އެކްޓުކުރަން ނައްބަތު އަބަދުވެސް ޝައުގުވެރިވޭ

ނައްބަތު ބުނީ ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުން ވަނީ ސައިކޮލޮޖީ ދާއިރާ އިން ކަމަށް.

"މޯލްޑިވިން އައިޑޮލް" ގިނަ ބައެއްގެ ސަމާލުކަން ހޯދި ނައްބަތު ޝަކީބް ފިލްމަކުން ފެނިގެން ހިނގައި ދާނެ ކަމަކަަށް އޭނާ ވެސް އެހާ ބޮޑަކަށް އުންމީދެއް ނުކުރެ އެވެ. ލަވަ ކިޔުމަކީ ލިބިފައި ހުރި ހުނަރަކަށްވާތީ އައިޑޮލްގައި ވެސް ބައިވެރިވީ އެ ހުނަރު އާންމުންނަށް ދައްކާލުމުގެ ގޮތުންނެވެ.


ނަތީޖާ ވެސް ވަރަށް ފޮންޏެވެ. ފަހުރުވެރި ވަނައަކާ ހަމައަށް ނުދިޔަ ނަމަވެސް، މިހާރު ނައްބަތަކީ ތާއީދުކުރާ އެތައް ބަޔަކު ތިބި އުންމީދީ ލަވަކިޔުންތެރިއެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ހުރީ ލަވަ ކިޔުމުގެ ދާއިރާ އިން ކުރިއަށް ދާށެވެ.

އެކްޓް ކުރުމަކީ ނައްބަތު އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމެކެވެ. ނައްބަތު ބުނީ އޭނާއަކީ އާންމު ދިރިއުޅުމުގައި ހަމަ "އެކްޓަރެއް" ކަމަށެވެ.

"އަބަދު ވެސް އެކްޓް ކުރެވޭ ކަހަލަ ގޮތަކަށް ދެން އުޅެވެނީ. ވަރަށް ކުރިއްސުރެ ގޭ ތެރޭގައި ވެސް އޮންނާނެ އާއިލާގައި އުޅޭ އެއް އުމުރުފުރާގެ ކުދިންގެ ތެރޭގައި އެކްޓް ކުރުމުގެ ފޯރި،" އޭނާ ބުންޏެވެ.

އެކަމަކު ބޮޑު ސްކްރީން ފިލްމަކުން ފުރުސަތެއް ލިބިގެން ހިނގައިދާނެ ކަމަކަށް ނައްބަތު އެއްގޮތަކަށް ވެސް އުންމީދެއް ނުކުރެ އެވެ.

"މޯލްޑިވިއަން އައިޑޮލް" ގެ ދެ ބައިވެރިއަކާ އެކު ނައްބަތު.

އެކަމަކު ފިލްމެއް ކުޅެލުމުގެ ފުރުސަތު އޭނާ އަށް ތަނަވަސްކޮށް ދިނީ ވެސް ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ނުކުމެ މަޝްހޫރުކަން ހޯދި މިހާރު އުންމީދި އެކްޓަރެއްގެ ގޮތަށް ފެންނަ އަބްދުﷲ ޝާފިއު (ފުބޫ) ގެ ފަރާތުންނެވެ.

ޑާކް ރެއިންގެ "ވާށޭ މަށާއެކީ" އަކީ ފުބޫގެ ފުރަތަމަ ފިލްމެވެ.

މި އަހަރުގެ "އެ ހަނދާނުގައި" ޝޯގައި ނައްބަތަށް ލަވަ ކިޔަން ޖެހުނީ ފުބޫއާ އެކު އެވެ. އެ ތަޖުރިބާ ނިންމާލަން ޖެހުނީ އަނެއްކާ ފުބޫ ވެސް އުޅޭ ފިލްމަކަށް އެއްބަސްވުމަށް ފަހު އެވެ.

"އަސްލު ފުބޫ މެދުވެރިވެގެން ލިބުނު ޗާންސެއް މިއީ،" ޑާކް ރެއިންގެ ކުރިއަށް އޮތް ފިލްމް "މީ ލޯތްބަކީ" އިން ފިލްމީ ދާއިރާ އަށް ތައާރަފުވާ ނައްބަތު ބުންޏެވެ. "ފުބޫ ބުނީ ވަރަށް ސަޅި ކަމަކަށް ވާނޭ ފިލްމެެއްގައި އެކްޓްކޮށްލަން. ހިނގާށޭ ޓްރައިކޮށްލަން."

ނައްބަތު އާއި ފުބޫ "އެ ހަނދާނުގައި" ލަވަ ކިޔަނީ.

އެ ވާހަކަ އެ ގޮތަށް ދެކެވިފައި އޮއްވައި ނައްބަތަށް ދެން ލިބުނީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ ކޯލެކެވެ.

"ފުރަތަމަ ދެން މޮގާ ގުޅާލީމަ ވެސް ވަރަށް ބޮޑަށް ސަޕްރައިޒްވި. ހިތަށް އެރީ ހަމަ އެހެން ކުދިން ވެސް ތިއްބައި ނަބޫއަށްހޭ މި އޮފާ އަންނަންވީ. ގަބޫލުކުރަން އަސްލު ފުރަތަމަ ދަތިވެފައި ހުރީ. ފިލްމަށް އެެއްބަސްވީ ދެ ފަހަރަކަށް މީޓިންއަކަށް ގޮސްފައި ދެން ސްކްރިޕްޓާ އެއްޗެހި ކިޔާލީމަ އޭގެ ސްޓޯރީލައިނާއި ކުޅެން ލިބުނު ކެރެކްޓާއާ ދޭތެރޭ ހިތްހަމަޖެހުނުލެއް ބޮޑުކަމުން،" މޯލްޑިވިއަން އައިޑޮލް އިން ފެނިގެން ދިޔަ އިބްރާހީމް އަމާން ވެސް ތައާރަފުވާ ފިލްމާ ބެހޭ ގޮތުން ނައްބަތު ބުންޏެވެ. "ދެން އަނެއްކާ މީގެ ކާސްޓުންގެ ތެރޭގައި އަމާން ހިމެނުމަކީ ފިލްމަށް އެއްބަސްވި މައިގަނޑު އެެއް ސަބަބު."

އޭނާ ބުނީ ފިލްމަކަށް އަދި އެއްބަސްވި ނަމަވެސް، ކެރިއާއެއްގެ ގޮތުގައި މުނިފޫހިފިލުވުމުގެ ދާއިރާ ހިޔާރު ނުކުރާ ކަމަށެވެ.

"މޯލްޑިވިއަން އައިޑޮލް" ގެ ޝޯއެއްގައި ނައްބަތު ލަވައެއް ކިޔަނީ.

"ލަވަ ވެސް ކިޔާނަން. ދެން ވެސް ފިލްމަކުން ނަބޫ ހިތްހަމަޖެހޭ ކަހަލަ ރޯލެއް ލިބިއްޖިއްޔާ އެ އޮފާއަކާ ދޭތެރޭ ވިސްނާނަން،" ސައިކޮލޮޖިސްޓަކަށް ވާން ބޭނުން ނައްބަތު ބުންޏެވެ.

އޭނާ މިހާރު ހުރީ މެޕްސް އިން އޭ ލެވެލް ނިންމާލައި ނަތީޖާގެ އިންތިޒާރުގަ އެވެ.

"ރިޒަލްޓްސް އަންނަ ޖެނުއަރީގައި ލިބޭނީ. އެހެންވީމާ ދެން މި ދުވަސްކޮޅު ކުރާނެ ވަކި ކަމެއް ނެތް. އެހެންވެ ޑާކް ރެއިނުން ލިބުނު ޗާންސްގެ ބޭނުން ހިފުމަކީ ވަރަށް ރަނގަޅު އެކްސްޕީރިއަންސަކަށް ވާނެ ކަމަށް ބަލާފައި ފިލްމަކަށް މި ތައްޔާރުވީ،" ނައްބަތު ބުންޏެވެ. "ފެމިލީ ވެސް ވަރަށް ސަޕޯޓިވް. އެކަމަކު ގިނަ ރައްޓެހިންނަކަށް އަދި ނޭނގޭ ނަބޫ ފިލްމެއް ކުޅެން އުޅޭ ކަމެއް."

ޑައިރެކްޓަރު އަލީ ޝިފާއު އާއި އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާ "މީ ލޯތްބަކީ" ގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ.

އަމާން އާއި ޝަލަބީ އާ އެކު ނައްބަތު ލަވައެއް ކިޔަނީ.

"ފުރަތަމަ ފިލްމުގައި މަސައްކަތްކޮށްލަން މި ލިބުނީ ވަރަށް ބެސްޓް ޓީމަކާ އެކު. އެހެންވެ މިއީ ވަރަށް ސަޅި ޗާންސެއް. ޑާކް ރެއިން ޓީމްގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް ނަބޫ މަސައްކަތް ކުރާނަން،" ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެއް ކުޅެލަން ބޭނުންކަން ފާހަގަކޮށް ނައްބަތު ބުންޏެވެ. "ޔަގީނުން ވެސް ފިލްމް ބެލުންތެރިންނަށް ކަމުދާނެ. އިންތިޒާރުކޮށްލާށޭ ބުނެވޭނީ."