"ނަޗް ބަލިޔޭ 9" ކާމިޔާބު ކުރާ ޖޯޑަކަށް ސަލްމާން ހާންގެ "ދަބަންގް 3" ގެ ލަވަކުން ފުރުސަތު

ސަލްމާން ހާން ޕްރޮޑިއުސްކޮށް، ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ ޑާންސް ޝޯ "ނަޗް ބަލިޔޭ" ސީޒަންް 9 ކާމިޔާބުކުރާ ޖޯޑެއްގެ ތެރެއިން އަންހެން ފަންނާނަކަށް، ސަލްމާންގެ "ދަބަންގް 3" ގެ ލަވައަކުން ފުރުސަތު ދޭން ނިންމައިފި އެވެ.


މިހާރު ޝޫޓް ކުރަމުން އަންނަ މި ފިލްމަކީ އަންނަ ޑިސެމްބަރު މަހުގެ 20 ގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ނަޗް ބަލިޔޭ 9" ކާމިޔާބުކުރާ އަންހެން ފަންނާނަކަށް ސަލްމާނާ އެކު "ދަބަންގް 3" ގެ ލަވައަކުން ފެނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ޝޯ ނިމުމާ އެކު ލަވަ ޝޫޓްކުރާނެ ކަމަށް ބުންޏެވެ.

"ދަބަންގް 3" އަކީ ޕްރަބޫދޭވާ ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމުގެ ބަތަލާއަކީ "ދަބަންގް" ސީރީޒްގެ ކުރީގެ ދެ ފިލްމުގައި ވެސް ބަތަލާގެ ރޯލް ކުޅުނު ސޮނާކްޝީ ސިންހާ އެވެ. އަދި މި ފަހަރު ފިލްމުން އެކްޓަރު މަހޭޝް މަންޖްރޭކަރުގެ ހަގު އަންހެން ދަރިފުޅު ސައީ މަންޖްރޭކަރު ވެސް ތައާރަފު ކުރާނެ އެވެ.

"ދަބަންގް" ގެ ކޮންމެ ފިލްމެއްގައި ވެސް ފޯރި ގަދަ އައިޓަމް ލަވައެއް ހިމެނޭ އިރު، "ދަބަންގް 3" ގެ އައިޓަމް ލަވައިން ފެނިގެން ދާނީ ސަލްމާން މިދިޔަ އަހަރު ޕްރޮޑިއުސް ކުރި ފިލްމު "ލަވް ޔާތުރީ" އިން ތައާރަފުކުރި ބަތަލާ ވަރީނާ ހުސައިނެވެ.

"ނަޗް ބަލިޔޭ 9" މިދިޔަ މަހުގެ 19 އިން ފެށިގެން ކުރިއަށްދާ އިރު، މި ފަހަރުގެ ޝޯގެ މައިގަނޑު ތީމަކީ ކުރީގެ ލޯބިވެރިންނެވެ.

މި ފަހަރު ޝޯގައި ވާދަ ކުރާ ފަންނާނުންނަކީ އުރުވަޝީ ދޮލާކިއާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަނުޖް ސަޗްދޭވާ، ވިޝާލް އަދިތިޔާ ސިންގް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ މަދުރިމާ ތުލީ، އަލީ ގޯނީ އާއި ކުރީގެ ލޯބިވެރިޔާ ނަތާޝާ ސްޓާންކޮވިކް، ދެމަފިރިން ކަމަށްވާ އަނީތާ ހަސަނަންދާނީ އާއި ރޯހިތު ރެޑީ، ވިންދޫ ދާރާ ސިންގް އާއި ޑީނާ އުމްރާވޯ، ޕްރިންސް ނަރޫލާ އާއިޔޫވިކާ ޗައުދަރީ، ބަބީތާ ޕޯގަޓާއި ވިވެކް ސުހާގް، ރޮޗެލް ރާއޯ އާއި ކެއިތު ސްކީރާ، ސޯރަބް ރާޖް ޖެއިން އާއި ރިދިމާ، ލޯބިވެރިން ކަމަށްވާ ފައިޒަލް ހާނާއި މުސްކާން ކަޓާރިއާ، ޝަންތަނޫ މަހޭޝްވަރީ އާއި ނިތިޔާމީ ޝިރްކޭ އަދި ޝްރަދާ އަރިޔާ އާއި އާލަމް މަކައްރެވެ.

މަނީޝް ޕޯލް ހޯސްޓް ކުރާ "ނަޗް ބަލިޔޭ 9" އަކީ ބަތަލާ ރަވީނާ ޓަންޑަނާއި ކޮރިއޯގްރާފަރު/ޑައިރެކްޓަރު އަހުމަދު ހާން ޖަޖްކުރާ ޝޯއެކެވެ.