ސަނީ އުންމީދުކުރަނީ ބެލުންތެރިން އޭނާ އަށް ދިން ލޯބި ދަރިފުޅަށް ލިބޭނެ ކަމަށް

އަންނަ މަހު ރިލީޒްކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ދޫކޮށްލާ އިރު، ސަނީ އަށް ދިން ސަޕޯޓް ދަރިފުޅަށް ވެސް ބެލުންތެރިންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ސަނީ ޑިއޯލް ބުނެފި އެވެ.


ލޯކް ސަބާގެ މެމްބަރުކަން ވެސް މިހާރު ކުރަމުން އަންނަ އެކްޓަރު ބުނި ގޮތުގައި ދަރިއަކު ފިލްމީ ދާއިރާ އަށް ނުކުތުމަކީ ވަރަށް ޖަޒުބާތީ ކަމެކެވެ. އަދި ބެލުންތެރިން ކަރަންގެ ފިލްމު ބަލައިގަންނާނެ ގޮތަކާ ދޭތެރޭ ފިކުރު ބޮޑުވެފައިވާ ކަމަށް ވެސް ބުންޏެވެ.

"އެކަމަކު އަހަރެން ވަރަށް ބޮޑަށް އުންމީދު ކުރަން ބެލުންތެރިން އެތައް އަހަރެެއް ވަންދެން އަހަންނަށް ދެމުން ދިޔަ ލޯތްބާއި ސަޕޯޓް ކަރަން އަށް ވެސް ދޭނެ ކަމަށް. ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ފިލްމަކަށް ޕަލް ޕަލް ދިލް ޕާސް ހަދަން އަހަންނާއި ފިލްމުގެ މުޅިން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ،" ބެލުންތެރިންގެ މެދުގައި އަދިވެސް ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ 1983 ގެ "ބޭތާބު" އިން ބޮލީވުޑަށް ނުކުތް ސަނީ ބުންޏެވެ. "ހަގީގަތުގައި ކަރަން ބޮލީވުޑަށް ނުކުތުމަކީ ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް އިމޯޝަނަލް ކުރުވާ ކަމެއް."

"ޕަލްް ޕަލް ދިލް ކޭ ޕާސް" އަކީ ސަނީ ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ. އަދި މިއީ އޭނާ ޑައިރެކްޓްކުރި ތިން ވަނަ ފިލްމު ވެސް މެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އެކްޝަން ހީރޯއެއްގެ ގޮތުގައި ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ސަނީ "ޕަލް ޕަލް ދިލް ކޭ ޕާސް" ސިފަ ކުރަނީ އެޑްވެންޗަރަސް ލަވް ސްޓޯރީއެއްގެ ގޮތުގަ އެވެ.

މި ފިލްމުގެ ޓީޒާއެއް ވެސް ބެލުންތެރިންނަށް ދައްކާލާފައިވާ އިރު، ފިލްމުގެ ބަތަލާއަކީ އަލަށް ތައާރަފު ކުރާ ސަހެރް ބާމްބާ އެވެ.

"ޕަލް ޕަލް ދިކް ކޭ ޕާސް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 20 ގަ އެވެ.