ސާކް ފިލްމް ފެސްޓިވަލްގައި މި އަހަރު 19 ފިލްމް

ރާއްޖޭން ދެ ފީޗާ ފިލްމާއި ކުރު ފިލްމަކާ އެކު މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ޖުމްލަ 19 ފިލްމް ވާދަ ކުރާނެ ކަމަށް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.


އަންނަ މަހުގެ 1-6 ސްރީ ލަންކާގައި ކުރިއަށްދާ ފެސްޓިވަލްގައި ރާއްޖޭން މި ފަހަރު ވާދަކުރާ ދެ ފީޗާ ފިލްމަކީ އަލީ ސީޒަން ޑައިރެކްޓް ކުރި "އަހްޝަމް" އާއި ރަވީ ފާރޫގް ޑައިރެކްޓް ކުރި "މިކޮއެ ބައްޕަ ބައޭބައޭ" އެވެ.

ރަވީ ޑައިރެކްޓް ކުރި "މިކޮއެ ބައްޕަ ބައޭބައޭ" ގެ ޕޯސްޓަރެއް.

އަދި ފެސްޓިވަލްގެ ޝޯޓް ފިލްމް ކެޓަރީގައި މިދިޔަ އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުން އެއް ވަނަ ހޯދި ހައުސިން މިނިސްޓްރީގެ ޑްރާމާ "އެއްފަސް" ވާދަ ކުރާނެ އެވެ. މި ޑްރާމާގެ ޑައިރެކްޓަރަކީ ވެސް ރަވީ އެވެ.

"މަސާލާ" ރަހަތައް ހިމެނޭ އަހްޝަމް ފެސްޓިވަލްގައި ދައްކަން ހަމަޖެހިފައި ވަނީ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. ސައިކޮލޮޖިކަލް ތުރިލާ "މިކޮއެ ބައްޕަ ބައޭބައޭ" ދައްކާނީ ޖޫން 3 ގަ އެވެ. "އެއްފަސް" ފެސްޓިވަލްގައި ދައްކައިލާނީ ޖޫން 4 ގަ އެވެ.

ފިލްމް "އަހްޝަމް" ގެ ޕޯސްޓަރެއް: ސާކް ފެސްޓިވަލްގައި ވާދަ ކުރޭ.

ފެސްޓިވަލްގެ ތިން ވަނަ ދުވަހު ފިލްމީ ދާއިރާ އާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރަން ބައިވެރިންނަށް ހާއްސަކޮށްގެން ތަޖުރިބާކާރު މީހުންނާ އެކު ބާއްވާ މާސްޓަ ކުލާހެއް ވެސް އޮންނާނެ އެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފެސްޓިވަލްގައި ސާކްގެ ގައުމުތަކުން ފިލްމްތައް ވާދަ ކުރެ އެވެ. އެގޮތުން މި ފަހަރު ވެސް ފީޗާ ފިލްމާއި ޝޯޓް ފިލްމް އަދި ޑޮކިއުމަންޓްރީ ފިލްމްތައް ވާދަ ކުރެ އެވެ.

ސާކް ފިލްމް ފެސްޓިވަލް 2016ގެ ފިލްމްތައް:

މަސާން (އިންޑިއާ)،

ސިޓީ އޮފް ޑަސްޓް (އަފްގާނިސްތާން)

ޖަލާލްސް ސްޓޯރީ (ބަންގްލަދޭޝް)

ޓްރެވެލާސް އެންޑް މެޖިޝަންސް (ބޫޓާން)

ގޫންގާ ޕެހެލެވާން (އިންޑިއާ)

ހޯ ގާނަ ޕޮކްނާ (ސްރީ ލަންކާ)

ކޭ 2 އެންޑް ދި އިންވިސިބްލް ފުޓްމަން (ޕާކިސްތާން)

އެޕަލް (ސްރީ ލަންކާ)

އޭން އެޕަލް ފްރޮމް ޕެރަޑައިސް (އަފްގާނިސްތާން)

ނެއްކަބަރޭ މަހާ ޕްރޯޔަން (ބަންގްލަދޭޝް)

ލިވިން ވިތައުޓް ލައިފް (ސްރީ ލަންކާ)

ސިނެމާވާލާ (އިންޑިއާ)

އޯ އަޕާރާ ކާލާ (އިންޑިއާ)

ބެންގާލްސް ނިއު ސިނަމާ (އިންޑިއާ)

ދަ ކަޕް (ބޫޓާން)

ބަރޯޑިއާ ޕޮކޫނާ (ސްރީ ލަންކާ)

މި އަހަރުގެ ފެސްޓިވަލްގައި ވާދަކުރާ ފިލްމުތަކަށް ބަލާއިރު އިންޑިއާ އިން ވާދަ ކުރާ ފިލްމުތަކުގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ފިލްމް "މަސާން" ހިމެނުމަކީ ފެސްޓިވަލްގައި ވާދަކުރާ އެހެން ފިލްމަތަކަށް އޮތް ބިރަކަށް ވެދާނެ އެވެ. އެ ފިލްމަކީ މިދިޔަ އަހަރު ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ދައްކާލައި، ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު ފިލްމެކެވެ.

ފެސްޓިވަލް ހުޅުވާ ދުވަހު ފުރަތަމަ ދައްކަން ހަމަޖެހިފައި ވަނީ ވެސް "މަސާން" އެވެ. އެ ފިލްމަކީ އަނޫރާގް ކެޝަޕްގެ ފެންޓަމް އިން ޕްރޮޑިއުސްކޮށް، ނީރަޖް ގޭވަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"މަސާން" ގައި ލީޑް ރޯލް ކުޅެފައި ވަނީ ރިޗާ ޗައްޑާ، ވިކީ ކޯޝަލް އަދި ޝްވޭތާ ތުރިޕަތީ އެވެ.

ހިންދީ ފިލްމް "މަސާން" ގެ ޓްރެއިލާ

ސާކް ފިލްމް ފެސްޓިވަލަކީ ކޮލޮމްބޯގައި ހުންނަ ސާކް ކަލްޗްރަލް ސެންޓަރު (އެސްސީސީ) އާއި ސްރީ ލަންކާގެ ފައުންޑޭޝަނެއް ކަމަށްވާ ޑިޖިޓަލް ފިލްމް އެކެޑަމީ ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ.

މި އަހަރަކީ ފެސްޓިވަލް ބާއްވާ ހަ ވަނަ އަހަރެވެ.

މިދިޔަ އަހަރުގެ ފެސްޓިވަލްގައި ބެސްޓް ފީޗާ ފިލްމުގެ އެވޯޑް ހޯދި ލަންކާގެ ފިލްމް "މޮޓޯ ބައިސިކަލް" އެވެ. ފެސްޓިވަލްގެ ރިހި މެޑަލް ގެންދިޔައީ ބަންގްލަދޭޝްގެ "ރިއްޓިކާ މަޔާ" އެވެ. ބްރޯންޒް މެޑަލް ހޯދީ ރާއްޖޭގެ އަލީ ސީޒަން ޑައިރެކްޓްކޮށް، އެކްޓް ކުރި "އިންސާނާ" އެވެ.

އެންމެ މޮޅު ކުރު ފިލްމުގެ އެވޯޑް މިދިޔަ އަހަރު ގެންދިޔައީ ނޭޕާލްގެ "ލަވް، ލަސްޓް، ލައިފް" އެވެ.