އަޖޭ ދޭވްގަން ތަމަޅަ ފިލްމު "ޖިގަރްތަންޑާ" ގެ ރިމެކެއް ހަދަނީ

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ވަރުގަދަކަން ދައްކުވައިދޭ އެއް ކަމަކީ ބޮލީވުޑުން ސައުތުގެ ފިލްމުތަކެއްގެ ރިމެކްތައް ހަދަމުން ދިއުމެވެ. މި ޓްރެންޑް ކުރިއަށް ވުރެ މިހާރު މާ ގަދަ އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކޮންޓެންޓްގެ ގޮތުން ސައުތުގެ ފިލްމުތައް ހަގީގަތުގައި މާ މުއްސަންޖެވެ. އަނެއްކޮޅުން ޓެކްނިކަލް ގޮތުން ވެސް އެތައް ބަޔަކަށް ގޮންޖައިލާ ވަރުގެ ފިލްމުތައް އަންނަނީ ހަދަމުންނެވެ.


ބޮލީވުޑުން ސައުތުގެ ރިމެކްތައް ހަދަން އަރާފައިވާ ފޯރިގަނޑުގެ ތެރެއިން އަޖޭ ދޭވްގަން ވެސް މިހާރު ކާމިޔާބު ފިލްމެއްގެ ރައިޓްސް ހޯދައިފަ އެވެ. އެއީ 2014 ރައި ރިލީޒްކޮށް، ދެ ނެޝަނަލް އެވޯޑް ވެސް ހޯދި ތަމަޅަ ކޮމެޑީ ގޭންގްސްޓާ ފިލްމު "ޖިގަރްތަންޑާ" އެވެ.

ކާތިކް ސުބާރްޖް ޑައިރެކްޓް ކުރި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ "ރަންގް ދެ ބަސަންތީ" ފަދަ ހިންދީ ފިލްމުތައް ކުޅުނު ސިދާތު އާއި ބޮބީ ސިންހާގެ އިތުރުން ލަކްޝްމީ މެނަން އެވެ.

"ޖިގަރްތަންޑާ" ގެ ޓްރެއިލާ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ފިލްމުގެ ރައިޓްސް ހޯދުމަށް ފަހު، "ޖިގަރްތަންޑާ" ގެ ހިންދީ ރިމެކްގެ މުހިއްމު ރޯލްތައް ވަނީ ކާތިކް އާރިޔަން އާއި ސަންޖޭ ދަތާއި އަޖޭއާ އެކު 2013 ގެ "ހިންމަތުވާލާ" ކުޅުނު ސައުތުގެ މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާ އަށް ހުށަހަޅައިފަ އެވެ. ނޫސްތަކުން ބުނި ގޮތުގައި ސަންޖޭ އަށް ހުށަހެޅީ ބޮބީގެ ރޯލެވެ. ކާތިކަށް ދިނީ ސިދާތުގެ ރޯލެވެ.

ނަމަވެސް މި ފިލްމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އަޖޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މި ފަހުން ސައުތުގެ ފިލްމެއްގެ ރިމެކެއް ހަދައިގެން އެންމެ ބޮޑު ކާމިޔާބު ހޯދި ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރާ ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" އެވެ. އެ ފިލްމަކީ 2017 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ރިމެކެވެ.

ހުކުރު ދުވަހު ރިލީޒް ކުރި ތެލެގޫ ފިލްމު "ޑިއާ ކޮމްރޭޑް" ގެ ރައިޓްސް ކަރަން ޖޯހަރު ހޯދައި، އޭގެ ހިންދީ ފިލްމު ގެނެސް ދޭނެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.