ޖާންވީ ކަޕޫރަށް ސައުތުގެ ދެ ފިލްމެއް

ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ އަމާޒު މިހާރު ހުރީ އޭނާގެ މަންމަ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ކެރިއަރާ ދާދި އެއްކަހަލަ ގޮތަކަށޭ ބުނެވިދާނެ އެވެ. މިދިޔަ އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ މިހާރު ވަނީ ސައުތުގެ ފިލްމުތަކަށް ވެސް އެއްބަސްވާން ފަށައިފަ އެވެ.


ޖާންވީގެ "ދަޅަކް" އަކީ ވެސް ސައުތުގެ ފިލްމެއް އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. އެއީ މަރާޓީ ފިލްމު "ސައިރާތު" އެވެ.

ބޮލީވުޑުން މިހާރު ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ބަތަލާ މިހާރު ސައުތުގެ ދެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، މިދިޔަ ހަފުތާގައި ނެރުނު 2016 ގެ ހިންދީ ފިލްމު "ޕިންކް" ގެ ތަމަޅަ ރިމޭކް "ނެރުކޮންޑާ ޕާރްވާއީ" ގެ ބަތަލު އަޖިތު ކުމާރާ އެކު ކުޅޭ "ތަލަ 60" އެވެ.

އަޖިތުގެ ފިލްމުގެ ޕޯސްޓަރު ޖާންވީ ޓްވީޓްކޮށްފައި.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 23 އަހަރުގެ ބަތަލާ ސޮއިކުރި ސައުތުގެ ދެވަނަ ފިލްމަކީ ތެލެގޫ ބަހުން ހަދާ ފިލްމެކެވެ. މި ފިލްމަކީ ތެލެގޫ ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ވިދާ އެއް ޒުވާން އެކްޓަރު ވިޖޭ ދެވަރަކޮންޑާ ބަތަލުގެ ރޯލް ކުޅޭ ފިލްމެކެވެ. އަދި ނަން އިއުލާން ނުކުރާ ފިލްމުގެ ޑައިރެކްޓަރަކީ ޕޫރީ ޖަގަންނަތެވެ. އޭނާއަކީ މިދިޔަ ޖުލައި މަހު ރިލީޒް ކުރި "އައިސްމާޓް ޝަންކަރު" ގެ ޑައިރެކްޓަރެވެ.

ޕޫރީގެ ފިލްމުގެ ބަތަލަކީ ވިޖޭ.

ޕޫރީ ޑައިރެކްޓްކޮށްފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ޕޯކިރީ (2006)، ބިޒްނެސް މޭން (2012) އަދި ޓެމްޕާ (2015) ހިމެނެ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި ރަންވީރު ސިންގްގެ "ސިމްބާ" އަކީ ޕޫރީ، 52، ގެ "ޓެމްޕާ" އަށް ބިނާކޮށް ހެދި ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޖިތުއާ އެކު ޖާންވީ ކުޅޭ ފިލްމު "ތަލަ 60" އަކީ އެކްޝަން-ތުރިލާއެކެވެ. އަދި ވިޖޭއާ އެކު ކުޅޭ ފިލްމަކީ ގައުމިއްޔަށް ބިނާކޮށް ހަދާ ފިލްމެކެވެ. ވިޖޭއަކީ މިދިޔަ މަހު ރިލީޒް ކުރި "ޑިއާ ކޮމްރޭޑް" ގެ އެކްޓަރެވެ. އެ ފިލްމުގެ ރައިޓްސް ކަރަން ޖޯހަރު ހޯދައި، އޭގެ ހިންދީ ވާޝަން ގެނެސް ދޭން ވަނީ ނިންމައިފަ އެވެ.

ޖާންވީ ސައުތުގެ ފިލްމުތަކަށް ސޮއިކުރަމުން އަންނަ އިރު އޭނާގެ އަތުގައި މި ވަގުތު ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ރޫހީ އަފްޒާ"، "ކަރުގިލް ގާލް"، "ދޯސްތާނާ 2"، "ތަހުތު" އަދި "ގޯސްޓް ސްޓޯރީޒް" ހިމެނެ އެވެ.

ޖާންވީގެ މަންމަ ސްރީދޭވީއަކީ ހިންދީ ފިލްމުތަކުގެ ތެރެއިން ސައުތުގެ ވަރަށް ގިނަ ފިލްމުތައް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އެހެންވެ ޖާންވީ ވެސް ސައުތުގެ ފިލްމުތައް ކުޅުމަކީ އޭނާގެ އުންމީދެއް ވެސް މެ އެވެ. ޖާންވީ ސައުތުގެ ފިލްމުތަކަށް ސޮއިކުރުމަކީ މަންމަގެ އެ ހުވަފެން ހަގީތަކަށް ވެސް ހަދައި ދިނުމެވެ.