ސަނީ ޑިއޯލްގެ މަޖިލީހުގެ ހާޒިރީ ވަރަށް ދަށް

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި ޕަންޖާބްގެ ގުރުދާސްޕޫރް ތަމްސީލުކުރާ މެމްބަރު އަދި އެކްޓަރު ސަނީ ޑިއޯލްގެ ހާޒިރީ ވަރަށް ދަށްކަން ހާމަވެއްޖެ އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދާ 17 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާ އިރު، ސަނީ ހާޒިރުވެފައި ވަނި އެންމެ ނުވަ ޖަލްސާއަށެވެ. އަދި މިހާތަނަށް ބޭއްވި 37 ޖަލްސާގެ ތެރެއިން 28 ޖަލްސާއަކަށް އޭނާ ހާޒިރުނުވާކަން ދައްކަ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ވެރިކަންކުރާ ބީޖޭޕީގެ މެމްބަރު ލޯކް ސަބާގެ ޖަލްސާތައް ފެށިތާ ކުރީކޮޅު އެންމެ ފުރަތަމަ ބޭއްވި ފަސް ޖަލްސާ އަށް ހާޒިރުވެފައިވާ ކަމަށެވެ. އެވެ. އެކަމަކު ޖެހިގެން އައި ހަފުތާގައި އެއްކޮށް އޭނާ އެއްވެސް ޖަލްސާއަކަށް ހާޒިރު ނުވާ ކަމަށް ބުންޏެވެ.

އެންޑީޓީވީން ބުނީ ސަނީގެ ހާޒިރީ ދަށްކަމުން އޭނާގެ ދާއިރާގެ ރައްޔިތުން ވެސް ސަނީގެ ގާބިލިއްޔަތުކަމާ ދޭތެރޭ މިހާރު ސުވާލު އުފައްދައި، އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

ސަނީގެ މިފަދަ މައްސަލައެއް ފެންމަތިވެފައި މި ވަނީ ލޯކް ސަބާގެ މަސައްކަތުގައި ބިޒީކޮށް އުޅެން ޖެހޭތީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންނާ ބައްދަލު ކުރަން ދަތިވާނެ ކަމަށް ބުނެ ގުރުދާސްޕޫރުގައި ހުންނަ އޭނާގެ އޮފީހަށް ޕާސަނަލް އެސިސްޓަންޓަކު (ޕީއޭ) ހަމަޖެއްސި މައްސަލާގައި ރައްޔިތުންތަކެއް އޭނާގެ އިސްތިއުފާ އަށް ވެސް ދާދި ފަހުން ގޮވާލައިފައި ވަނިކޮށެވެ.

ލޯކް ސަބާގެ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ސަނީ ވަނީ ގުރުދާސްޕޫރްގެ ތަރައްގީ އަށް ވަކާލާތުކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ އެކު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވައުދުވެފަ އެވެ.

ދާދި ފަހުން ސަނީ ވަނީ ކުވައިތަށް އަޅެއްގެ ގޮތުގައި ވިއްކައިލި އަންހެނަކު ސަލާމަތްކޮށް އިންޑިއާ އަށް ގެންގޮސް އާއިލާއާ ހަވާލުކޮށްފަ އެވެ. އަދި އެ މަސައްކަތަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރު ވެދެއްވި އެހީ އަށް ސަނީ ވަނީ ޓްވިޓާގައި ޝުކުރު އަދާކޮށްފަ އެވެ. ސަނީގެ މި މަސައްކަތް ފާހަގަކޮށް، ބީޖޭޕީން ބުނީ މިއީ ސަނީއާ އެކު ރައްޔިތުންގެ ވެލްފެއާ ރަނގަޅު މިސްރާބަކަށްދާ ކަމުގެ ހެއްކެއް ކަމަށެވެ.

ސަނީގެ ލޯކް ސަބާގެ ހާޒިރީ ދަށްކަން ހާމަވި އިރު އޭނާ އަންނަނީ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް ވަމުންނެވެ. އެއީ އަންނަ މަހުގެ 20 ގައި ރިލީޒް ކުރާ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އެ ފިލްމަކީ ސަނީ ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ.