އަނޫޖާ ޗޯހަންގެ ވާހަކަ "ބާޒް" ގެ ރައިޓްސް ޔާޝްރާޖް ފިލްމްސް އިން ހޯދައިފި

އިންޑިއާގެ ލިޔުންތެރިޔާ އަނޫޖާ ޗޯހަން މީގެ ދެ އަހަރު ކުރިން ނެރުނު ކާމިޔާބު ވާހަކަ "ބާޒް" ގެ ރައިޓްސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހޯދައިފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ވާހަކަ ބޮޑު ސްކްރީނުގައި ކިޔައިދޭން ރައިޓްސް ހޯދުމަށް ފަހު، އޭގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކާއި ކާސްޓުންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.

ވައިއާރްއެފްގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ސްކްރީންޕްލޭ ފައިނަލްވުމާ އެކު، ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

އަނޫޖާ 2017 ގައި ނެރުނު "ބާޒް" ގައި ކިޔައިދެނީ ފައިޓާ ޕައިލެޓަކަށް އޭނާގެ ކޮލީގެއްގެ ކޮއްކޮއަކާ ހިތާވުމުން ދިމާވާ ހާދިސާތަކެކެވެ.

އަނޫޖާގެ ވާހަކައަކަށް މިހާރު ވެސް އަންނަނީ ފިލްމެއް ހަދަމުންނެވެ. އެއީ ސޯނަމް ކަޕޫރާއި ސައުތުގެ އެކްޓަރު ދަލްގޫރް ސަލްމާން ލީޑް ރޯލް ކުޅޭ "ދަ ޒޯޔާ ފެކްޓާ" އެވެ. އަނޫޖާ 2008 ގައި ނެރުނު އެ ވާހަކަ އަށް ހަދާ ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރުމާ އެވެ. ކްރިކެޓް ޓީމެއްގެ ނަސީބާ ޒުވާން އަންހެނަކު ގުޅިފައި އޮންނަ ގޮތް ދައްކުވައިދޭ "ޒޯޔާ ފެކްޓާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 20 ގަ އެވެ.

މީގެ އިތުރުން އަނޫޖާ 2010 ގައި ގެނެސް ދިން ވާހަކަ "ބެޓްލް އޮފް ބިޓޯރާ" އަށް ވެސް ފިލްމެއް ހަދަން ސޯނަމްގެ ކޮއްކޮ އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރް ވަނީ އެ ވާހަކައިގެ ރައިޓްސް ވެސް ހޯދައިފަ އެވެ.