އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން ހާނާއި އަކްޝޭ ކުމާރުގެ ކުރިމަތިލުމެއް

އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައި ވަނިކޮށް ސަލްމާން ހާންގެ "އިންޝާﷲ" އެ ތާރީހުގައި ރިލީޒްކުރަން ނިންމުމުން، ދެން ވެދާނެ ގޮތެއްގެ އިންތިޒާރުގައި ތިއްބައި ފެނުނީ ސަލްމާންގެ އެދުމަކަށް އަކްޝޭގެ ފިލްމުގެ ތާރީހު ބަދަލުކުރި ތަނެވެ.


އެގޮތުން ކަރަން ޖޯހަރު، ޕްރޮޑިއުސްކޮށް ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ މާޗް 27 ގަ އެވެ.

އަންނަ އަހަރުގެ ފިތުރު އީދު ނެގުމަށް ފަހު ސަލްމާން ކުއްލި ގޮތަކަށް އާދީއްތަ ދުވަހު ވަނީ އޭނާ އާއި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްނުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ފިލްމުގެ ބަދަލުގައި އެ ތާރީހުގައި އެހެން ފިލްމަކާ އެކު އަންނާނެ ކަމަށް ސަލްމާން ބުންޏެވެ.

އެ ފިލްމަކީ ކޮބައިކަން އަދި މުޅިން ކަށަވަރު ނުވިޔަސް، ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނިގޮތުގައި އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން އަންނާނީ "ކިކް 2" އާ އެކީގަ އެވެ. މިއީ ސާޖިދު ނަދިއަދުވާލާ 2015 ގައި ގެނެސްދިން އޭނާގެ އަލަތު ޑައިރެކްޝަން "ކިކް" ގެ ދެވަނަ ބައެވެ.

"އިންޝާﷲ" ފިތުރުގައި ރިލީޒްނުކުރަން ނިންމައި، ސަލްމާން އެހެން ފިލްމާ އެކު އަޔަސް، މި ފަހަރު މިއޮތީ ހަމަ އަކްޝޭއާ އެކު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ޖެހިފަ އެވެ. ސަބަބަކީ އަކްޝޭގެ "ލަކްޝީ ބޮމްބް" މިހާރު ފިތުރު އީދަށް ތާވަލު ކުރުމެވެ. އެއީ އަންނަ އަހަރުގެ މެއި މަހުގެ 22 އެވެ.

މި ފިލްމަކީ ސައުތުގެ މަޝްހޫރު ޑައިރެކްޓަރު/އެކްޓަރު ރަގަވާ ލޯރެންސް ގެނެސްދޭ ހޮރޯ ކޮމެޑީ ފްރެންޗައިޒް "ކަންޗަނާ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. "ލަކްޝްމީ ބޮމްބް" ވެސް ރަގަވާ ޑައިރެކްޓްކުރާ އިރު، މި ފިލްމުގެ ބަތަލާއަކީ ކިއާރާ އަދުވާނީ އެވެ.

މި ފިލްމަކީ ކުރިން އަންނަ އަހަރުގެ ޖޫން 5 ގައި ރިލީޒްކުރަން ނިންމާފައި އޮތް ފިލްމެވެ.

މިހާރު ދެން އެންމެ ބޮޑަށް އުފެދޭ ސުވާލަކީ އަންނަ އަހަރުގެ ފިތުރު އީދުގައި "ކިކް 2" ރިލީޒްކުރާކަން ކަށަވަރުކޮށް ދިނުމަށް ފަހު، އަކްޝޭގެ ފިލްމުގެ ތާރީހު އަނެއްކާ ވެސް ބަދަލުކުރަން ސަލްމާން އުޅެފާނެތޯ އެވެ؟ ފަހަރުގައި މިއީ ނުވާނެ ކަމެއް ވެސް ނޫނެވެ. ވާ ގޮތެއް ބަލަން މަޑުކޮށްލަމާ ހިނގާށެވެ.

ސަލްމާންގެ އެދުމަށް "ސޫރިޔާވަންޝީ" ގެ ތާރީހު ބަދަލުކުރުމުން އަކްޝޭގެ ފޭނުން އެކަމާ ހިތްހަމަނުޖެހިގެން ސަލްމާނާއި ރޯހިތަށް ޓްވިޓާގައި ވަރަށް އެއްޗެހި ވެސް ކިޔާފައިވެ އެވެ. މިކަމާ ގުޅިގެން އަކްޝޭ އަށް އޭނާގެ ފޭނުން މައިތިރި ކުރަން ޓްވީޓް ވެސް ކުރަން ޖެހުނެވެ. އެހެންވެ "ސޫރިޔާވަންޝީ" ގެ ތަޖުރިބާގެ އަލީގައި އަކްޝޭ މިހާރު ދޫދޭނެތޯ ވެސް އެއީ ބޮޑު ސުވާލެކެވެ.

އަނެއްކޮޅުން ފާހަގަކޮށްލަން ޖެހޭ ކަމަކީ "ކިކް 2" ގެ ޑައިރެކްޓަރު ސާޖިދަކީ އަކްޝޭގެ ވެސް ވަރަށް ގާތް ރައްޓެއްސަކަށްވުމެވެ. އޭނާ ޕްރޮޑިއުސްކުރި ގުިނަ ފިލްމުތަކެއް އަކްޝޭ ކުޅެފައިވެ އެވެ. އެހެންވެ ސާހިދަށްޓަކައި އަންނަ އަހަރުގެ ފިތުރު އަކްޝޭ ދޫކޮށްލައިފާނެތޯ ވެސް އެއީ ޝައުގުވެރި ސުވާލެކެވެ.