ޝާހްރުކް ހާންގެ ނަމުގައި ޕީއެޗްޑީ ސްކޮލަޝިޕެއް ތައާރަފުކޮށްފި

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ މި އަހަރުގެ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާނަށް ލެ ޓްރޯބް ޔުނިވަސިޓީން އޮނަރަރީ ޑިގްރީގެ ޝަރަފު އަރުވައި، އޭނާގެ ނަމުގައި ޕީއެޗްޑީ ސްކޮލްޝިޕެއް ވެސް ތައާރަފުކޮށްފި އެވެ.


"ޝާހްރުކް ހާން ލެ ޓްރޯބް ޔުނިވަސިޓީ ޕީއެޗްޑީ ސްކޮލަޝިޕް" ދޭނީ އެކި ދާއިރާތަކުން ރިސާޗްކުރާ އަންހެނުންނަށެވެ. އެގޮތުން އިންޑިއާގެ އަންހެނަކަަށް ކޮންމެ އަހަރަކު ވެސް ސްކޮލަޝިޕް ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ދަށުން ހަތަރު އަހަރުގެ ކޯހެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ސްކޮލަޝިޕްގެ އަގު 200،000 އޮސްޓްރޭލިއާ ޑޮލަރަށް އަރަ އެވެ.

ޝާހްރުކްގެ ނަމުގައި ލެ ޓްރޯބް ޔުނިވަސިޓީން ސްކޮލަޝިޕެއް ތައާރަފުކުރަން ނިންމީ އަންހެނުން ބާރުވެރިކޮށް ކުރިއަރުވަން އޭނާގެ މީރް ފައުންޑޭޝަނުން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.

މީރް ފައުންޑޭޝަނަކީ ވަކިން ހާއްސަކޮށް އެސިޑްގެ ހަމަލާތަކުގެ ޝިކާރައަކަށްވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެފަދަ އަންހެނުން ބާރުވެރިކޮށް މުޖުތަމައުގެ މުހިއްމު ހިއްސާއަކަށް ހަދަން މަސައްކަތްކުރާ ފައުންޑޭޝަނެކެވެ.

ޝާހްރުކް ބުނި ގޮތުގައި އަންހެނުންގެ ހައްގުގައި ކުރާ މަސައްކަތަށް ލެ ޓްރޯބް ޔުނިވަސިޓީން އެހީވުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އަދި އެތަނުން ފަހިކޮށް ދިން ސްކޮލަޝިޕަކީ އަންހެނުން ކުރިއަރުވަން ލިބުނު އިތުރު ހިތްވަރެއް ކަމަށް ބުންޏެވެ.

"މިފަދަ ފުރުސަތެއް ފަހިކޮށް ދިން ކަމަށްޓަކައި ލެ ޓްރޯބްގެ މުޅި މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޝާހްރުކް ބުންޏެވެ.

"ޝާހްރުކް ހާން ލެ ޓްރޯބް ޔުނިވަސިޓީ ޕީއެޗްޑީ ސްކޮލަޝިޕް" ވަރަށް އަވަހަށް ފުރުސަތު ވެސް ހުޅުވައިލާނެ އެވެ.