ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.


ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "އާރްއެކްސް 100" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހިންދީ ފިލްމަށް ދީފައިވާ ނަމަކީ "ތަޅަޕް" އެވެ. އެކަމަކު އޭގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އާއި ޑައިރެކްޓަރު މިލަން ލުތުރިއާ އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

އަހާންގެ ފުރަތަމަ ފިލްމުގެ ބަތަލާއަކީ މިދިޔަ މެއި މަހު ރިލީޒް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާ ތާރާ ސުތާރިއާ އެވެ. މިއީ އޭނާ ސޮއިކުރި ތިން ވަނަ ފިލްމެވެ. އަންނަ އޮކްޓޯބަރު 2 ގައި ރިލީޒް ކުރާ "މަރުޖާވާ" އިން ވެސް ތާރާ ފެނިގެން ދާނެ އެވެ.

އަހާންގެ އަލަތު ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމަކީ އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ފިލްމެކެވެ.

މީގެ ޑައިރެކްޓަރު މިލަންއަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ދަ ޑާޓީ ޕިކްޗާ" އާއި "ބާދުޝާހޯ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރެވެ.

ޕަރިނީތީގެ ފިލްމަށް އިތުރު ބަތަލާއިންތަކެއް

ހޮލީވުޑްގެ ފިލްމު "ދަ ގާލް އޮން ދަ ޓްރޭން" ގެ ލީޑް ރޯލަށް ބަތަލާ ޕަރިނީތީ ޗޯޕްޅާ ސޮއިކޮށްފައި ވަނިކޮށް، އެ ފިލްމަށް އިތުރު ބަތަލާއިންތަކެއް ވެސް ސޮއިކޮށްފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ލަންޑަނުގައި ޝޫޓިން ފެށި ފިލްމުގެ ކާސްޓަށް އިތުރުވި ބަތަލާއިންނަކީ އަދިތީ ރާއޯ ހައިދަރީ އާއި ކިރްތީ ކުލްހާރީ އެވެ. މީޑިއާތަކުން ބުނީ ކިރްތީ ފިލްމުގައި ފެނިގެން ދާނީ ފުލުހެއްގެ ރޯލުން ކަމަށެވެ. ނަމަވެސް އަދިތީގެ ކެރެކްޓާއަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ

ރިބޫ ދާސްގުޕްތާ ޑައިރެކްޓް ކުރާ ފިލްމުގެ ނަމާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދެހާސް ސޯޅައިގައި ރިލީޒް ކުރި "ދަ ގާލް އޮން ދަ ޓްރޭން" އަކީ ޓޭޓް ޓޭލާ ޑައިރެކްޓްކޮށް، އެމިލީ ބްލަންޓް ބަތަލާގެ ރޯލް ކުޅުނު މިސްޓްރީ ތުރިލާއެކެވެ. އެމިލީގެ ރޯލް ހިންދީ ފިލްމުގައި ކުޅެނީ ޕަރިނީތީ އެވެ.

"ހަމް އާޕްކޭ..." އަލުން ސްކްރީނަށް

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި އަދި ބޮލީވުޑްގެ އައިކޮނިކް ފިލްމު "ހަމް އާޕް ކޭ ހޭ...ކޯން" ރިލީޒް ކުރިތާ ހޯމަ ދުވަހަށް 25 އަހަރު ފުރުމާ ގުޅިގެން ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ފިލްމުގެ ހާއްސަ ސްކްރީނިންއެއް ބާއްވަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ އާއިލީ ފިލްމުތައް ގެނެސް ދޭން ކުޅަދާނަ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ގެނެސް ދިން ދެވަނަ ފިލްމުގެ ސްޕެޝަލް ސްކްރީނިން އޮންނާނީ އަންނަ ހުކުރު ދުވަހު މުމްބާއީގެ ލިބަޓީ ސިނަމާގައި ކަމަށެވެ. އޭގައި ފިލްމުގެ ތަރިންނާއި "ހަމް އާޕް ކޭ ހޭ...ކޯން" ގައި އެކި ގޮތްގޮތުން ހިއްސާވި މީހުން ބައިވެރި ވާނެ އެވެ.

އެ ފިލްމުގެ ލީޑް ރޯލް ކުޅުނީ ސަލްމާން ހާނާއި މަދޫރީ ޑިކްސިޓެވެ. "ހަމް އާޕް ކޭ ހޭ...ކޯން" ރިލީޒް ކުރީ އޮގަސްޓް 5، 1994 ގަ އެވެ

"މޭނޭ ޕިޔާރު ކިޔާ" އިން 1989 ގައި ޑައިރެކްޝަނަށް ނުކުތް ސޫރަޖް އެންމެ ފަހުން ގެނެސް ދިނީ 2015 ގެ "ޕްރޭ ރަތަން ދަން ޕާޔޯ" އެވެ.

ސައިފާ އެކު ކްރިތިކާ

އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފުރަތަމަ ވެބް ސީރީޒް "ތަންޑަވް" އިން ސައިފް އަލީ ހާނާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ކްރިތިކާ ކުމްރާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ބަތަލާ މިހާރު ވަނީ އެ ސީރީޒަށް ސޮއިކޮށްފަ އެވެ. އެކަމަކު މި ޕޮލިޓިކަލް ތުރިލާއާ ބެހޭ ގޮތުން މިދިޔަ ޖޫން މަހު "ބާރަތު" ގެނެސް ދިން އަލީ އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ކުޗް ތޯ ލޯގް ކަހޭ" އާއި "ކިތުނީ މޮހައްބަތު ހޭ" އަދި "ރިޕޯޓާޒް" ފަދަ ސިލްސިލާތައް ކުޅުނު ކްރިތިކާ، 30، އަކީ މިހާރު ފިލްމުތަކުން ވެސް ފެންނަ ބަތަލާއެކެވެ. އޭނާގެ އަލަތު ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ޖެކީ ބަގްނާނީގެ "މިތުރޯން" އެވެ.

މިދިޔަ ހަފުތާގައި ކްރިތިކާ، ލަވަކިޔުންތެރިޔާ ޖުބިން ނޯޓިޔާލްއާ އެކު ކުޅެފައިވާ ވީޑިއޯ ލަވައެއް ވެސް އާންމުކޮށްފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އަލީގެ "ތަންޑަވް" އަކީ އަންނަ އަހަރު ބެލުންތެރިންނަށް ގެނެސް ދޭނެ އެއްޗެކެވެ.