އާދިއްތަ ދުވަހާ ގުޅޭ
އަހަންނަށް ދޮންކަޅުމިން ވެސް ނޭނގެއެވެ. ބަތްޕެން ބޯތަށީގެ މަތިން ތައްޓެއްޖަހައިގެން އަހަރެން ގޯތިތެރެއަށް ނުކުތްއިރު ރޭގަނޑު ބާރަޖަހަން މާ ގިނައިރެއް ނެތެވެ. އެއީ، މިލަހަނދުވަރެއްދީފައިވާ ފަޅު ރެޔެކެވެ. ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ހީރިޔާއި ވާލުގެ އަޑުން ކޮންމެވެސް އިންޒާރެއް އަހަންނަށް ދެމުންގެންދިޔަ ކަހަލައެވެ. ފިޔަވަޅުގެ އަޑު ވީހާ ވެސް ނީވޭނެހެން ގޮސް މެހުމާންސަރާއަށް ވަނީމެވެ. ލޯތްބަކީ އެ ކަހަލަ އެއްޗެކެވެ. ފަހުން ވާނެ ގޮތަކާމެދު ކުރިޔަކުން ނުވިސްނެއެވެ. ކައިރިކައިރީގައި ދެ ފަހަރު އެ ތަނަށް ވަނުމުގެ ކުރިން އަހަންނަށް ދެ ފަހަރު ވިސްނައިލެވުނު ނަމައެވެ. އެ ކަން އެހެން ނުކުރެވުނު އެއް ސަބަބަކީ، އަހަރެންގެ މޮޔަކަމެވެ. އަނެއް ސަބަބަކީ ރާޝިދު ދެކެ މާ ބޮޑަށް ލޯބިވެވުމެވެ. ލޯބީގައި އަހަރެން ކަނުވުމެވެ. ހުރިހާ ދެރައެއްލިބޭނީ ރާޝިދަށްކަން އަހަރެން ހަނދާންނެތުމެވެ. ރާޝިދުގެ ކޮޓަރީގެ ދޮރުގައި ހިފައިލިއިރު ދޮރު ހުރީ ތަޅުނުލައެވެ. ދޮރު ހުޅުވައިލި ވަގުތު މީހެއްގެ ހިލަމެއްވިހެން އަހަންނަށް ހީވިއެވެ. ދެ ކޮޅު ހޯދައި ބަލައިލެވުނެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. އެއީ ވަހުމެއްކަމަށް ބަލައިފައި ދޮރު ހުޅުވައިލީމެވެ. ކޮޓަރީގައި ހުރީ ވަރަށް ފަނޑު އައްޔެކެވެ. ރާޝިދު އޮތީ ބިއްދޮށަށް އެނބުރިގެން ނިދައިފައެވެ. އަހަރެންގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރި ނަމަ އަހަރެން ކޮޓަރިއަކަށް ނުވަނީހެވެ. އެހެންނަމަވެސް ލޯބީގައި އަހަރެން ރަނގަޅަށް ދީވާނާވެއްޖެއެވެ. އަހަރެން އެތެރެއަށް ވަނީމެވެ. ދޮރު ބެހެއްޓީ ހުޅުވައިފައެވެ. އެ ވެސް އަހަރެންގެ މޮޔަ ވިސްނުމެއްކަމަށް ވެދާނެއެވެ. ހީކުރެވުނީ އެހެން ހެދުމުން، ފަހަރެއްގައި މީހަކަށް ފެނުނަސް އަހަރުމެންގެ ނިޔަތުގެ ސާފުކަން އެނގޭނެކަމަށެވެ. އެނދު ކައިރިއަށް އައިސް، ކުރީ ފަހަރު ހެދިހެން މޭޒުމަތީގައި ތަށި ބެހެއްޓީމެވެ.
"ރާޝިދު! ރާޝިދު!" މަޑުމަޑުން ދެ ފަހަރަކު އަހަރެން ގޮވައިލީމެވެ.
ރާޝިދަށް ހޭލެވުނެވެ. އަހަރެން ފެނިފައި ކުޑަކޮށް ސިހުނު ވެސް މެއެވެ.
"މޫނި؟" ރާޝިދަށް ބުނެވުނެވެ. އަދި ގަޑި ބަލައިލިއެވެ. "މި ގަޑީގަ؟"
"ކައިގެންތަ ތިއޮތީ؟" އަހަރެން އެހީމެވެ. "ބަތްޕެން ހިފައިގެން މިއައީ. ހޫނުކޮށް ހުއްޓާ ބޯލައްޗޭ އިނގޭ!"
އަހަރެން ނުކުންނަން ހިނގައިގަތީމެވެ. މަގުސަދު ހާސިލުވުމުން އެ ތަނުގައި ހުންނަން އަހަރެން ބޭނުންނުވީއެވެ.
"ވަރަށް ބޮޑަށް ޝްކުރިއްޔާ!" އޯގާތެރި ރާގެއްގައި ރާޝިދު ބުންޏެވެ. "އެކަމަކު މި ގަޑީގަ އައުމަކީ އެހާ.."
"ރާޝިދު ބަނޑުހައިވެފަހުރިކަން އެނގޭއިރު އަހަރެން ކިހިނެއް ނިދާނީ؟" އަހަރެން ހުއްޓިފައި ބުނީމެވެ. "ބަލިމީހަކަށް އެހީވުމަކީ ގޯސްކަމެއް ނޫނެއްނު!"
ރާޝިދު އެނދުން ތެދުވިއެވެ. މަޑުމަޑުން ހިނގައިފައި އަހަރެން ގާތަށް އައެވެ.
"ތީ މޫނި ދެކޭ ގޮތް،" ރާޝިދު ބުންޏެވެ. "އެހެން މީހުން ތިހެނެއް ނުދެކޭނެ. މޫނިގެ ބައްޕައަށް މި ކަން އެނގޭ ދުވަހު އަހަރެން މިގެއިން ނެރެލާނެ. ޔަގީން ކަށަވަރު. މޫނިއަށް އެނގޭތަ ނަސީރާ އަހްސަނާ އޮންނަ ގުޅުން؟ އަހަންނަށް ކަށަވަރު ނަސީރު ފާރަޔަށް ބަހައްޓާފަ ހުންނާނީ. މިހާރު މި ވަގުތު ވެސް އޭނަ ހުންނާނީ އަހަރުމެންނަށް ބަލަން. ނޭނގެ އަހްސަން ގާތުގަ އޭނަ ކީކޭކަމެއް ވެސް ކިޔާނީ."
އަހަރެންގެ ހިތް ރޮއިގަތްއަޑު އަހަންނަށް އިވުނެވެ. ގިލަންވެރިކަން އޭގެ ނިހާޔަތަށްދިޔުމުން އުފެދޭ ކަހަލަ ރިހުމަކާ އެކުގައެވެ. އަހަރެން ހިންދިރުވައިލީމެވެ. އެހެނަސް، ހިތްދަތިކަން އަހަރެންގެ އަރުތެރޭގައި ތާށިވި ކަހަލައެވެ. ރާޝިދަކީ ނުފެންނަ ރޮނގުތަކަކުން ހިތުގައި ކުރަހާ ކަހަލަ ހިޔާލެކެވެ. ދެކެން ކިތަންމެ ބޭނުންވިޔަސް ދުވަހަކު ހަމަލޮލަށް ނުފެންނަ ކަހަލަ އާޝޯޚުކުރަނިވި ތަސްވީރެކެވެ. އޭނަގެ ސިފަޔާއި، މިޒާޖާއި، އަޑުގައި ވެސް އުނިކަމެއް ނެތެވެ. އެހާ ރީތި ހުވަފެނަކުން އެހާ އަވަހަށް ހޭލަން ބޭނުންވާނީ ކާކު ހެއްޔެވެ؟
"އަހަރުމެން ދުރުކުރެވިދާނެ އެކަމަކު ވަތްކެއް ނުކުރެވޭނެ،" ވަރަށް ސާބިތުކަމާ އެކުގައި އަހަރެން ބުނީމެވެ. "އަބަދުވެސް އެ ކަން ހަނދާންބަހައްޓާތި!"
މީހުން ބުނެއެވެ. އެކަކަށް ވެސް ފުރަތަމަ ލޯބި ކާމިޔާބެއް ނުކުރެވޭނެއެވެ. އަހަރެން ބޭނުންވީ އެއީ ދޮގެއްކަން ސާބިތުކޮށްދޭށެވެ. އަހަރެންގެ ހިތަކީ ރާޝިދުގެ މިލްކެކެވެ. އެ ހިތުގައި ރާޝިދު ނޫން އެހެން ނަމެއް ނެތެވެ. އެކަކަށް ވެސް އެ ނަމެއް ނުފުހެވޭނެއެވެ. ރާޝިދުގެ ކޮޓަރިން ނުކުމެގެން އަހަރެން އައިއިރު ވެސް، ކޮންމެވެސް މީހަކު ބަލާހެން އަހަންނަށް ވަރަށް ހީވިއެެވެ. އަހަރެން ގޭތެރެއަށް ވަނީ ވަށައިގެން ނަޒަރުހިންގަމުންނެވެ. އަހަރެންގެ ލޮލަކު އެއްވެސް މީހަކު އަޅައެއްނުގަތެވެ. އަހަންނަށް ނިދުނީ އެނދުގައި އޮށޯތްތާ އެތައް އިރެއް ފަހުންނެވެ. ނިދުނުއިރު ވެސް ގޭތެރެއޮތީ ހަމަހިމޭންކޮށެވެ.
ހެނދުނު ސައިބޯން ބައްޕައަށް ގޮވަންދިޔައިރު ބައްޕަ އިނީ ޤުރުއާންކިޔަވާށެވެ. އެ ގަޑިއަކީ ޤުރުއާންކިޔަވަން ބައްޕަ އިންނަ ގަޑިއެއް ނޫނެވެ. ހިތަށްއެރިއެވެ. އަހަންނާ ހަތަރުކަޅި ހަމަ ނުކުރަން ބައްޕަ ބޭނުންވީ ހެއްޔެވެ؟ އެ ޝައްކު ބޮޑަށް އުފެދުނީ ބައްޕަ ކައިރިއަށް ހުއްޓުމުން ވެސް ބައްޕަ ބަލައިނުލުމުންނެވެ. ދުވަހަކު ވެސް ބައްޕަ އެހެނެއް ނަހަދައެވެ. ކިޔަވަމުން ނަމަވެސް އަހަންނަށް ބަލައިލާނެއެވެ.
މެންދުރު ވަގުތެވެ. އަހަރެން އުޅުނީ ކޮޓަރީގައެވެ. އަހްސަން ވެސް އެ ވަގުތު ކޮޓަރީގައި އުޅުނެވެ. އަހްސަންގެ ފަރާތުން އާދަޔާ ހިލާފު އެއްވެސް ކަމެއް އަހަންނަކަށް ފާހަގައެއް ނުކުރެވެއެވެ. އެއްވެސް ސުވާލެއް ވެސް ނުކުރެއެވެ. އެ ދުވަހަކީ އަހަރެންގެ ނޭވައަށް ވަރަށް ބޮޑަށް އުނދަގޫވާތީ އުޅުނު ދުވަހެކެވެ. ކިރިޔާ ވެސް ލުޔެއްލިބެނީ ބޭސްބުއީމައެވެ. ވީމާ، ބޭސްފުޅި ހިފައިގެން އައިސް އެނދުގައި އިށީނދެފައި، ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބޭސްފުޅި ބެހެއްޓީމެވެ. އެ ވަގުތު ބޭރުގައި ތަންކޮޅެއް އަޑުގަދަވިއެވެ. އެއްޗެހިތަކެއް އުފުލައި ބަހައްޓާ ކަހަލަ އަޑުތަކެއް އިވުނެވެ. ވަރަށް ނޭނގޭކަމަށް ހެދިފައި ލޫވަ ކައިރިއަށް ގޮސް ލޫވަތެރެއިން ބަލައިލިއިރު އަހަންނަށް ފެނުނީ ރާޝިދުގެ ފޮއްޓާއި ސާމާނުތައް ނެރޭތަނެވެ. ރާޝިދެއް ނުދެކެމެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. އަހްސަން ކޮޓަރީގައި އުޅޭތީ އަހަރެން ބޭރަކަށް ނުނިކުންނަމެވެ. ފަހަރެއްގައި ވެސް އަހްސަނަށް ޝައްކުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ހިތް އޭރު ވެސް ބުނަމުންގެންދިޔައެވެ. ކޮންމެވެސް ނުބައެއްހިނގައިފިއެވެ.
"ހާދަހާ އަޑުފަށްގަނޑު ގަދައޭ،" ތަންކޮޅެއް މުހިންމުކަން ކުޑަ ގޮތަކަށް އަހަރެން ބުނީމެވެ. "ކާކުބާ އައީ؟"
އަހްސަން ހުރީ މޫންލައިޓު ނޫސް ހިފައިގެންނެވެ. ނޫހުގެ ގަނޑުތައް އެއްލާގޮތުން އޭނަ ނޫސް ކިޔާހެނެއް ހިޔެއްނުވެއެވެ.
"އެހެންތަ؟" އަހަންނަށް ބަލައި ވެސް ނުލައި އަހްސަން ބުނެލިއެވެ. "މޫނިއަކަށް ނުވެސް އެނގޭ؟"
ސުވާލުން ފުރިގެންވާ ނަޒަރަކުން އަހަރެން ބަލައިލީމެވެ. އެކަމަކު ޖަވާބެއްނުދެމެވެ.
"މީހަކު މި ގެއިން ދަނީ،" ނޫހަށް ބަލަމުން އަހްސަން ބުންޏެވެ. "ދަނީކީ ނޫން. ފޮނުވާލަނީ! ރާޝިދު މި ގެއިން ނެރެނީ!"
އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އެކަމަކު ހުރި ފިޔަވަޅުމަތީ ފިސާރި ސާބިތުވެ ހުރީމެވެ.
"އެއީ ކީއްވެ؟" ޖެހިލުން ކުޑަ ގޮތަކަށް އެހީމެވެ.
"އެއީ ކީއްވެހޭ؟" އަހަންނާ ހަތަރުކަޅި ހަމަކުރަމުން އަހްސަން ބުންޏެވެ. "ތި އުޅެނީ އޭނަޔާ ހިތާވެގެނެއްނު! އެހެންވީމަ ރާޝިދު މި ގޭގަ ބަހައްޓަން ނުފެންނާތީ ފޮނުވާލަނީ!"
އަހަރެން ބޭނުން ނަމަ އިންކާރު ކުރެވުނީހެވެ. ހެއްކެއް ނުދެއްކޭނެކަން އަހަންނަށް ކަށަވަރެވެ. އެކަމަކު އަހަރެން އެހެނެއް ނަހަދަމެވެ. އަހަރެންގެ ލޯބި އެހާ ފިނޑިއެއް ނޫނެވެ.
"އެހެން ނަހަދާ! އޭނައަށް ކިހާ ދެރަ!" އަހަރެން ބުނީމެވެ. "ކިޔެވުމާ އެއްޗެހި ގެއްލޭނެއްނު. އޭނައަށް އެހެން ނަހަދާ!"
"ނޯންނާނެ އެހެން ގޮތެއް،" އަހްސަންގެ ޖަވާބު ހަރުކައްޓެވެ. "މިހާރު ވިސްނިއްޖެ ކުޑަރުމާ ހެދީ ކާކަށްކަން؟ އެ ރާޝިދެއް ފުރަތަމަ ފެނުނު ދުވަހު ވެސް މަށަށް ޝައްކުވިއޭ. އޭނަ ބަލިވެއޮއްވާ އެ ތަނަށް މޫނި އައީ ވެސް އަހަރެން އެ ތަނަށް ވަންތަން ފެނިގެނެއް ނޫން. މޫނިއަކަށް ނުފެންނާނެ މަ ވަންތަނެއް. އެއީ ޝައްކު ޔަގީނަށް ބަދަލުވި ދުވަސް."
އަހަރެން ބިރުން އުޅުނު ކަންތައް އެންމެ ފަހުން ވެ ނިމުނީއެވެ. ކަންތައް ވެފަ އޮންނާނެ ގޮތް އަހަންނަށް ވިސްނުނެވެ. އަހްސަނަށް ޖާސޫސްކޮށްދިނީ ނަސީރެވެ. އަހްސަން އެ ޚަބަރުދޭނީ ބައްޕަޔަށެވެ. އަހްސަންގެ ގޮތް ބައްޕައަށް އެނގޭނެއެވެ. ރަށުތެރެއަށް ވާހަކަ ފަތުރައިލައިފިއްޔާ ބައްޕަ ވަރަށް ލަދުގަންނާނެއެވެ. އަހަރުމެންގެ އާއިލާއާ ބެހޭގޮތުން އެ ފަދަ އެއްވެސް އަޑެއް އެކަކަށް ވެސް ނީވޭނެއެވެ. ވީމާ، ވަގުތުން ބައްޕަ ނިންމުން ނިންމީއެވެ.
"އަހަރެންނާ ހެދި އޭނައަށް އެ ހުރިހާ ދެރައެއް ލިބުނީ،" އަހަރެން މަޑުމަޑުން ބުނީމެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން އޭނައަށް ހުރިހާ ދެރައެއް ލިބޭކަށް. އޭނަ ފޮނުވާނުލާ އަހްސަން. ހެޔޮނުވާނެ!"
އަހަރެން އާދޭސްކުރީމެވެ. އަހްސަންގެ ހިތަކަށް ރަހުމެއް ނުވަނެވެ.
"ނޯންނާނެ އެހެން ގޮތެއް. އޭނަ ޖެހޭނީ މި ގެއިން ދާން،" ފުރިހަމަ އިހުތިޔާރާ އެކުގައި އަހްސަން ބުންޏެވެ. "ގޭގެ ވެރިމީހާގެ ދަރިޔެއް، މީހެއްގެ އަންބެއް ވަކިނުވާ މީހަކަށް މި ގެއަކު ނުހުރެވޭނެ."
"ހެޔޮނުވާނެ އެހެން ނަހަދާ!" އަހަރެން އަނެއްކާ ވެސް ބުނީމެވެ. "އޭނަ ނުނެރޭ! އަހަރެން ހުރެދާނަން އޭނަޔާ އަނގައިން ވެސް ނުބުނެ. ނިމުނީނު! ނުވެސް ފެނި އުޅެފާނަން. އެކަމަކު އޭނަ ނުނެރޭ! ތިހެން ހަދައިފިއްޔާ އޭނައަށް ވަރަށް ބޮޑު ދެރައެއް އެ ލިބުނީ."
"މި ބުނީނު އެހެން ގޮތެއް ނޯންނާނޭ،" ހަރުކަށި ރާގެއްގައި މަޑުމަޑުން އަހްސަން ބުންޏެވެ. "އޭނަ ހަމަ މި ގެއިން ދާންޖެހޭނީ."
އެ ކަން ހުއްޓުވަން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އަހްސަނަކީ އަހަރެންގެ ބަސްވިކޭ މީހެއް ނޫނެވެ. ހިތަށްއެރިއެވެ. އުމުރުގައި ހަމައެކަނި ލިބުނު ލޯބި ލޯމަތިން ގެއްލިގެންދާއިރު އަހަރެންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ކިހާ ދެރަ ހެއްޔެވެ؟ ހުރިހާ ބާރެއް އޮތީ ގެއަށް ބޭރުން އައި މީހާ އަތުގައެވެ. އަހަންނަށް ކެހިދިން މީހާ އަތުގައެވެ. މަކަރުހެދި މީހާ އަތުގައެވެ. ފިރިމީހާގެ ބަސް ގަބޫލުކޮށް، ހެދިހާ ގޮތެއް ހެދިގެން ހުރީ އަހަންނެވެ. ގޮތް ހުސްވާންވީ ވެސް އަހަންނަށް ހެއްޔެވެ؟ އެ ދަނޑިވަޅު އަހަރެންގެ ސިކުނޑި މާ ރަނގަޅަކަށް މަސައްކަތެއް ނުކުރިއެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ބޯން ގެންގުޅުނު ބޭސްފުޅިއެވެ. ދިޔަ ގޮތަށް ގޮސް ބޭސްފުޅި ނަގައިފައި ތުންޖެހީމެވެ.
ނުނިމޭ
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޕިންކީ
22 August 2019
ދެން ވަރަށް ފޫހި މި އަޙްސަނު މާ ގަދަ ވެގެން އުޅޭތީ......
ކަޑަވާނެދޯ
22 August 2019
މޫނީގެ ޝަޚްސިއްޔަތު ކަމަކު ނުދޭ! މޫނި އެހާ ފިނޑިވެގެން ނުވާނެ. އަނެއްކޮޅުން މޫނިއަކީ ގޭގެވެރިމީހާގެ ދަރިފުޅު. ހީވަނީ ހިންދީ ޑްރާމާއެއްހެން. މޫނިގެ ބައްޕަވެސް ރާޝިދު އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ހުންނާކަށް ނުޖެހޭ! އޭނާއަށްވެސް އެނގޭ އަޙްސަން މޫނިއާ އިނީ ކިހިނެއްކަން. ބިންމާ ވާހަކަ ލިޔަން ކިތަންމެ މޮޅަސް މިބައި ގެނެސްފައިވާގޮތް ކަމަކުނުދޭ...
މޫންޓީ
22 August 2019
ރާޟިދު ، އާދޭ މިގެޔަށް، މަބަހައްޓާނަން
ރުމޭ
21 August 2019
ކޮކަޑި ކައިގެން މީދާވެސް ގަދަވޭ. މޫނިގެ ކެރެކްޓަރވެސް ވަކި ހިސާބަކުން ގަދަފަދަ ވާނެ ކަމަށް މި ބަލަނީ. ރާޝިދަކީ ޣީރަތްތެރި ކެރެކްޓަރ އެއްގެ ގޮތުގައި ދެމިހުރުން އެދެނީ
ގޯސް
21 August 2019
މަށަށް އެއްގޮތަކަށްވެސް މޫނިގެ ސަހުސިއްޔަތަށް ބަލާއިރު އަހުސަނު ހެދިހާގޮތެއް ހެދިގެން ނުހުންނާނެ. ޢަދި އަހްސަނަކީވެސް އެގޭގައި ކުރިން އުޅުނުކުއްޖެއް. ޥީމާ އަހްސަނަށް އެހެންބުނެވޭނެ ޖާގައެއްނެތް. ޢަދި މޫނި ގެ ފިނޑިކަމުން ވާހަކަ ފޫހިވާންފަށައިފި.
ނެކްސްޓް
21 August 2019
ހިންދީ ޑްރާމާއެއް ފަދަ އެއްވެސް ކަމެއް ނުކުރެވި ބަލަންހުންނަން
ޕަރސަން
21 August 2019
އަހުސަނު ދެން ހާދަ ގަދަކޮށްލައިގެންނޭ މިއުޅެނީ.
އާމިނަތު1
21 August 2019
މަށަށް ވެސް ރާޝިދު ދެކެ ލޯބި ވެވިއްޖެ. އޭނައަށް ދެރަ ގޮތެއް ނަހަދާތި.
ނާން
21 August 2019
ވަރަށް ރީތި މިވާހަކަ.
ނާޝް
21 August 2019
ހާދަ ކުރޭ