ޗިއްޕެ އަޒުމަކީ އަބަދުވެސް ތަފާތު ދެއްކުން

މިހާރު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ދެ ފިލްމަކީ ވެސް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު އަދި ދިވެހި ފިލްމުތަކަށް ތަފާތުތަކެއް ގެނުވައި ދިން ދެ ފިލްމެކެވެ. އެއީ މި އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" އާއި މިދިޔަ އަހަރު ރިލީޒް ކުރި "އެންމެ ފަހު ވިންދާ ޖެހެންދެން" އެވެ.


ކޮމާޝަލް ފިލްމުތަކަށް މިސްރާބު ޖެހުމުގެ ކުރިން ޗިއްޕެ ފިލްމީ ދާއިރާ އަށް އެޅި ފުރަތަމަ ފިޔަވަޅަކީ ވެސް ޗެލެންޖެއްގެ ގޮތުގައި ހެދި އާޓް ފިލްމް "ހޭލާ" އެވެ. އެކަމަކު އެ ފިލްމްވެގެން ދިޔައީ ފަހުން އެވޯޑް ހަފުލާތަކުގައި ވަރަށް ވިދާލި ފިލްމަކަށެވެ. އޭނާގެ ފުރަތަމަ ކޮމާޝަލް ހިޓަކީ އަމިއްލަ އަށް ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ކުރި "ދިން ވޭނުގެ ހިތާމައިގައި" އެވެ.

އޭގެ ފަހުން "ޒަހަރު" އާއި 3ޑީ ފިލްމް "ފަތިސްހަނދުވަރުގެ ފެށުން" މިއީ ޗިއްޕެގެ ޑައިރެކްޝަން އޮމާންވެގެން އައި ފިލްމުތަކެވެ.

އޭނާ ވަނީ ބައެއް ޑްރާމާ ސިލްސިލާތަކާއި ކުރު ފިލްމުތައް ވެސް ހަދައިފަ އެވެ. މިއިން ކޮންމެ އެއްޗަކީ އަބަދުވެސް ތަފާތެއް ގެނެސްދޭން ކޮށްފައި ހުންނަ މަސައްކަތްތަކެއްކަން ބެލުންތެރިން ފާހަގަކުރެ އެވެ. ޗިއްޕެގެ އެންމެ ބޮޑު ކާމިޔާބިއަކީ ވެސް ހަގީގަތުގައި އެއީ އެވެ. އެއް ތައްގަނޑަކަށް ފިލްމްތައް ހެދުމަކީ އޭނާ ގަބޫލު ކުރާ ހަމައެއް ނޫނެވެ.

ޗިއްޕެ (މ) ފިލްމެއްގެ ޝޫޓިންގައި.

ކުރު މުއްދަތެއްގެ ތެރޭގައި ބެލުންތެރިންގެ ފަރާތުން ޗިއްޕެ ހޯދި އިތުބާރާއި ފިލްމުތަކުގެ ކާމިޔާބީތަކާ އެކު ބެލުންތެރިން އޭނާއާ ދޭތެރޭ ކުރާ އުންމީދުތައް މިހާރު ހުރީ ވަރަށް އުހުގަ އެވެ. އާ ފިލްމަކަށް އަނެއްކާ ވެސް އޭނާ އަންނަނީ ތައްޔާރުވަމުންނެވެ.

މިހާތަނަކަށް ލިބުނު ކާމިޔާބީތަކުގެ ސިއްރަކީ ކޮބާ؟

ފިލްމެއް ކާމިޔާބު ފިލްމަކަށް ވަނީ ކިހިނެއް ކަމެއް ބުނެދިނުމަކީ އަދިވެސް އެއްވެސް މީހަކަށް ބުނެ ދޭން އެނގޭ ކަމެއް ނޫން. ވަރަށް ބޮޑެތި މަސައްކަތްކޮށްގެން ހަދާ ވަރަށް މޮޅެތި ފިލްމްތައް އެބަހުރި ފްލޮޕްވެފައި. އަޅުގަނޑުވެސް މަސައްކަތް ކުރި ބައެއް ފިލްމްއަތައް އެބަހުރި ފްލޮޕްވެފައި. ބައެއް ފަހަރު ކާމިޔާބު ފިލްމެއް ކަމަށް މި ބުނަނީ ކުރި ހަރަދު ކަނޑައި ފައިދާ ލިބުމުން. އަނެއް ބައި ފަހަރު އެފިލްމަކަށް ގިނަ އެވޯޑްތަކެއް ލިބުމުން. ކޮންމެއަކަސް އަޅުގަނޑު ކުރާ ކޮންމެ މަސައްކަތެއް މިކުރަނީ އަޅުގަނޑަށް މިތަނުން ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން، އަޅުގަނޑަށް ލިބައި ފަހުރި މައުލޫމާތާއި ހުނަރު ބޭނުންކޮށްގެން އެވަގުތެއްގެ އެ ކުރެވޭ މަސައްކަތެއް ގެނެސް ދެވެން އޮތް އެންމެ ރަގަޅަކަށް. ދާއިރާގެ ކޮންމެ މަސައްކަތެއް ވިޔަސް އަޅުގަނޑު އެމަސަކަތެއް ކުރަނީ ވަރަށް ފަރުވާތެރިކަމާ ލޯތްބާ އެކު ކުރާ ހިތުން. ފަހަރުގަ އަޅުގަނޑުގެ ކާމިޔާބީގެ ސިއްރަކީ އެއީ ކަމަށް ވެސް ވެދާނެ.

ފިލްމީ ދާއިރާ އަށް ނިކުތުމުގެ ކުރިން ޗިއްޕެއަކީ ޓީޗަރެއް. ޕްރޮފެޝަން ބަދަލު ކުރަން ޖެހުނު ސަބަބުތަކަކީ؟

އެއީ ވަރަށް ދިގު ވާހަކައެއް. ކުރު ގޮތަކަށް ބުނަންޏާ ދެ މަސައްކަތް ވެސް ފެށުނީ ދާދި އެކުއެކީގައި. އޭރު ކިޔަވައިދެމުން ދިޔަ އިރު ބައެއް ހުސް ވަގުތުތަކުގައި ޓީވީސީ އަދި އެނިމޭޝަން ކްލިޕްކޮޅު އެއްޗެހި ހަދާ އުޅެން. އެއީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު. ދެން މަޑުމަޑުން ވީޑިއޯ ލަވަތަކުގެ މަސައްކަތް ކުރަމުން އައިސް ފިލްމްގެ މަސައްކަތާ ހަމައަށް އާދެވުނީ. ޓީޗިން ދޫކޮށްލެވުނީ ހަތަރު ވަނަ ފިލްމްގެ މަސައްކަތް ކުރަމުން ދިޔަ ދުވަސް ވަރު މިކަމަށް ބޮޑަށް ވަގުތު ދޭންވެގެން.

"ހޭލާ" އިން ފެށި ފިލްމީ ދަތުރުގައި "ވާށޭ މަށާއެކީ" އާ ހަމައަށް ކުރި ތަޖުރިބާ ޗިއްޕެ ކޮން ގޮތަކަށް ސިފަ ކުރާނީ؟

ވަރަށް ބުރަ އެކަމަކު ވަރަށް ހިތްހަމަ ޖެހޭ މަސައްކަތެއް ގޮތުގައި.

"ވާށޭ މަށާއެކީ" ގެ ލަވައެއް
ބޮޑަށް ހަދާ ހިތް ވަނީ އާޓް ފިލްމްތަ ނޫނީ ކޮމާޝަލް ފިލްމްތަ؟ މި ދެ ވައްތަރުގެ ސިނަމާ އަށް ވެސް ޗިއްޕެގެ ތަޖުރިބާ އެބަ ހުރި މިހާރު. އެންމެ ގަޔާވަނީ ކޮން ވައްތަރަކަށް؟

ދެ ވައްތަރު ވެސް ހަދާ ހިތްވޭ. ދެ ވައްތަރުގެ ފިލްމްގެ ތަޖުރިބާ ވެސް ތަފާތު މަސައްކަތް ކުރަން ޖެހޭ ގޮތް ވެސް ތަފާތު. އެހެން ވަކި ބުނާކަށް ނޭނގެ. ދެ ވައްތަރުގެ ފިލްމު ހެދުމުން ލިބޭ ހިތްހަމަ ޖެހުން ވެސް ތަފާތު.

ޗިއްޕެ ފިލްމީ ދާއިރާ އަށް ނިކުތް ފަހުން، މި ދާއިރާ އަށް އައިސްފައި އޮތް އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ކޮން ކަމެއް ފާހަގަ ކުރާނީ؟ މިއީ ރާއްޖޭގައި ކިހާ ވަރެއްގެ ކުރިމަގެއް އޮތް ދާއިރާއެއް؟

ޓެކްނިކަލް ވަރަށް ބޮޑު ޗޭންޖެއް އައިސްފައި ވަނީ. ގެންގުޅޭ އާލާތައް، ސްކްރީންޕްލޭ، ޕްރެޒެންޓޭޝަނަށް ބޮޑު ބަދަލެއް އައިސްފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. ރަނގަޅު ކުރިމަގެއް އޮތް ކަމަށް ބެލެވޭނީ ސްޓޫޑިއޯ ފަދަ ތަންތަން ހެދި އެތަންތާނގައި ޝޫޓް ކުރެވޭނެ ދުވަހެއް އައިސް ފިލްމް ޑިސްޓްރިބިޔުޝަން ސިސްޓަމެއް ޤާއިމުކުރެވިގެން.

ފިލްމީ ދާއިރާ އަށް މުޅިން ހުސްވެގެން އާއިލާއެއް ގޮވައިގެން އުޅެވޭ ވަރުގެ އާމްދަނީއެއް މިދާއިރާގެ މަސައްކަތުން ލިބޭތަ؟

އާއިލާއެއް ގޮވައިގެން މިކަމަށް ހުސްވެގެން ވަރަށް މަސައްކަތްކޮށްގެން ނޫނީ ރަނގަޅު އާމްދަނީއެއް ނުލިބޭނެ. އެހެން ނަމަވެސް ރަނގަޅު ގިނަ މަސައްކަތްތަކެއް ޕްރޮޑަކްޝަން ހައުސްތަކުން ކުރާ ނަމަ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތަކަކަށް އޭގެ މަންފާ ކުރާނެ.

"ދިންވޭނުގެ ހިތާމައިގާ" ގެ ޓައިޓްލް ލަވަ
މިހާތަނަށް ޗިއްޕެ ލޭބަލް ކުރެވިފައި ވަނީ ޑާކް ރެއިންގެ ޑައިރެކްޓަރެއްގެ ގޮތުގައި. އެ ސްޓޫޑިއޯގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ވެސް ޗިއްޕެ. ޑާކް ރެއިނާއި ޗިއްޕެއާ ވަކި ނުކުރެވޭނެ ކަމަކީ ކޮބައިބާ؟ އަދި މޮގާއާ ޗިއްޕެގެ ގުޅުމަކީ ކިހާ ވަރުގަދަ ގުޅުމެއް؟

އަޅުގަނޑާއި މޮގާ ބައްދަލުވަނީ "ހޭލާ"ގެ މަސައްކަތް ކުރި ދުވަސްވަރު. މޮގާއަކީ މޫމިން ފުއާދު [ހޭލާގެ އެއް ޑައިރެކްޓަރު] ގެ ޅިޔަނު. މޮގާއަކީ ވެސް މި ދާއިރާ އަށް ވަރަށް އިންޓްރެސްޓް ހުންނަ މީހަކަށް ވާތީ އަބަދުވެސް ފިލްމް ހެދުމުގެ ވާހަކަ ދައްކާނެ. ފިލްމް "ހޭލާ" ގެ މަސައްކަތް ނިމުނުތަނާ ސްޓޫޑިއޯއެއް ހެދުމުގެ ވާހަކަ ދެކެވި ޑާކްރެއިން އެންޓަޓެއިންމެންޓް ވުޖޫދަށް ގެނެވުނު. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޑާކްރެއިންގެ ކޮންމެ މަސައްކަތެއްގެ ވެސް ކޮންމެވެސް ހިއްސާއެއް އަޅުގަނޑުގެ އޮންނާނެ. ކޮންމެ ޕްރޮޖެކްޓެއް ފެށުމުގެ ކުރިން ވަރަށް ގިނަ ޑިސްކަޝަންތަކާ ޚިޔާލު ތަފާތުވުންތައް ވެސް އޮވޭ. އެކަމަކު އެއްބަސްވުންތަކަކާ ހަމަޔަށް އާދެވި ކޮންމެ ޕްރޮޖެކްޓެއް ފަށަނީ. މޮގާ އަކީ ކޮންމެ ޕްރޮޖެކްޓެއް ވެސް ވަރަށް ޕްލޭންކޮށް ޝެޑިއުލްކޮށް ޓާގެޓް ތަކެއް ކަނޑައަޅާ ވަރަށް ފުރިހަމައަށް މަސައްކަތްތައް ނިންމާ މީހެއް. މިކަހަލަ މާހައުލެއްގައި މަސައްކަތް ކުރެވޭތީ ޑާކްރެއިންއާ އެކު މަސައްކަތް ކުރެވެނީ.

ޗިއްޕެ އާއި މޮގާ (ވ) ފިލްމެއްގެ ޝޫޓިންގައި.
ޗިއްޕެ ފާހަގަ ކުރެވެނީ ހަމައެކަނި ޑައިރެކްޓަރެއްގެ ގޮތުގައެއް ވެސް ނޫން. ކެމެރާ، އެޑިޓިން، ސްކްރީންޕްލޭ ލިޔުން ކަހަލަ މަސައްކަތްތައް ވެސް އެބަ ކުރަން. ޑައިރެކްޓަރަކަށް މި ހުރިހާ ކަންކަން އެނގުމަކީ ފިލްމެއް ހަދަން އޮތް ކިހާ ވަރެއްގެ އެޑްވާންޓޭޖެއް ކަމަށް ދެކެނީ؟

ހަގީގަތުގަ އަމަލީ ގޮތުން މަސައްކަތް ނުކުރިޔަސް ޑައިރެކްޓަރަކަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހުރިހާ ކަމެއް އެނގެން ޖެހޭނެ. އަޅުގަނޑަކީ އަމަލީ ގޮތުން މި ހުރިހާ މަސައްކަތެއް ކުރާ މީހަކަށް ވާތީ އަޅުގަނޑަށް ޕްރޮޑަކްޝަން އަވަސްވެ، ވަރަށް ފަސޭހަވޭ.

ފިލްމީ ދާއިރާ އިން އަދިވެސް އާ މީހުން ފެންނަލެއް ވަރަށް މަދު، ހާއްސަކޮށް ފިލްމް ކުޅޭ މީހުން. ޗިއްޕެ ދެކޭ ގޮތުގައި ކޮބައިބާ އޭގެ ސަބަބުތަކަކީ؟

އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ގިނަ ބަޔަކު ވަރަށް ފެންވަރު ދަށް ބައެއް ގޮތުގައި ސިފަ ކުރާ ބައެއް ފިލްމީ ދާއިރާ މީހުންނަކީ. ދާއިރާ އަށް ކުދިން ނުލިބުމުގެ އެއް ސަބަބު އެއީ. އަޅުގަނޑުމެންގެ އެ ވިސްނުން އެބަ ޖެހޭ ބަދަލުވާން. އަދި އެބަ ބަދަލު ވެސް ވޭ. ޑާކް ރެއިން ސްޓޫޑިއޯއަކީ ވަރަށް ގިނަ ކުދިން މި ދާއިރާ އަށް ތައާރަފް ކުރަމުން އަންނަ ސްޓޫޑިއޯއެއް. އަދި އެ ކުދިންނަށް ލިބެމުން އަންނަ ތަރުހީބު ވެސް އަންނަނީ ބޮޑުވަމުން.

"ވާށޭ މަށާއެކީ" އަށް ފަހު ޗިއްޕެ ޑައިރެކްޓް ކުރާ ގޮތަށް ކުރިން އޮތީ "މަންމަ" ކިޔާ ފިލްމެއް. އެ ޕްރޮޖެކްޓަށް މިހާރުވެފައި އޮތީ ކިހިނެއް؟

"މަންމަ" ފިލްމް މަޑުކޮށްލަން ޖެހުނީ ސްޓޫޑިއޯ އިން ފިލްމްގެ ޕްރޮޑަކްޝަން ފަށަން ނިންމި ތާރީހުތަކުގައި އެކްޓަރުންގެ ޝެޑިއުލް ކްލޭޝްވާތީ. [އެ ފިލްމަކީ ޔޫއްޕެ އާއި ނިއުމާ ލީޑް ރޯލަށް ލައިގެން ހަދަން ނިންމި ފިލްމެއް]. އެހެންވެ އެ ޕްރޮޖެކްޓް އިހަށް ބޭއްވުމަށް ފަހު "މީ ލޯތްބަކީ" މި ފަށަނީ.

"މަންމަ" ފިލްމުގެ ފަސްޓްލުކް: މި ފިލްމް ވަނީ މަޑު ޖައްސާލާފައި.
"ވާށޭ މަށާއެކީ" އަށް ލިބުނު ތަރުހީބާ އެކު މިހާރު ބެލުންތެރިންގެ އެކްސްޕެކްޓޭޝަން ވަރަށް ހައި ވާނެ. އެ ޕްރެޝަރުގައި ދެން މަސައްކަތް ވެސް ކުރަން ޖެހޭނީ. ކުރިއަށް އޮތް ފިލްމަކަށް ކިހާ ވަރުގަދަ ފިލްމަކަށް ވާނެ؟

އަޅުގަނޑު ކުރިން ވެސް ބުނިހެން އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ އެއިރެއްގައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް. އެއްވެސް އިރެއްގައި ޕްރެޝަރުގައި މަސައްކަތެއް ނުކުރާނަން. ހަމައެކަނި ބުނެލަން ބޭނުން ވަނީ "ވާށޭ މަށާ އެކީ" އަށް ވުރެ "މީ ލޯތްބަކީ" އަދި މާ ސަޅިވާނެއޭ. [މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޗިއްޕެ އާއި އައިޝަތު ފުއާދު ތައުފީގް ގުޅިގެން].

ޗިއްޕެގެ އަންހެނު ވެސް ބައެއް ޓީވީ ކޮމާޝަލްތަކުންނާއި ބައެއް ޑްރާމާ ކަހަލަ އެއްޗެހިން ވެސް ފެނިފައި އެބަހުރި. ޗިއްޕެގެ ފިލްމެއްގެ ރޯލަކުން އަންހެނުން ދުވަހަކު ވެސް ފެނިދާނެތަ؟

ފެނިދާނެ. އެކަހަލަ ވިސްނުމެއްގައި މަސައްކަތްތަކެއް އެބަ ކުރެވޭ.

ޗިއްޕެ އަންހެނުންނާއި ދެ ދަރިންނާ އެކު.
މިހާރު ވަރަށް ތަފާތު ޖޯންރާތަކަށް ފިލްމް އެބަ ހަދާ ރާއްޖޭގައި. ޗިއްޕެ ޕާސަނަލީ އެންމެ ގަޔާވަނީ ކޮން ކަހަލަ ފިލްމަތަކަށް؟

މަސައްކަތް ކުރެވިފައި ހުރި ޖޯންރަތަކުން އެންމެ ގަޔާވަނީ ރޮމޭންޓިކް ކޮމެޑީ. ހީކުރި ވަރަށް ވުރެ އުނދަގޫ ޖޯންރާއެއް އެއީ. އެކަމަކު ބައޮޕިކަކީ ވަރަށް ޓްރައި ކުރަން ބޭނުންވާ ޖޯންރާއެއް.

ފިލްމީ ދާއިރާގައި ހުރި ކަމެއް ބަދަލު ކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ބަދަލެއް ގެންނަން ޖެހޭ ކަމަކީ ކޮބައި ކަމަށް ދެކެނީ؟

ވިސްނުން. އަބަދު އެއް ތައްގަނޑަކަށް އެއް ބަޔަކު ލައިގެން ފިލްމް ހެދުމުގެ ވިސްނުން ދޫކޮށް ތަފާތު މީހުންނަށް ފުރުސަތު ދީ އާ ޖޯންރާތައް ތަޖުރިބާ ކުރުން.