޖާނުގަނޑެއް ނުއުފެދިއެއް ނުދެއެވެ. ހައްވާފުޅަކީ ސިހުރުވެރިކަމަށް ކުޅަދާނަ މީހެކޭ ކިޔާ އަޑު އަހަމެވެ. ބައްޕަޔާ އިންނަންވެގެން ބައްޕައަށް ފުރަތަމަ ކާންދިނީ އާރޮހެކެވެ. ދެން ދިނީ ހުވަނދުމާ ސައިތައްޓެކެވެ. ނިންމާލުމަކަށް ދިނީ ޗާންދަނީމަލުގެ ގުލްކަނދު އެޅި ބިލެތްގަނޑެކެވެ. މަންމަ އެހެން ކިޔާ އަޑުއަހަމެވެ. ފަހުން ސިހުރު ބާތިލުވީ ކިހިނެއްކަމެއް، ހައްވާފުޅާއި ބައްޕަގެ ގުޅުން ކެނޑުނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ ހައްވާފުޅަކީ އިންސާނެއްގެ ސިފައިގައިހުރި ހައިޖާނުގަނޑެއްކަމެވެ.

ދުވަހުގެ ހަވީރު ގޭގައި ހޭލަމޭލަ ބޮޑުވެގެން އަހަރެން ވެސް ލޫވަ ހުޅުވައިފައި ބޭރު ބަލައިލީމެވެ. ލައްކަ ސާމާނު ގެއަށް ވައްދާތަން ފެނުނެވެ. ފަހުން އެނގުނު ގޮތުގައި ދެ އަތްގާޑިޔަލުގެ ސާމާނު ގެއަށް ގެނައެވެ. ހައްވާފުޅުގެ ދެ ދަރިންނާއި، ދަރިންގެ އަނބިންނާއި ކުދިން، ގެ ހަދަންވެގެން އަހަރުމެންގެ ގެއަށް ބަދަލުވީއެވެ. ފުރަތަމަ ވެސް އަހަރެންގެ ހިތުގައި އުފެދުނު ސުވާލަކީ، ބައްޕަ އެ ކަމަށް އެއްބަސްވީ ކީއްވެގެން ހެއްްޔެވެ؟ ދެން އުފެދުނު ސުވާލަކީ، ބައްޕައަށް އެ މީހުންގެ ގޮތް ނޭނގެނީ ހެއްޔެވެ؟ އަހަރުމެންގެ ގެ ބޮޑުވެފައި، އަހަރުމެން އުޅޭލެއް ތަނަވަސްކަމުން އެ މީހުން ހަސަދަވެރިވާކަން ޔަގީނުން ވެސް އަހަރެން ދެނަހުރީމެވެ.

ހައްވާފުޅުގެ ދަރިން ގެއަށް އައިފަހުން ގޭގައި މަނައްޕޮލީ ކުޅުނު ފުރަތަމަ ރެޔެވެ. އެ މީހުންނާ އެކުގައި އަހަރެން ވެސް ކުޅިވަރުގައި ބައިވެރިވީމެވެ. ފެށިގެންއައީ ވަރަށް މަޖާކޮށެވެ. ސަމާސާކުރުމާއި އެކުވެރިކަން އޮތެވެ. ހީވަނީ ގާތްތިމާގެ ބައެއްހެންނެވެ. ދެގަޑިއެއްހާއިރުވީތަނާ ފުރަތަމަ މައްސަލަޖެހުނެވެ. ޝާހިދުގެ އަތްމަތި ދަތިވެގެން އޭނަގެ ފިހާރައެއް ވިއްކާލަންޖެހުނީއެވެ. ޝާހިދަކީ ހަގު ކުއްޖާއެވެ. ފިހާރަ ވިއްކާލަން އޭނަ ބޭނުންވަނީ އޭނަގެ ބޭބެ ހަމީދަށެވެ. ހަމީދު އަތަކު އެހާ ފައިސާއެއް ނެތެވެ. ފައިސާ ހުރީ އަހަރެން އަތުގައެވެ. އަހަންނަށް ފިހާރަ ވިއްކާލަން ޝާހިދު ފަސްޖެހުނެވެ. އަސްލު ފިހާރައެއް ނޫނެވެ. އަސްލު ފައިސާއެއް ނޫނެވެ. އަހަރެން ހިތަށްއެރިއެވެ. ހަސަދަވެރިވެވޭނީ އެހާކަންހާ ވަރަށެވެ. އެންމެ ފަހުން އެ ކަމުގެ ތެރެއަށް ބައްޕަ ވަންނަންޖެހުނެވެ.

"ދެން ތި ވިއްކަބަލަ ދަރިފުޅާ! ރޭޑިޔޯއިން ތި ވާހަކައެއް ނުގޮވާނޭ،" ބައްޕަ ފުރަތަމަ ވާހަކަދެއްކީ ސަމާސާ ރާގަކަށެވެ. "ތި ވިއްކިޔަކަސް ދަރިފުޅުމެންގެ ގެ ހަދައި ނިމެންދެން ހަމަ މި ގޭގަ ތިބޭނީ."

އަހަރެން ހިތަށްއެރިއެވެ. ބައްޕައަށް އެޅުނީ ރަނގަޅު ސުރުހީއެއް ނޫނެވެ. ދެން ދާނީ ގޯހުންގޯހަށެވެ.

"ގެ ހަދާ ނިމުނަސް ދެން މި ގޭގަ ތިބޭނީ،" ހަމީދު ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "މި ފަހަރު މި އައީ ދާގޮތަކަށް ނޫނޭ. އަހަރުމެންނަށް ވެސް މި ގެއިން ތަންކޮޅެއް ލިބެންޖެހޭނެ. ދޮންބައްޕަގެ ގެއެއްނު!"

ބައްޕަގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަތަން އަހަރެން ދުށީމެވެ. އެހެން ވާހަކައެއް ފަށައިގެން މުޅި ވާހަކަ ބަދަލުކޮށްލަން އަހަރެން އުޅުނީމެވެ. އެކަމަކު ބައްޕައެއް ނުހުއްޓުވުނެވެ.

"މަންމަގެ އަމިއްލަ ގެއެއް ހުއްޓާ މި ގެއިން ތިހެން ތަނެއް ނުދެވޭނެ،" ބައްޕަ ކަނޑައެޅިގެން އިންކާރުކުރިއެވެ. "އައި މަގުސަދު ހާސިލުވީމަ ޖެހޭނީ ދާން. މާ ޒާތްކޮޅު ބޮޑުކުރަން ނޫޅޭ!"

އެންމެން ހަމަހިމޭންވިއެވެ. އެކަމަކު، ތަނަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ ނައްކާރަ އަހަރެންގެ ކަންފަތުގައި ބާރަށް ގުގުމަމުންދިޔައެވެ.

ނުނިމޭ