ބުދަ ދުވަހާ ގުޅޭ
މުޅި ހަށިގަނޑަށް ލޮޅުންއަރައިގެންދިޔައެވެ. ހާލަތުގެ އޮއިބާރު ލޮނުގަނޑު އެނބުރި މޫދަށް ދަމައިގަތީ، ވަޅުޖެހިފައިވާ ލޯބީގެ ޖަޒުބާތަށް އާ ދިރުމެއްދެމުންނެވެ. އަހަރެންގެ ވެސް ހިތެއް އޮތްކަމާއި، އެ ހިތުގައި ވިންދު އެބަ ޖަހާކަން އަހަންނަށް އިހުސާސްކޮށްދެމުންނެވެ. ބުނި ކަހަލައެވެ. ނުދަންނަ މީހެއް ދެކެ އަހަންނަށް ލޯބިވެވިއްޖެއެވެ. އޭނަޔާ ނުލައި އަހަރެންގެ ދިރިއުޅުން ދެނެއް ފުރިހަމައެއް ނުވާނެއެވެ. އެހިނދު ގައިން ހީބިހިނަގައިގެންދިޔައެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. އެ ސިއްރު ބޭޒާރުވެދާނެތީއެއް ނޫެނެވެ. އަހަރެން ބިރުގަތީ ލޯބިދެކެއެވެ. ނުލިބޭނެކަމަަށް ނިންމައިގެންހުރި ބީރައްޓެހި ޖަޒުބާތު ދެކެއެވެ. ހިތާހިތުން ބުނެވުނެވެ. މި ކުރެވުނީ ކީއްހެއްޔެވެ؟ މި އާދެވުނީ ކޮންތާކަށް ހެއްޔެވެ؟ މާލެއަށް އެނބުރިދާންވީ އަހަރެންގެ ހިތް ރަށެއްގައި ބާއްވާފައި ހެއްޔެވެ؟
"އައްސަލާމް އަލައިކުމް!" މީހަކު ސަލާންގޮވައިލި އަޑަށް އަހަރެން ސިއްސައިގެންދިޔައެވެ.
ބޮލުގައި ތުވާލި އައްސައިލަމުން ގޮސް ދޮރު ހުޅުވައިލީމެވެ. ދޮރުމަތީގައި ހުރީ ހަފީޒާއެވެ. ކަތީބު އަންހެނުންނެވެ. އޭނަގެ އެއް އަތުގައި އޮތީ ސައިބޯނިދަޅެކެވެ. އަނެއް އަތުގައި މަދިރިދުންދަނޑިއަކާއި އަލިފާންފޮއްޓެކެވެ. ހުރިހައި އެއްޗެއް އަހަންނަށް ދިއްކޮށްލިއެވެ.
"މި ދުވަސްވަރު މަދިރީގެ އުނދަގޫ ތަންކޮޅެއް ބޮޑު،" ހަފީޒާ ބުންޏެވެ. "ބޮޑޭ ބުނާކަށް ބޮޑެތި މަދިރި އުޅެނީ ވެސް. ކުރީ ބައިގަ ޖެހޭނެ ރައްކާތެރިވާން."
"މާ ލަސްވެއްޖެ!" ސަމާސައިގެ ރާގެއްގައި އަހަރެން ބުނީމެވެ. "ރަށަށް ނުލަފަނީސް ހަފައި މަ މުޅީން އަވަދިކޮށްލައިފި."
"ކޮބާހީވޭ! ރަށަކު ވެސް ނެތޭ ދުންދަނޑިއެއް. އެކަމަކު މިއަދު ލިބޭނެ." ޔަގީންކަމާ އެކުގައި ހަފީޒާ ބުންޏެވެ.
"ސައިބޯނި އެބަހުރި،" މަދިރިދުންދަނޑިއާއި އަލިފާންފޮށީގައި ހިފަމުން އަހަރެން ބުނީމެވެ. "ފާނޫޒެއް ނޫނީ ފުޅިބައްތިއެއް ލިބިއްޖެއްޔާ ވަރަށް ރަނގަޅުވާނެ."
"ބިގަރު ހުންނާނެ،" ވަރަށް ޖޯޝާއެކުގައި ހަފީޒާ ބުންޏެވެ. "ރަށުމީހުންނާ އަހަރުމެންނަށް ތިހާ ހެޔޮ ބަޔަކު އުމުރުން އެއްފަހަރު ރަށަށްއައީމަ ފުޅިބައްތި ދޭނެތަ؟ ބައްޕަ އެބައިން ބަށިކުޅޭތަން ބަލަން ބައިންދާފަ. ވަރަށް އެބަ ފޯރިނަގާ! ކޮބާ މަޖުދީ؟ ބޭސްހަދަން ގެނައި ސާމާނު މަ ބުނިން މޫނިސާއާ ހަވާލުކުރާށޭ."
މަޖުދީއަކީ ކާކު ހެއްޔެވެ؟ ފުރަތަމައިނުން ވެސް އަހަރެން ހިތަށްއެރީ އެެހެންނެވެ. އަހަރެންގެ ލޯބިވެރިޔާއަށް ނަމެއް ލިބުނީ ހެއްޔެވެ؟ އަހަންނަށް އަނެއްކާ ވެސް އޭނަ ފެންނަންއުޅެނީ ހެއްޔެވެ؟
"އަދި އެއްވެސް މީހަކު ނާދޭ!" އަހަރެން ޖަވާބުދިނީމެވެ.
"މިހިރަ އަންނަނީ މަޖުދީ!" އަހަރެންގެ ފުރަގަހުން އަންނަ މީހަކާ ދިމާއަށް ބަލައިލަމުން ހަފީޒާ ބުންޏެވެ. "ކީއްކުރަން ވަލުދޮރޯށިން ވަދެގެން ތިއަންނަނީ؟"
ފަހަތްބަލައިލާކަށް އަހަންނަކަށް ނުކެރުނެވެ. އެ ތަނުން ދާކަށް ނުކެރުނެވެ. ކޮޅަށް ހުންނާނެހާ ހިތްވަރެއް ވެސް ނެތެވެ. ދެ ފައިން ހީވަނީ ވާގި ހުސްވާން އުޅޭހެންނެވެ.
"މޫނިސާއަށް ތި ދީފަ ހިނގާބަލަ ބަނބުކެޔޮކޮޅެއް ކަނޑައިލަދޭން،" ހަފީޒާ ބުންޏެވެ. "މިރެއަށް ކޮންމެހެން ވެސް ޖެހޭނެ ބަނބުކޭލު ބޮނގަރަ ކައްކަން. މޫނިސާ އޭގަ ހިފާބަލަ!"
އަހަރެން އެނބުރިލީމެވެ. ގަނޑުވަން ވެސް ތައްޔާރުވެ ހުރެގެންނެެވެ. ކުރިމަތީގައިހުރީ އަހަރެން އުންމީދުކުރި މީހެއް ނޫނެވެ. މަޖުދީ ކަރުދާހު ގޮއްޓެއް ދިއްކޮށްލުމުން އަހަރެން އޭގައި ހިފީމެވެ. ހަފީޒާ ދިޔައީ މަޖުދީ ގޮވައިގެންނެވެ. އަހަރެންގެ ކުދިން ތިބީ ގޯތިތެރޭގައި އެލުވައިފައިހުރި އުނދޯލީގައެވެ. މަޑުމަޑުން އެ ކުދިން ގާތަށް ދިޔައީމެވެ. އަހަރެންގެ އުފަލަކީ އެ ކުދިންނެވެ. ލޮލުގެ ފިނިކަމާއި ދިރިހުރުމުގެ އުންމީދަކީ ވެސް އެއީއެވެ. ކުދިންނަށް ދެރަވާނެ ކަހަލަ ކަމެއް ނުވަތަ ކުދިންނާ ވަކިވާންޖެހިދާނެ އެއްވެސް ކަމެއް އަހަރެން ނުކުރާނަމެވެ. އެ ކަހަލަ ވިސްނުމެއްގައި ގެއަށް ވަންނަން އެނބުރިލި ވަގުތު ފާރުމަތީގައި ހުރި މީހަކު ފެނުނެވެ. އޭނަ ހުރީ، ޖެހިގެން ހުރި ގޭގެ ހުވަނދުމާ ގަހުން މާބިންނާށެވެ. ފުރަތަމަ ފެނިފައި ވެސް އެއީ ކާކުކަން އަހަންނަށް އެނގިއްޖެއެވެ. ހުރި ފިޔަވަޅުމަތިން ގުޑައިލަން އަހަރެންގެ ދެފައި އުޒުރުވެރިވެއްޖެއެވެ. އެސްފިޔަޖަހައިލަން ދެ ލޯ އިންކާރުކޮށްފިއެވެ. އަހަންނަށް ގާވެފައި ހުރެވުނީއެވެ. މުންޑު ފޫގަޅައިފައި ހުރިއިރު އޭނަގެ އުނަގަނޑުގައި ދޫކޮށް ފޮތިގަނޑެއް ބަނދެލައިފައި އޮތެވެ. މާ ބިނދެފައި ފޮތިގަނޑު ތެރެއަށް އަޅާލެއް ހަލުވިކަމުން ހީވަނީ ކުޑައިރުއްސުރެ އޭނަ ކޮށްފަރިތަކަމެއްހެންނެވެ. ބުރަކަށީގެ ބައްޓަން ނަލައެވެ. އަތްފައިގެ ކިއްސަރު ރީއްޗެވެ. ކުޅަދާނަ މާވަޑިއެއްގެ ހުނަރުވެރި ލަކުޑީގެ މަސައްކަތެއް ކަހަލައެވެ.
"ރާޝިދު!" ހަފީޒާ ގޮވައިލި އަޑު އިވުނެވެ.
އަހަރެން ވަގުތުން އަނެއް ފަރާތަށް އެނބުރުނީމެވެ. އެންމެ ކައިރިއަށް ހުރި ގަހުގެ ފަތަކާ ކުޅޭކަމަށް ހެދުނީމެވެ.
"ރާޝިދު؟" ހިތާހިތުން އަހަރެން އެ ނަން ކިޔައިލީމެވެ.
"ކޮބާ އަދިވެސް ނުނިމޭ؟" ހަފީޒާ އެހިއެވެ. "އަވަސްކުރޭ އަވަސްކުރޭ!"
ޖަވާބަކަށް އިންތިޒާރުކުރުމެއް ވެސް ނެތި ހަފީޒާ ނުކުމެގެންދިޔައެވެ. އަހަރެން ފުރަގަހެއް ނުބަލަމެވެ. އަހަރެން އެ ތާކު ނެތީމެވެ. އަހަރެން ވިރިގެން ފައިބައިފިއެވެ. ރާޝިދުގެ ދެ ލޯ ހުންނާނީ އަހަންނަށް ސީދާކުރެވިފައިކަން އަހަންނަށް އެނގުނެވެ. އެހެންނޫން ނަމަ ހަށިގަނޑު ތޮރުފޭހެން އަހަންނަކަށް ހިޔެއްނުވީހެވެ.
"އައްސަލާމް އަލައިކުމް!" ރާޝިދުގެ އޯގާތެރި އަޑު އަހަރެންގެ ކަންފަތުގައިޖެހުނެވެ.
"ވައަލައިކުމް ސަލާމް!" އަހަރެން ބުނީމެވެ. "ވައަލައިކުމް ސަލާމް!"
ދެ ފަހަރަށް ބުނުމުން ވެސް އަޑެއް ބޭރެއް ނުވިއެވެ. ރާޝިދު ފާރުމަތިން ފުންމައިލި އަޑުއިވުނެވެ. އޭނަގެ ފައިތިލަ ޖެހުނީ އަހަރެންގެ ހިތުގެ އެންމެ ފުނުގައެވެ. އެކަމަކު އަހަންނެއް ނުސިހެއެވެ. އަހަންނަކަށް ތަދެއްނުވިއެވެ. ރާޝިދަށް މަރުހަބާކިޔަން އަހަރެންގެ ހިތް ތައްޔާރުވެއްޖެއެވެ. ފަޅުވެފައިވާ އަހަރެންގެ ހިތުގެ ޖިފުޓީގައި މެހުމާނަކު ޓަކިދީފިއެވެ. އަހަރެން އެނބުރިލީމެވެ. ލިބުނީ ހައިރާންކަމެކެވެ. މީހަކު ނެތެވެ. ރާޝިދު ފުންމައިލީ ފާރުގެ އަނެއް ފަރާތަށްކަން އެނގުނީ ދެނެވެ. އަހަރެން ހާސްވެގެން މިއުޅުނީ ކޮންކަމަކާ ހެއްޔެވެ؟ ދެއަތަކަށް ބޯހޫރައިލަމުން އެނބުރިލިއިރު ރާޝިދު ހުރީ ކުރިމަތީގައެވެ. އަހަރެންގެ ގަޔަށް ހީވީ ބިޗުލެއް ވެއްޓުނުހެންނެވެ. ހަޅޭއްލަވައިގަނެވުނުކަން އެނގުނުއިރު ހަޅޭއްލެވިނިމިއްޖެއެވެ. ރަކިވިވަރުން އިސްޖަހައިލައިގެން ހަރުކޮށް ހިނގައިގަތީމެވެ.
"މާކޮޅެއް ދޭންކަމަށް މިއައީ!" ރާޝިދު ބުނި އަޑުއިވުނެވެ.
އަހަރެން ހުއްޓުނީމެވެ. އިސްއުފުލައިލީމެވެ. ރާޝިދު ހުރީ އަތްދިއްކޮށްގެންނެވެ. އަތުތެރޭގައި އޮތީ ކުޑަކޮށް ބޮނޑިވެފައިވާ ކަރުދާސްގަނޑެކެވެ. އޭގެ ތެރޭގައި ނުފޮޅޭ ހުވަނދުމާތަކެއް ހުއްޓެވެ. އަހަރެން ރާޝިދާ ހަތަރުކަޅި ހަމަކުރީމެވެ. ކަފަކޮޅެއްހާ ހުދު ލޮލުގެ ކަޅުކަޅި ފުންވެފައި އަނދިރިއެވެ. ނުދެނަހުއްޓައި އެ އަނދިރިކަމުގެ ތެރެއަށް އަހަރެން ގެއްލިއްޖެއެވެ. ނުކުންނާކަށް އަހަންނަކަށް ނޭނގުނެވެ. ހާސްވެގެން ތެޅިފޮޅިގަތީމެވެ. ސަލާމަތްވުމާއެކު ދުއްވައިގަތީމެވެ. ގޭތެރެއަށް ވަނީމެވެ. ކޮޓަރިއަށް ވަނީމެވެ. ގިފިއްޔަށް ވަނީމެވެ. ފުންވެފައިވާ އަހަރެންގެ ނޭވަޔާއި، ބާރުވެފައިވާ ހިތުގެ ވިންދު ހަމަޔަކަށްއެޅެންދެން އަހަރެން ހުރީ ގިފިލީގައެވެ. ލޯމަތީގައި ސިފަވަމުންދިޔައީ ރާޝިދުގެ ރީތި މޫނެވެ. މެދަށް ވުރެ ކުޑަކޮށް އަރިމަތިން ފަޅައިފައިވާ އިސްތަށިގަނޑާއި ދަތްދޮޅީގައި ހުރި އަޑިކޮޅެވެ. ރާޝިދުގެ މޫނުގައި ދެކިފަރިތަ ގޮތެއް ހުއްޓެވެ. އޮލިންޕަހުން އަހަރެން ބެލި ފިލްމެއްގައި އުޅުނު މީހަކާ ވައްތަރުވިއެވެ. ނަމެއް ހަނދާނެއް ނުވިއެވެ. އެއީ ވަރަށް ރީތި މީހެކެވެ.
ރޭގަނޑު ތާރަޖެހުން އޮތެވެ. ކުޅިވަރުއޮތީ އަހަރުމެން ތިބި ގޭގެ ގޯތިތެރޭގައެވެ. ބައްޕަޔާ އެކުގައި އަހަރެން އެ ތަނަށް ނުކުތްއިރު ތާރަވެރިން ސަފަކަށް އެތުރިގެންތިއްބެވެ. އަހަރެން އިނީ ބައްޕަ ކައިރީގައެވެ. އަހަރެން ހީކުރީ އެ ތަން ބަލަން ރާޝިދު އަންނާނެކަމަށެވެ. އެ ކަމާ ވަރަށް ބޮޑަށް ވިސްނުނެވެ. ހިތާހިތުން ބުނީމެވެ. އެ ކަމާ ނުވިސްނާށެވެ. އެއީ ކޮޅު ބެދިފައިވާ މަގެކެވެ. ހިތްދަތިކަން ފިޔަވައި އެއިން ލިބޭނެ އެއްޗެއް ނެތެވެ. އަހަރެން ރަށަށް އައީ ބައްޕަގެ ބައްޔަށް ފަރުވާހޯދާށެވެ. އެ ނޫން އެއްވެސް ކަމަކަށް ނުވިސްނާނަމެވެ. ކުޅިބަލަން އެއްވެތިބި މީހުންނަށް ނުބަލަން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. މަސައްކަތްކުރި ވަރަކަށް ނަތީޖާވީ ގޯހެވެ. ރާޝިދު ދެކިލުމަށް އަހަރެންގެ ދެ ލޯ ކެތްމަދުވާން ފެށިއެވެ. ހަށިގަނޑުގައި އުދާސްކަމެއް އުފެދެން ފެށިއެވެ. ލަވަ ފެށިއިރު ވެސް އަހަރެންގެ ސަމާލުކަންހުރީ ތާރަވެރިންނަކަށް ނޫނެވެ. ކުޅިބަލާމީހުންނަށެވެ. އެކަމަކު ލަވަ ހަމަ ފެށުމާއެކު ލަވަކިޔާ މީހާއާ ދިމާއަށް އަހަންނަށް އެނބުރެވުނެވެ. އެއީ އެ އަޑެވެ. އެ ޖާދުވީ މަސްތެވެ. ތައްގަނޑަކަށް ރަން ވިރުވައިއަޅައިލިހެން ރާޝިދު ލަވަ ވިރުވައިއަޅަން ފެށިއެވެ. އަހަންނަށް ހީވިއެވެ. ލަވައިގެ ކޮންމެ ލަފުޒެއްގެ، ކޮންމެ އަކުރެއްގެ، ކޮންމެ ފިއްޔެއްގައި ލިޔެވިފައިވަނީ އަހަރެންގެ ނަމެވެ. އެންމެންގެ ހާޒިރުގައި، އެންމެނަށް އިއްވައިގެން ރާޝިދު "ވާހަކަދެއްކީ" އަހަންނާއެވެ. އެ ހިތުގައި ކޮންމެވެސް އެއްޗެއް އެބައޮތެވެ.
ގަޑިން ދަންވަރު ދޭއްޖަހަނީއެވެ. ކޮޓަރި އޮތީ ފަޅުވެފައެވެ. ތިން ކުދިން ތިބީ ނިދައިމަރުވެފައެވެ. ފާނޫޒުގެ ކަނި ހުޅުކޮޅަށް ބަލަހައްޓައިގެން އަހަރެން އޮތީމެވެ. ރާޝިދު ކިއި ލަވަ އަހަރެންގެ ކަންފަތުގައި ހަރުލައިފައިހުއްޓެވެ. އަހަންނާއި އަހަރެން ވާހަކަދެއްކީމެވެ. ވަގުތު އަހަންނަށް ދިގުވެއްޖެއެވެ. ނިދި އަހަންނާ ރުޅިވެއްޖެއެވެ. މީހުން އެ ބުނާ ލޯތްބަކީ މީ ހެއްޔެވެ؟ އަހަރެންގެ ހަޔާތަށް ރާޝިދު އަންނަންވީ މިހާރު ހެއްޔެވެ؟ މީހެއްގެ އަންބަކީމެވެ. ތިން ކުދިންގެ މަންމައަކީމެވެ. މިސްރާބު ގެއްލިފައިވާ ދަތުރުވެރިޔަކީމެވެ. ދާންވީ މަންޒިލު ޚުދު އަހަންނަށް ނޭނގޭއިރު އެހެން މީހަކަށް އަހަރެން މަގުދައްކާނީ ކިހިނެއް ހެއްޔެވެ؟
އިރުއަރައިފިއެެވެ. ހާލާ ބައިވެރިވުމުގެ ގޮތުން ކޮވެއްޔާއި ކާޅު ވެސް އެ ކަން އިއުލާނުކޮށްފިއެވެ. ގޮނޑުދޮށަށް ބީއްސާ ރާޅުން ފައިތެމޭ ހިސާބުގައި އަހަންނާއި ހަފީޒާ ހުއްޓިލައިގެން ތިބީމެވެ. ބައްޕަ ގައިގަ ވެލިމޮޑުމުގައި އުޅުނީ ކަތީބެވެ.
"މިހާރު ހާދަ ބޮޑު ތަނެއް ރަނގަޅުވެއްޖެޔޭ!" ހަފީޒާ ވަރަށް އުފާވެފައި ބުންޏެވެ. "ދެން މާ ގިނަ ދުވަހެއް ނުވެ މާލެދެވިދާނެ. މޫނިސާއަށް މި ރަށް ދެން ވަރަށް ފޫހި ދޯ ފިރިމީހާ ނެތީމަ."
ހިނިތުންވެލުން ފިޔަވައި އެހެން ޖަވާބެއް އަހަރެން ނުދެމެވެ. އަހްސަން ބަދުނާމުކުރަމުން ހިނގުމަކުން އަހަރެންގެ ހިތަށް ލިބޭނެ ލުޔެއް ނެތެވެ.
"މާލެ ގޮއްސަ ވެސް ބައްޕަ ނިކަން ރަނގަޅަށް ޖެހޭނެ ބަލަހައްޓަން،" ހަފީޒާ އެދުނެވެ. "ހެނދުނު މޫދަށް ގެންގޮސް، ގަޑިންގަޑިޔަށް ތެޔޮދަމާ، ހިންގުވާހަދަން ވާނެ."
"ކާކުބާ ތި ކަން ކުރާނީ؟" ވިސްނަމުން އަހަންނަށް ބުނެވުނެވެ. "އަހަންނަށް އެކަންޏަކު ނުކުރެވޭނެ."
"ރާޝިދު ދާނެ!" ހަފީޒާ ޔަގީންކަމާ އެކުގައި ބުންޏެވެ.
އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އަހަންނަށް އަހްސަން ކަންތައްކުރާ ގޮތް ރާޝިދަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"އުހުނ އޭނަ ކަމަކުނުދާނެ!" ވިސްނައިނުލައި އަހަންނަށް ބުނެވުނެވެ.
ނުނިމޭ
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކޮންމެވެސް މީހެއް
29 September 2019
މަށަށްވެސް ރާޝިދުދެކެ ލޯބިވެވިއްޖެ ތޯއެއްޗެއް!
Reehan Ibrahim
06 August 2019
އަހަރެން ދިވެހި ވަރައްގިނަ ލިއުންޔެރިންގެ ވާހަކަތައް ކިޔާފިން ...އެހެބަސް ބިންމާ ވަރެއް އަދި ހަމަ ނެތޭ ބުނާނީ
ޖަމީ
05 August 2019
ދެންއަންނަ ބައިންފެށިގެން ރާޝިދުގެ ފޮޓޯއެއް ލާފަ ބައިންދަބަރ ބިންމާ
ތުމާ
05 August 2019
ބިންމާ! ހަމަ ފިދާ ވަނީ މި... ހާދަ ހިތްގައިމޭ މިހާރު މިވާހަކަ. މަގޭ މޭގަނޑުވެސް ނެގި ނެގިފަ ޑަޑަގުން ޑަން.
ލިއު
05 August 2019
ވާހަކަ ކިޔާ ހިތުން ހުއްޓަ މިނިމުނީ....ބިންމާ ކޮންމެ ދުވަހަކުވެސް ގެނެސްދޭނަމަ...އިންތިޒާރުކުރުމަކީ ވޭނެއް.
ަޢަލީ 222
04 August 2019
ވާހަކަ ރީއްޗަކަސް ސިފަކުރުން ގިނަކަމުން ސްކްރޯލް ކުރަންޖެހޭލެއް ގިނަ. ފޫހި ގޮތެއް ހުރޭ. ބިންމާގެ ވާހަކަ ތަކުގައި މީގެ ކުރިން ސްކިޕް ކުރާކަށް ނުޖެހޭ.
ކިޔަަަާހިތްވެެޭ
04 August 2019
ވަރަށް މޮޅު ސިފަކުރުން
ބައްބު
04 August 2019
ކާކާތަ ރާޝިދު ވައްތަރީ؟
ރުމޭ
04 August 2019
ވިކީ ކައުޝަލް ?
ގޮބުލީ
05 August 2019
އަދީބުއާ
މާޔާ
04 August 2019
ހަމަ ވ ރީތި. ވ ލޯބި.
ރުމޭ
04 August 2019
"ވެދާނޭތޯ ހިތާއޭ ހިތް އެދެންހޭ ދެން ޤަބޫލު ވެލަން.. ވެލީމާ ލޯބި އާލާ ޔާރެކޭ ވާތީ މަށާ ދުރުގާ.." ދިއްގަރު މީހުންގެ ލަނގިރީގެ ތެރެއިން އިވުނު ހިތްގައިމު ލަވައެއް. ގުޅުވާލެވުނީ ރާޝިދު އާ
ތުމާ
05 August 2019
ތި ކޮމެންޓް ވަރަށް ނަލަ. ނޭނގޭ ގޮތެއް ވަނީ.