އަކްޝޭ ކުމާރުގެ އާ ފިލްމަކީ "ބައްޗަން ޕާންޑޭ"

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރު އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.


މިހާރު ވެސް ގިނަ ޕްރޮޖެކްޓްތަކެއް އަތުގައި ހުރި 51 އަހަރުގެ އެކްޓަރުގެ އާ ފިލްމަކީ "ބައްޗަން ޕާންޑޭ" އެވެ. މި ފިލްމަކީ އަންނަ އޮކްޓޯބަރު މަހުގެ 25 ގައި ރިލީޒް ކުރާ ފިލްމު "ހައުސްފުލް 4" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އެ ފިލްމުގެ ޑައިރެކްޓަރު ފަރުޖާދު ސަމްޖީ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.

"ބައްޗަން ޕާންޑޭ" ގެ ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު، އޭގައި އަކްޝޭ ފެންނަނީ ކަރުގައި ޗޭނުތަކެއް އަޅައިގެން މުންޑެއްލައިގެން ހުއްޓަ އެވެ. ޕޯސްޓަރުން ފެންނަ ލުކަށް ބަލާ އިރު، މިއީ އޭނާ އަނެއްކާ ވެސް ވަރަށް ތަފާތު ކެރެކްޓާއަކުން ފެނިގެން ދާނެ ފިލްމެކެވެ.

"ބައްޗަން ޕާންޑޭ" އަންނަ އަހަރުގެ ކްރިސްމަސްގައި ބެލުންތެރިންނަށް ގެނެސް ދޭން ނިންމި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ހިންދީ ރިމެކެވެ. ކުރިން މިއަށް ކިޔަން އޮތީ ލޭންޑް އޮފް ލުންގީ (ލޮލް) ކަމަށްވެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ފަރުހާދު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މާޗް މަހު ރިލީޒް ކުރި "ކޭސަރީ" އަށް ފަހު، އަންނަ މަހުގެ 15 ގައި "މިޝަން މަންގަލް" ގެނެސް ދޭން އަކްޝޭ ތައްޔާރުވަމުން އަންނަ އިރު، އޭނާ އަންނަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" އާއި ރަގަވާ ލޯރެންސްގެ "ލަކްޝްމީ ބޮމްބް" އެވެ. މި ދެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.

އަކްޝޭ މި އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި ޑިސެމްބަރު 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" ވެސް ހިމެނެ އެވެ.