އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ ފިލްމެއް އަބީޝެކް ބައްޗަނާއި އިލިއާނާ ޑި ކްރޫޒަށް

އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ ފިލްމަކަށް އަބީޝެކް ބައްޗަން އާއި އިލިއާނާ ޑި ކްރޫޒް ހަމަޖައްސައިފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަދި ނަން އިއުލާން ނުކުރާ މި ފިލްމަކީ 1990-2000 އާ ދޭތެރޭ އަހަރުތަކުގައި އިންޑިއާގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެކަމަކު އޭގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މި ފިލްމު ޑައިރެކްޓް ކުރާނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި އަޖޭގެ "ޓޯޓަލް ދަމާލް" ގެ ކްރިއޭޓިވް ޑައިރެކްޓަރެއްގެ ގޮތުގައި ޑައިރެކްޓަރު އިންދަރު ކުމާރާ އެކު މަސައްކަތްކުރި ކުކީ ގުލާޓީ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އޭގެ ޓީމުން މިހާރު އަންނަނީ ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަންތައް ބަލަމުންނެވެ.

މި ފިލްމުވެގެން ދާނީ އަބީޝެކާއި އިލިއާނާ އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. ހަންގާމާ އިން ބުނީ އެ ދެ ތަރިންނާ އެކު ފިލްމުގެ ރޯލަކުން އަޖޭ ފެންނާނެކަން އަދި ކަށަވަރު ނުވާ ކަމަށެވެ. އަޖޭ ސޮއިކޮށްފައި ހުރި ގިނަ ފިލްމުތަކެއް ހުރުމާ އެކު އޭނާ އުޅެނީ ވަރަށް ބިޒީކޮށެވެ. މި ވަގުތު އެންމެ ބާރަށް ޝޫޓިން ކުރިއަށް ދަނީ އޭނާގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ އެވެ.

އަޖޭ، އިލިއާނާ އަދި އަބީޝެކް.

އަޖޭ ޕްރޮޑިއުސް ކުރާ ފިލްމަކުން އިލިއާނާ އަށް ފުރުސަތު ލިބުނު އިރު، އެ ދެ ތަރިން އެކީގައި ދެ ފިލްމު ވެސް ކުޅެފައިވެ އެވެ. އެއީ "ބާދުޝާހޯ" އާއި "ރެއިޑް" އެވެ. އަދި އަޖޭ ވަނީ އަބީޝެކާ އެކު ވެސް މަސައްކަތްކޮށްފަ އެވެ. އެއީ "ޒަމީން"، "ޔޫވާ" އަދި "ބޯލް ބައްޗަން" ގަ އެވެ.

އަބީޝެކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރާ އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމެކެވެ. އިލިއާނާ އެންމެ އަވަހަށް ދެން ފެންނާނީ އަންނަ ނޮވެމްބަރު މަހު ރިލީޒް ކުރާ "ޕާގަލްޕަންތީ" އިންނެވެ.