ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސެޕްޓެމްބަރު މަހު ރިލީޒް ކުރާ ސަންޖޭ ދަތުގެ ފިލްމު "ޕްރަސްތާނަމް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.


އޭނާ ޕްރޮޑިއުސްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމުގެ ޓީޒާ ދައްކާލީ ހޯމަ ދުވަހު ފާހަގަކުރި ސަންޖޭގެ 60 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. "ޕްރަސްތާނާމް" އަކީ ހަ އެ ނަމުގައި ދޭވަ ކައްޓާ 2010 ގައި ގެނެސް ދިން ތެލެގޫ ކަލްޓް ކްލަސިކްގެ ހިންދީ ރިމޭކެވެ. މި ފިލްމުން ސަންޖޭއާ އެކު ބައިވެރިވާ ތަރިންގެ ތެރޭގައި މަނީޝާ ކޮއިރަލާ، އަލީ ފަޒަލް، އަމީރާ ދާސްތޫރް އަދި ޖެކީ ޝްރޮފް ހިމެނެ އެވެ.

"ޕްރަސްތާމް" އަކީ އިންޑިއާގެ ރަށްފުށުގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކު ދަރިން ވެސް ތިބި ހުވަފަތް އަންހެނަކާ ކައިވެނި ކުރުމުން އޭނާ އާއި ދޮންދަރިއާ ދެމެދު ހިނގާ ސިޔާސީ ކުޅިގަނޑެއްގެ ވާހަކަ ކިޔައިދޭ ޕޮލިޓިކަލް ޑްރާމާއެކެވެ.

"ޕްރަސްތާނަމް" ސިނަމާތަކަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ގަ އެވެ. ސަންޖޭ އެންމެ ފަހުން ފެނިފައި ވަނީ އެޕްރީލް މަހު ރިލީޒ ކުރި "ކަލަންކް" އިންނެވެ. އަދި ޑިސެމްބަރު 6 ގައި ރިލީޒް ކުރާ "ޕާނިޕަޓް" އިން ވެސް އޭނާ ފެންނާނެ އެވެ.

"ސާހޯ" ގެ އާ ލަވައެއްގެ ޓީޒާ

އަންނަ މަހުގެ 30 ގައި ރިލީޒް ކުރާ ފިލްމު "ސާހޯ" ގެ އިތުރު ލަވައެއްގެ ޓީޒާ ދައްކާލައިފި އެވެ.

ކުރިން ގެނެސް ދިން "ސައިކޯ ސައްޔާ" އަށް ފަހު، މި ފަހަރު ބެލުންތެރިންނަށް ދައްކައިލަން ހަމަޖެހި ވަނީ ވަރަށް ވެސް ލޯބީގެ މަންޒަރުތަކެއް ފެނިގެން ދާނެ "އެއްނީ ސޯނީ" އެވެ. ލަވަ ކިޔާފައި ވަނީ ގުރޫ ރަންދަވާ އާއި ތުލްސީ ކުމާރެވެ.

މި ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 30 ގަ އެވެ.

އަކްޝޭއާ އެކު ކްރިތީ

އަކްޝޭ ކުމާރުގެ އާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ބަތަލާގެ ރޯލް ޒުވާން ބަތަލާ ކްރިތީ ސެނަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް އެ ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ. އަންނަ އޮކްޓޯބަރު މަހުގެ 25 ގައި ރިލީޒްކުރާ "ހައުސްފުލް 4" އިން ވެސް އަކްޝޭއާ އެކު ކްރިތީ ބައިވެރިވާނެ އެވެ. މި ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ ފަރުހާދު ސަމްޖީ އެވެ.

އަކްޝޭ ވަރަށް ތަފާތު ރޯލަކުން ފެނިގެންދާ "ބައްޗަން ޕާންޑޭ" އަކީ އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރާނެ ފިލްމެކެވެ.

ކްރިތީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 26 ގައި ރިލީޒް ކުރި "އަރުޖުން ޕަޓިއާލާ" އެވެ.

"ޗިޗޯރް" އަންނަ މަހު ރިލީޒެއް ނުކުރާނެ

ޝްރަދާ ކަޕޫރްގެ "ސާހޯ" އަންނަ މަހުގެ 15 އިން އަންނަ މަހުގެ 30 އަށް ފަސްކޮށްފައިވާތީ ކުރިން އެ ތާރީހުގައި ރިލީޒް ކުރަން އޮތް ޝްރަދާގެ "ޗިޗޯރް" އަންނަ މަހު ރިލީޒް ނުކުރަން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ "ޗިޗޯރް" މިހާރު ވަނީ ސެޕްޓެމްބަރު މަހުގެ 6 އަށް ފަސްކޮށްފަ އެވެ. އެކަމަކު އެ ފިލްމު ޕްރޮޑިއުސް ކުރާ ސާޖިދު ނަދިއަދުވާގެ ކުންފުނިން އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

މީޑިއާތަކުން ބުނީ "ޗިޗޯރް" ސެޕްޓެމްވަރު 6 އަށް ފަސްކޮށްފައިވާތީ، އެ ތާރީހުގައި ކުރިން ރިލީޒް ކުރަން އޮތް ސޫރަޖް ޕަންޗޯލީގެ "ސެޓެލައިޓް ޝަންކަރު" މިހާރު އޮކްޓޯބަރު 11 އަށް ފަސްކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހޭނީ ޕްރިޔަންކާ ޗޯޕްޅާގެ "ދަ ސްކައި އިޒް ޕިންކް" އާ އެވެ.

"ސެޓެލައިޓް ޝަންކަރު" އަކީ ކުރިން ޖުލައި ގައި ރިލީޒް ކުރަން އޮތް ފިލްމެކެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ޗިޗޯރް" އަކީ ޝްރަދާ އާއި ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ.