ސަނީ ޑިއޯލްގެ ދަރިފުޅުގެ ފިލްމުގެ ޓީޒާ ދައްކާލައިފި

އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.


ލޯބީގެ ވާހަކައަކަށް ހަދާފައިވާ މި ފިލްމަކީ ސަނީ ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ. އޭނާ މި ފިލްމު ސިފަކޮށްފައިވަނީ އެޑްވެންޗެރަސް ލަވް ސްޓޯރީއެއްގެ ގޮތުގަ އެވެ. "ޕަލް ޕަލް ދިލްކޭ ޕާސް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރަވީ ޝަންކަރެވެ.

ފިލްމުގެ ޓްރެއިލާ އިން މާ ބޮޑު އެއްޗެއް އެނގޭ ވަރު ނުވިޔަސް، ސަނީގެ އަލަތު ފިލްމު 1983 ގެ "ބޭތާބް" ގެ ކަހަލަ ފިލްމަކަށް ކަރަންގެ "ޕަލް ޕަލް ދިލް ކޭ ޕާސް" ވާނެ ކަމަށް ބެލުންތެރިން އުންމީދު ކުރާނެ އެވެ. މި ފިލްމުގައި އޭނާއާ އެކު ސަހެރް ބާމްބާ ކިޔާ އާ ބަތަލާއަކު ވެސް ތައާރަފު ކުރާނެ އެވެ.

"ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ސަޕޯޓިން ކާސްޓްގައި ވެސް މުޅިން ތިބީ ބެލުންތެރިންނާ ބީރައްޓެހި ނަންތަކެވެ.

އެކަމަކު ފިލްމުގެ ރޯލަކުން ކުރީގެ މަޝްހޫރު ސިލްސިލާ "ހީނާ" ގައި ޓައިޓްލް ރޯލް ކުޅުނު ބަތަލާ ސިމޯން ސިންގް ފެންނާނެ އެވެ. އޭނާއަކީ މިހާރު ކަލާޒުން ދައްކާ ސިލްސިލާ "ބަހޫ ބޭގަމް" އިން ވެސް ފެންނަ ތަރިއެކެވެ.

މި އަހަރު ބޮލީވުޑަށް ތައާރަފު ކުރާ ތަރިންގެ ދަރިންގެ ތެރެއިން ކަރަންއަކީ ގިނަ ބަޔަކު ފާރަލަމުން އަންނަ އެކްޓަރަކަށްވާތީ "ޕަލް ޕަލް ދިލް ކޭ ޕާސް" އަށް ގިނަ ބަޔަކު ޔަގީނުން ވެސް އިންތިޒާރު ކުރާނެ އެވެ. އެކަމަކު އަންނަ މަހުގެ 20 ގައި ފިލްމު އެޅުވުމުގެ ކުރިން ފިލްމުގެ ޓްރެއިލާ އަށް ބެލުންތެރިން މިހާރު މާ ބޮޑަަށް އުންމީދު ކުރާނެ އެވެ.