މުނިފޫހިފިލުވުން / ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން

އާދިއްތަ ދުވަހާ ގުޅޭ

"އުހުނ އޭނަ ކަމަކުނުދާނެ!" ވިސްނައިނުލައި އަހަންނަށް ބުނެވުނެވެ.

"އެޔޯ؟ އޭނަގެ އަންހެނުން އެއްބަސްނުވެދާނެތީ؟" ހަފީޒާ ވަރަށް ހިނިއައިސްފައި ބުންޏެވެ. "މަ މިހިރީނު އޭނަ އެއްބަސްކުރުވަން."

ހަފީޒާ އެހެން ބުނިއިރު ބަލަހައްޓައިގެން ހުރީ ބައްޕަޔަށެވެ. އެހެން ނޫން ނަމަ، ތަންމިނަށް ހުޅުވިފައިވާ އަހަރެންގެ ދެ ލޯ ފިސާރި ރަނގަޅަށް ހަފީޒާއަށް ފެނުނީހެވެ. އަހަރެން ހިތަށްއެރިއެވެ. ރާޝިދަކީ މީހެއްގެ ފިރިއެއް ހެއްޔެވެ؟ އެހެން މީހެއްގެ އަމާނާތެއް ހެއްޔެވެ؟ އެ ފަދަ މީހަކާ ދޭތެރޭ އަހަރެން ވިސްނާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަހަންނަށް މި ކުރެވުނީ ކޮން ފަދަ ބޮޑު ކުށެއް ހެއްޔެވެ؟ އަހަރެންނަށް މި ކުރިމަތިވީ ކޮން ފަދަ ބޮޑު ގިލަންވެރިކަމެއް ހެއްޔެވެ؟ ލޯބިނުވާ މީހާޔާ ދުރަށް ދެވޭކަށް ނެތެވެ. ލޯބިވާ މީހާޔާ ކައިރިވެވޭކަށް ނެތެވެ. ހިތާހިތުން ބުނެވުނެވެ. މާތްކަލާނގެ އަހަންނަށް ކެތްތެރިކަންދެއްވާށިއެވެ.

ހަވީރުގެ ވަގުތެވެ. ބައްޕަގެ ގައިގައި ތެޔޮދަމައި ކަސްރަތުކުރުވައިހެދީ ދޮންމަނިކެވެ. އޭނައަކީ އެ ފަދަ ކަންކަމަށް މާ ކުޅަދާނަ މީހެކެވެ. އެ ކަމަށް އަހަރެން ވެސް ހެކިވަމެވެ. ބައްޕަ އޮތީ ކުޑައަށީގައެވެ. އަށީގެ ފައިލާކޮޅުގައި ރާޝިދު އިނެވެ. ދޮންމަނިކު ދެމުންގެންދިޔަ އިރުޝާދުތައް ރާޝިދު ކަނުލައި އަޑުއެހިއެވެ. ކުދިންނަށް ސައިދޭންވެގެން އަހަރެން އިނީ ސައިމޭޒު ކައިރީގައެވެ. މީހެއްގެ ފިރިޔަކާ ދޭތެރޭގައި ނުވިސްނަން އަހަރެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރީމެވެ. ރާޝިދުގެ ހުތުރު ސިފައެއް ހަނދާންކުރީމެވެ. އުނިސިފައެއް ވިސްނޭތޯ ބެލީމެވެ. އެކައްޗެއް ވެސް ނުވިސްނުނެވެ.

"ބައްޕަޔާ ހެދިި.. ދަރިފުޅު ފޫހިވެގެން މުޅިން.. މުޅިން ހަލާކުވެއްޖެ ދޯ!" ކުޑަ އުނދަގުކަލާ އެކުގައި ބައްޕަ ވާހަކަދެއްކިއެވެ. "މި ކަހަލަ ރަަށަކަށް އައިސް ކުރާނެކަމެއް ނެތިފަ.. އިންނަންޖެހުނީމަ.."

"ދެން ބައްޕާ!" އޯގާތެރިކަމާ އެކުގައި އަހަަރެން ބުނީމެވެ. "ބައްޕަ ތިހިރީނު! ދެން އަހަރެން ކޮން ފޫއްސެއްވާނީ؟ މާލެއަށް ވުރެ މި ރަށް މާ ހިތްފަސޭހަ. މިހާރު ނުވޭ މާލެދާހިތެއް."

ބައްޕަ ހިނިތުންވެލިއެވެ. ވާހަކަދައްކަން ބައްޕައަށް ލުއިވަމުންދާ މިންވަރާއި، ބައްޕަ ހިތްހަމަޖެހިފައިހުންނަލެއް ބޮޑުކަމުން އަހަރެންގެ އަމިއްލަ މައްސަލަތައް އަހަންނަށް ފެންނަނީ ކުޑަކޮށެވެ. އާނއެކެވެ. ރާޝިދު ފެންނަ ހިސާބުގައި ހުންނަން އަހަންނަށް އުނދަގޫވެއްޖެއެވެ. ރާޝިދު މާލެދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ރާޝިދު ނުފެންނަންޏާ ވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އަހަރެންގެ ހިތާއި ސިކުނޑި އެއްގަލަކަށް ނޭރިއެވެ.

"އާނ! މާލެ ގޮއްސިއްޔާ އެ ހިސާބުން ކުޅިވަރު ފެށުނީ،" ބައްޕަގެ ވާހަކަ ދީލައިލީ ގޮށްރާޅު ބިންދާ ފުއްޓަރަކާ ދިމާއަށެވެ. "ދަރިފުޅު ހިތުގަޖައްސަން އަހްސަން ހުންނާނެ ފޫގަޅާފަ."

އަހަންނަށް ބަލައިލެވުނީ ރާޝިދުގެ މޫނަށެވެ. ކުއްލިއަކަށް ރާޝިދު ކަރުއެލުވައިލިއެވެ. އެއީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ. އެ ވަރުން ވެސް ބައްޕަގެ ވާހަކަ ބަދަލެއްނުވިއެވެ. އަނެއްކޮޅުން އެ ވާހަކައިގައި ދޮންމަނިކު އިންޖީނުއެޅިއެވެ.

"އަހްސަނަކީ މި މަންޖެގެ ފިރިމީހާ އުތަ؟" ދޮންމަނިކު ސުވާލުކުރިއެވެ.

"ފިރިމީހާއޭ؟ ރަންނަމާރިއެއް އެއީ. ފައްކާ އިފުރީތެއް!" ބައްޕަ އިންޖީނު މެކުހަށްޖެހިއެވެ. "ހަތަރުދަމު.. ހަތަރުދަމު އުޅޭނީ ބޭރުގަ. ޤިބުލަ ހުންނަ ދިމާ ވެސް އެ ޖާހިލަށް.. ހިޔެއް ނުވޭ އެނގޭނެހެނެއް. ސިނގެރޭޓު އެ ވަރަށް ބޮއި.. ނުވާތާކަށް.."

"ބައްޕާ! މި ކުދިން ވަރަށް ފޫހިވެގެން އުޅެނީ،" ކޮންމެ ގޮތަކުން ވިޔަސް ބައްޕަގެ ވާހަކަ ހުއްޓުވުމުގެ ބޭނުމުގައި ކޮންމެވެސް ވާހަކައެއްދައްކަން މަޖުބޫރުވެގެން އަހަރެން ބުނީމެވެ. "ލޫޑޯ ނޫނީ މަނައްޕޮލީ ކަހަލަ އެއްޗެއް ނުލިބޭނެތަ؟"

ބައްޕަ ވިސްނައިލިއެވެ. އަހަރެންގެ މަގުސަދު ކާމިޔާބުވިއެވެ. ދެން ނަގާނީ ކުރިޔަށް ވުރެ މާ ބިޔަ ރާޅެއްކަމެއް އަހަރެން ނުދެނަހުރީމެވެ.

"މި ތާކު ތިޔަ ކަހަލަ.. އެއްޗެއްސެއް ނުހުންނާނެ ދަރިފުޅާ!" ބައްޕަ ބުންޏެވެ. "ރާޝިދު! ދޭބަލަ ކުދިވެރިން ގޮވައިގެން ބޮއްކުރާ ދުއްވާލަން. ކުޑަ ދޯނި ވެސް.. އޮންނާނެއްނު. މި ރަށުގަ ހުންނާނެ ވެލާކޮށިތަކެއް. ހަވީރުދަޅަޔަށް އަންނާނެ.. ކޯމަސްގަނޑެއް ވެސް. ކުދިވެރިންނަށް ވަރަށް މަޖާވާނެ. ރާޝިދު ދޭބަލަ!"

ރަށުގެ ނިވާފަޅިއެވެ. ދޭތެރެޔަކުން މަޑު ރޯޅިއެއް ޖެހިލާހެން ހީވިޔަސް، ވައި ހިނދި ދަހަނގުވެފައިވާ ވަގުތެވެ. ހީވަނީ މޫދަށް ތެޔޮއަޅައިފައި އޮތްހެންނެވެ. އަހަރެންގެ ތިން ދަރިން އެކަނި ދޫކޮށްލަން ނުކެރިގެން އަހަރެން ވެސް ދޯނީގައި އިނީމެވެ. ރާޝިދާ ހަތަރުކަޅި ހަމަވާ ގޮތަށެވެ. އެއީ އަހަރެންގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބުކަމެއް ނޭނގެއެވެ. ދޯނީގެ ހުންގާނު ދިނީ އަހަންނަށެވެ. ހަޔާތުގެ ހުންގާނު އަހަރެން ދީގެންހުރީ ރާޝިދަށްކަމެއް ރާޝިދު ނުވެސް ދެނަހުރި ކަހަލައެވެ. ރާޝިދު ބުނި ގޮތަކަށް އަހަރެން ހުންގާނުހިފީމެވެ. ކުދިން ތިބީ އޮލަ ވާހަކައެއްގައެވެ. ރާޝިދު އިނީ ކަޅުފެހިކުލައިގެ ސޯޓެއް ލައިގެންނެވެ. އޭނަ ލައިގެން ހުރި ގަމީހުގެ މެދު ގޮށް ފިޔަވައި އެހެން ހުރިހާ ގޮށެއް ހުރީ ނޭޅުވިއެވެ. ލޮނުގަނޑުގައި ފަލިއަޅުވައިފައި ދަމައިލާ ވަގުތު ރާޝިދުގެ ތަނަވަސް މޭމަތި އުފުލިގެންދާ މަންޒަރު ވަރަށް ފާޅުކޮށް އަހަންނަށް ފެނެއެވެ. އެ މޭމަތީގައި ބޯއަޅައިލައިގެން އޮންނަން ރޭގަނޑު ހަތަރުދަމު ލިބުނަސް އަހަރެންގެ ހިތެއް ނުފުރޭނެއެވެ. ސާބިތުކަމާ އެކުގައި ރާޝިދު ބެލީ މޫދުގެ ފުންމިނަށެވެ. ގަލެއްގައި ދޯނި ޖެހުނަ ނުދިނުމަށެވެ. ރާޝިދުގެ ބޮލުގައިއެޅިފައިވާ ޒިންމާ ކިހާ ބޮޑުކަން ރާޝިދަށް އެނގެއެވެ. ބޯއަރިކޮށްލައިގެން ހިޔާލަށް ގެއްލިފައި އިނީ އަހަންނެވެ. ރާޝިދަކީ އެހެން ހިތެއްގެ ވިންދެއް ނަމަވެސް އެ ހަގީގަތް ގަބޫލުކުރަން އަހަރެންގެ ހިތް ތަކުރާރުކޮށް އިންކާރުކުރިއެވެ. ބުނަން ބޭނުންވިއެވެ. އަނިޔާވެރި ލޯބިވެރިޔާއެވެ. ރަހުމުކުޑަ ޝިކާރަވެރިޔާއެވެ. ހިތް ކަފައި ކުދިކޮށްލަން ތިއަށް ވުރެ އަނިޔާވެރި ގޮތެއް ނެތް ހެއްޔެވެ؟ ތިޔަ ހިތުގައި ވިންދު ނުޖަހަނީ ހެއްޔެވެ؟ ތީ ހިލައިން ހަދައިފައިވާ ބުދަކީ ހެއްޔެވެ؟ ޝާހީ ދަރުބާރެއްގެ ރަސްކަލަކީ ހެއްޔެވެ؟ އެއްފަހަރު މި ކޮޅަށް ބަލައިލަބަލާށެވެ. އަހަރެން ވަކި ހުތުރެއް ނުވާނެއެވެ. ކުއްލިއަކަށް ރާޝިދު ބަލައިލިއެވެ. މީހަކު ބަލާކަން އެނގިގެން އެ މީހާޔާ ދިމާއަށް ބަލާ ކަހަލަ ގޮތަކަށެވެ. އަހަރެންގެ ނިޔަތް ރާޝިދަށް އެނގޭ ކަހަލައެވެ. ރާޝިދު އެނބުރޭކަށް ބޭނުމެއް ނުވިއެވެ. އަހަރެން ވެސް ބަލަހައްޓައިގެން އިނީއެވެ. ކުރީ ރޭ ރާޝިދު ކިއި ލަވައިގެ އެއް ތަންކޮޅު އަހަރެންގެ ކަންފަތުގައި ގުގުމަމުންގެންދިޔައެވެ. އެއީ ހިތްގައިމު ވަގުތުކޮޅެކެވެ.

" ލަދުވެތިކަން އޭގެ ނިހާޔަތުގާ. ދޮންދޫނި އިށީނޭ ދޯންޏެއްގާ. ހިތްގައިމު ރީތި ހަވީރެއްގާ. ކުރި ދަތުރު ފެވޭނޭ ދެހިތެއްގާ."

ކޯމަސްތަކެއް ފެނިގެން ކުދިވެރިން ހަޅޭއްލަވައިގަތުމުން އަހަރުމެން ވެސް އެ ދިމާއަށް އެނބުރުނީމެވެ. ދެން އަލުން ރާޝިދުގެ މޫނަކަށް އަހަރެން ނުބަލަމެވެ. ކުރެވުނީ ޝަކުވާއެވެ. ރާޝިދަކީ މީހެއްގެ ފިރިއެއްކަން އޭނައަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ އަހްސަނާއި ރާޝިދާ ދެމެދުގައި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ހުރިހާ ފިރިހެނުންނަކީ ވެސް އެ ފާޑުގެ މީހުން ހެއްޔެވެ؟ ރާޝިދުގެ ޖާދުލުގައި އަހަރެން ޖައްސައިގެން ރާޝިދަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހަރެންގެ ކުށެއް އޭރަކު އަހަންނަކަށް ނުފެނެއެވެ.

ދޯނި އެއްގަމަށް ބީއްސައި، ކުދިންނާއި އަހަރެން ދޯނިން ފޭބިއިރު ވެސް އަހަރެންގެ ހިތް ޝަކުވާކުރުން ހުއްޓައިނުލައެވެ. ރާޝިދު ބޭނުންވަނީ މާލެފައިބާ އަހަރެންގެ ގޭގައި ހުންނާށެވެ. އެއީ، ރާޝިދުގެ ހިތުގައި ފޮރުވިފައިވާ އަމިއްލައެދުމެކެވެ. ބައްޕަ ދެކެ ރާޝިދު ވާނީ ކޮން ލޯތްބެއް ހެއްޔެވެ؟ އެއްގަމަށް ފޭބުމާއެކު ކުދިން ރަށުތެރެއަށް ދުއްވައިގަތެވެ. އަހަންނާއި ރާޝިދު އެކަނިވިއެވެ. އިރު އޮއްސެމުންދިޔަ ވަގުތެވެ. ދޯނި ރަނގަޅަށް ހައްޔަރުކުރުމުގެ މަސައްކަތުގައި ރާޝިދު ހަރަކާތްތެރިވިއިރު އޭނަ ފެންނަނީ ކަޅު ހިޔަންޏެއްހެންނެވެ. އަހަރެންގެ ހިތް ފަދައިން މުޅި އުދަރެސް ރަތް އަނގުރުގަނޑެއްހެން އަނދަމުންދިޔައެވެ. ޒާތެއްގެ ކަރުހިއްކުމެއް އަހަރެންގެ ހަށިގަނޑުގައި ވަކިއަޅައި ނޮޅަމުންދިޔައެވެ.

"ތިއޮތް ވާގަނޑު އެއްލަބަލަ!" އަހަރެންގެ ފައި ކައިރީގައި އޮތް ވަލަކަށް އިޝާރާތްކޮށްފައި ރާޝިދު ބުންޏެވެ.

އަހަރެން އެ ވަލަށް ބަލައިލީމެވެ. ރާޝިދު ބުނި އެއްޗެއް އަހަންނަށް އެނގުނުކަން އެންގުމުގެ ގޮތުންނެވެ.

"އަމިއްލަޔަށް އައިސް ނަގާ!" ހަރުކަށި ރާގެއްގައި އަހަރެން ބުނީމެވެ.

ރާޝިދުގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އަހަރެން ރަށުތެރެއަށް ހިނގައިގަތީމެވެ. ތަންކޮޅަކަށް ގޮސްފައި ފަހަތް ބަލައިލީމެވެ. ރާޝިދު ހުރީ ހުއްޓުންއަރައިފައެވެ. އަހަރެން އެހާ ރުންކުރުވާނެކަމަކަށް ރާޝިދު ހިޔެއްނުކުރާނެއެވެ.

އެ ރެއަކީ ލަނގިރިޖެހުން އޮތް ރެޔެވެ. މާގަނޑުލީ ކުރު ދަނޑިޔާއި މާފަތި ހިފައިގެން ކުޅޭ އެ ކުޅިވަރު އަހަރެން ވަރަށް ބަލާހިތްވެއެވެ. އެކަމަކު، ހަވީރު ދިމާވި ހާދިސާގެ ސަބަބުން އަހަރެން ހުރީ ކުޅިވަރު ބަލަން ގޯތިތެރެއަށް ނުކުންނަހިތް ނުވެފައެވެ. ކުޅިވަރު ފަށަން ހަމަޖެހިފައިއޮތީ ރޭގަނޑު ނުވަޔެއް ޖަހާއިރުއެވެ. ނުވަގަޑި ބައިވިއިރު ވެސް ކުޅިވަރެއް ނުފެށެއެވެ. އެކަމަކު ކުޅިވަރުކުޅޭ ހެދުންއަޅައިގެން މީހުންތައް ކޮޅުކޮޅުމައްޗަށް ހިނގާތަން އަހަރެން ދުށީމެވެ. ވެގެންއުޅޭ ގޮތެއް ނޭނގުނެވެ. ކުޑަކޮށް ފެންޑާއަށް ނުކުމެލައި، ދުރުދުރުން އަޑުއަހައިލީމެވެ.

"އޭނަ އަޅެ ކޮންތާކަށްތަ އެ ވަނީ؟" މީހަކު ބުނި އަޑުއިވުނެވެ. "ހަވީރު ވެސް ރާޝިދު ގާތު މަ ބުނިން ޒުބޭރު ހުންއައިސްގެންނޭ އުޅެނީ ރާޝިދޭ މި ރޭ ލަވަކިޔަންޖެހޭނީ. އެ ވަރަށް ބުނީމަ ވެސް އޭނަ ނޭނގެ ވަން ތަނެއް ވެސް."

އަހަންނަށް ލިބުނީ ހައިރާންކަމެކެވެ. ހިތަށްއެރިއެވެ. ރާޝިދު ނައީ ކީއްވެގެން ހެއްޔެވެ؟ އޭނަ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އަހަރެން ކަހަލަ ދުރުހިލޭ އަންހެނަކު ބުނި އެންމެ ތިން ލަފުޒުން ވިރިގެން ފައިބަން ރާޝިދަކީ އުއްބައްތިއެއް ނޫނެވެ. އޭނަ ހިތުން ތިމާ ވަރުގެ ރީތި މީހަކު ނެތެވެ. އެ ފަދަ މީހެއްގެ ހިތް ކަފަކޮޅެއްހާ މަޑެއް ނުވާނެއެވެ. ރާޝިދު ދުވަހަކު ނަޔަސް، ދުވަހަކު ނުފެނުނަސް އޭނަ ހޯދާކަށް އަހަރެންނެއް ނުދާނަމެވެ.

"ބަޔަކު އެބަ ކިޔާ ރާޝިދު އެކަނިމާއެކަނި ބޮއްކުރައެއްގަ ފަރުމަހަށް ނުކުތް ވާހަކަ ވެސް،" އެހެން މީހަކު ބުނި އަޑު އެހީމެވެ. "ބޮއްކުރާ އެބައޮތޯ ލައްގާފަ. ތެދެއްބާ؟"

އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އެއީ ކީއްވެގެންކަން ނޭނގޭކަމަށް އަހަރެން ހެދުނީމެވެ. ރާޝިދަކީ އަހަރެންގެ ކާކު ހެއްޔެވެ؟ އަހަރުމެން ދެމެދުގައި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ރާޝިދަށް ޓަކައި އަހަރެންގެ ހިތް ތެޅިގެންނުވާނެއެވެ. އަހަރެންގެ ހަޔާތުގައި ރާޝިދުގެ ނަން ލިޔެފައިވާ ކޮންމެ ފޮޅުވަތަކުން އެ ނަން ފުހެލައިފީމެވެ.

ނުނިމޭ

19 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 39%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަންމާކަލޯ

08 August 2019

"އަހަރެން ކަހަލަ ދުރުހިލޭ އަންހެނަކު ބުނި އެންމެ ތިން ލަފުޒުން ވިރިގެން ފައިބަން ރާޝިދަކީ އުއްބައްތިއެއް ނޫނެވެ." މި ވާހަކައިގެ އެންމެ ރީތި ޖުމްލަ. ބިންމާ ހަމަ މޮޅީ...

The name is already taken The name is available. Register?

ޝާހް!

07 August 2019

އެހާ އަވަހަށް ރާޝިދު މަރާ ނުލައްޗޭ ޕްލީޒް. ވަރަށް ފުރިހަމަ. އައި އޭމް އަ ނިވް ފޭން އޮފް ޔޫ!!

The name is already taken The name is available. Register?

އުއްބައްތ

07 August 2019

''އަހަރެން ކަހަލަ ދުރުހިލޭ އަންހެނަކު ބުނި އެންމެ ތިން ލަފުޒުން ވިރިގެން ފައިބަން ރާޝިދަކީ އުއްބައްތިއެއް ނޫނެވެ.'' މަށަކަށް ނޭންގޭ ބުނެދޭކަށް ކީއްވެ ކަމެއް މި ޖުމްލަ މަށަށް ކިއިއްޖެ ބައިވަރުފަހަރު

The name is already taken The name is available. Register?

ޖީމް

07 August 2019

ބިންމާ ހާދަމޮޅޭ ކުރީޒަމާނުގެ މަންޒަރުތައް ސިފަކުރަން

The name is already taken The name is available. Register?

ޝިފު

07 August 2019

ރާޝިދުގެ ފައިވާން ކޮންމެދުވަހަކު އަހަރުންނަށް ފެންނަނީ. ރާޝިދުފެންނާނެގޮތެއް ކިޔާދީބަ. ދުވަހަކުވެސް ފެނުން ނެތީބާ؟

The name is already taken The name is available. Register?

ޢަހާ

07 August 2019

މަށަށް ސަޅީ އިންޖީނު މެކުހަށް ޖެހި ހިސާބު ހެހެހެ

The name is already taken The name is available. Register?

އަމީ

07 August 2019

މަވެސް އިނީ އެ ދޮނީގަ.. މޫދުވެސް ފެންނަހެން ހީވަނީ.. ބިންމާ ހާދަމޮޅޭ.. މާޝާﷲ

The name is already taken The name is available. Register?

ހަޖަމުނުޥާ

07 August 2019

ވާހަކަ ލިޔުންްތެރިޔަކަށް ވާން ބޭނުން މީހުން ދަސްކޮށްބަލަ ސިފަކުރުމުގެ މުހިއްމުކަން މިވާހަކައިން އެބަ އެނގޭ. މަ ހަމަ ކޮސްވެއްޖެ. މިހާ ފެންވަރުގަ ވާހަކަ ލިޔާ މީހެއްގެ ވާހަކަ ކިޔަކިޔާފަ ދެން ކިހިނެތް ރޯދަ މަހު އެ ގެންނަ ވާހަކަތައް ހަޖަމު ވާނީ؟

The name is already taken The name is available. Register?

ފޫހި

07 August 2019

ރާޝިދު މަރުވީތަ؟ އެކަމަކު އޭނަ މަރުވެގެން ނުވާނެދޯ؟ އޭނާއަކީ މީހެއްގެ ފިރިއެއްވިއްޔަ. އަދި މިދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތެއްނު. ދެން ކީއްވެ ރާޝިދު ކަނޑުވާންވީ.

The name is already taken The name is available. Register?

ބާބޫ

07 August 2019

ބިންމާ ބޭބޭ މިވާހަކަ ޑެއިލީ އަޕްކޮށްލަ ދެއްވުން އެދެން..........ވާހަކަ ރީތިކަމުން އޮބިނޯވޭ.............ބިންމާބޭބެ ވަރެއް ހަމަނެތް.............1000 ގެ މީހެއްތީ، ބޭބެއަށް މާތްﷲ ހެޔޮ ރަޙްމަތްލައްވާ ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކޮށްދެއްވާށި! އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454