"ވޯ" އާ ހަނގުރާމަ ނުކުރަން "މަރުޖާވާ" ފަސްކޮށްފި

އޮކްޓޯބަރު 2 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ޓީ ސީރީޒްގެ ފިލްމު "މަރުޖާވާ" ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" އާ އެއް ދުވަހެއްގައި ބޮކްސް އޮފީހުގެ ކުރިމަތިލުމަކަށް ދާން ބޭނުންނުވާތީ ފިލްމު ރިލީޒްކުރުން ފަސްކޮށްފި އެވެ.


މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސަތިޔަމޭވް ޖަޔަތޭ" ގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ "މަރުޖާވާ" މިހާރު ތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 22 އަށެވެ.

ތާރީހަށް މި ގެނައި ބަދަލާ އެކު އެ ފިލްމާ ދެން ބޮކްސް އޮފީހުގައި ވާދަކުރަން ޖެހޭނީ އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން ޔާމީ ގޯތަމް ލީޑް ރޯލު ކުޅޭ ބްލެކް ކޮމެޑީ "ބާލާ" އާ އެވެ. އެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްހެ "އިސްތިރީ" ގެ ޑައިރެކްޓަރު އަމަރު ކޯޝިކް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"މަރިޖާވާ" ގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ސިދާތު މަލްއުތުރާ އާއި މި އަހަރު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ތާރާ ސުތާރިއާގެ އިތުރުން ރިތޭޝް ދޭޝްމުކާއި ރަކުލް ޕްރީތު ސިންގެވެ.

"މަރުޖާވާ" އަކީ ވައިލަންޓް ޑްރަމެޓިކް ލަވް ސްޓޯރީއެކެވެ. މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކަށްވާނީ ރިތޭޝް އިސްކޮޅުން ވަރަށް ކުރު ވިލަންއެއްގެ ރޯލުން ފެނިގެން ދިއުމެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ވޯ" އަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުންތަކެއް ފެނިގެންދާނެ އެކްޝަން ތުރިލާއެކެވެ. މީގެ ބަތަލާއަކީ ވާނީ ކަޕޫރެވެ.

ވައިއާރްއެފްގެ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޯ" އަކީ ޔޫރަޕްގެ އެކި ގައުމުތަކުގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ.