"ބޫލް ބުލައްޔާ 2" އަންނަ އަހަރުގެ ޖުލައި 31 ގައި

މީގެ 12 އަހަރު ކުރިން ރިލީޒްކުރި، އަކްޝޭ ކުމާރުގެ ސުޕަނެޗްރަލް/ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ" ގެ ދެވަނަ ބައިގެ ލޯޑް ރޯލަށް، ޒުވާން އެކްޓަރު ކާތިކް އާރިޔަން ހަމަޖެއްސުމަށް ފަހު އޭނާއާ އެކު ފިލްމު ޕޯސްޓަރު ދައްކާލައި ފިލްމު ރިލީޒް ކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.


ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓް ކުރާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި 31 ގަ އެވެ. މިއާ އެކު "ބޫލް ބުލައްޔާ 2" ބޮކްސް އޮފީހުގައި ވަރުގަދަ އެހެން ދެ ފިލްމަކާ ހަނގުރާމަ ވެސް ކުރަން ޖެހޭނެ އެވެ.

އެއީ ބޮޑު ބަޖެޓް ފިލްމުތައް ކަމަށްވާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި ރަންބީރު ކަޕޫރްގެ "ޝަމްޝޭރާ" އެވެ.

"ބޫލް ބުލައްޔާ 2" ގެ ލީޑަށް ކާތިކް ހަމަޖެއްސި ނަމަވެސް، ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔާދަރުޝަން 2007 ގައި ރިލީޒްކުރި ފިލްމުގެ ދެވަނަ ބައިގެ ރޯލަކުން އަކްޝޭ ވެސް ފެންނާނެ އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބޫލް ބުލައްޔާ" ގެ ކާސްޓުންނަކީ އަކްޝޭގެ އިތުރުން ވިދިޔާ ބާލަން، ޝައިނީ އަހޫޖާ އަދި އަމީޝާ ޕަޓޭލް އެވެ.

ފިލްމުގެ ދެވަނަ ބައި މުޅިން ތަފާތު ކާސްޓަކާއި ޑައިރެކްޓަރަކާ އެކު ގެނެސްދޭ އިރު އަނީސް މިހާރު އަންނަނީ ނޮވެމްބަރު 8 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ގެ މަސައްކަތް ކުރަމުންނެވެ. މިއީ 2017 ގައި ރިލީޒް ކުރި "މުބާރަކަން" އަށް ފަހު، އޭނާ އުފައްދާ ފުރަތަމަ ފިލްމެވެ.

"ބޫލް ބުލައްޔާ 2" ވާނީ އަނީސްގެ ފިލްމެއްގައި ކާތިކް މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ. އަދި މި ފިލްމުން އޭނާ އަށް ފުރުސަތު ލިބުނީ ފިލްމުގެ ދެވަނަ ބައިން ފެންނާނީ ކާތިކް ކަމަށް ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ކާތިކް، 28، ގެ އެންމެ ފަހުގެ ފިލްމަކީ މާޗް މަހު ރިލީޒް ކުރި ކާމިޔާބު ފިލްމު "ލުއްކާ ޗުއްޕީ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާޖް ކަލް" އާއި "ޕަތީ ޕަތުނީ އޯރް ވޯ" އަދި "ދޯސްތާނާ 2" ހިމެނެ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" އަކީ އަންނަ ޑިސެމްބަރު މަހުގެ 6 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.