ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ކުރިމަރިލުންތަކެއް ފެނިގެންދާ ފިލްމު "ވޯ" ގެ ޓީޒާ ދައްކައިލިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.


ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ވޯ" ވެގެން ދާނީ ނޭވާ ހިފަހައްޓައިލަން ޖެހޭ ކަހަލަ އެތައް މަންޒަރުތަކެއް ފެންނާނެ ފިލްމަކަށެވެ. ހާއްސަކޮށް ފިލްމުގެ އެކްޝަންތަކާއި ސްޓަންޓްތަކެވެ.

ޔާޝްރާޖް ފިލްމްސް (ވަައިއާރްއެފް) ގެ މި ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ. އިންޑިއާގެ އިތުރުން ޔޫރަޕްގެ ހަތް ގައުމެއްގެ 15 ސިޓީއެއްގައި "ވޯ" ގެ މަންޒަރުތައް ނަގާފައިވެ އެވެ.

އަންނަ އޮކްޓޯބަރު މަހުގެ 2 ގައި ރިލީޒްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ދިޕާތިނާ ޝަރުމާ، އަޝުތޯޝް ރާނާ އަދި އަނޫޕްރިޔާ ގޮއެންކާ ހިމެނެ އެވެ.

"ބާލާ" ގެ ޓީޒާ ދައްކާލައިފި

އާދަޔާހިލާފު ކޮންޓެންޓްތަކަށް ހަދާ ފިލްމުތައް ކުޅެން މަޝްހޫރު އެކްޓަރު އަޔޫޝްމަން ކުރާނާގެ "ބާލާ" ގެ ޓީޒާ ދައްކާލައިފި އެވެ.

މިދިޔަ އަަހަރު ހޮރޯ ކޮމެޑީ "އިސްތިރީ" ގެނެސްދިން އަމަރު ކޯޝިކް ޑައިރެކްޓްކޮށްފައިވާ މި ބްލެކް ކޮމެޑީއަކީ ތަލަވަމުން އަންނަ ޒުވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޓީޒާ އިން ފެންނަނީ އަޔޫޝަން ބޮލުގައި ތޮއްޕެއް އަޅައިގެން ވަރަށް ޖޯޝްގައި އުފަލުން އިނދެ ސައިކަލެއް ދުއްވަމުން ލަވައެއް ކިޔަމުން ދަނިކޮށް، ކުއްލިއަކަށް ވަޔާއެކު ތޮފި ގޮސް އޭނާގެ މޫޑު ޚަރާބުވާ ތަނެވެ.

ނޮވެމްބަރު މަހުގެ 22 ގައި ރިލީޒްކުރާ "ބާލާ" ގެ ބަތަލާއިންނަކީ ބޫމީ ޕެޑްނޭކަރާއި ޔާމީ ގޯތަމް އެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ، ސޯރަބް ޝުކްލާ، ސީމާ ޕަހްވާ އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ.

މިދިޔަ އަހަރުގެ "އަންދާދުން" އިން މި އަހަރުގެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުވެފައިވާ އަޔޫޝްމަން ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 13 ގައި ރިލީޒްކުރާ "ޑްރީމް ގާލް" އިންނެވެ.

"ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ޓައިޓްލް ލަވަ

ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.

އަސަރުގަދަ ލޯބީގެ މި ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގާއި ޕަރަމްޕަރާ ތާކޫރެވެ. ލަވައިގެ މިއުޒިކް ހެދީ ސަޖެތު ޕަރަމްޕަރާ އެވެ. އަދި ޅެން ލިޔުނީ ސިދާތު-ގަރީމާ އެވެ.

"ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ ސަނީ ޑައިރެކްޓްކޮށްފައިވާ އެޑްވެންޗަރަސް ލަވް ސްޓޯރީއެކެވެ. މީގެ ބަތަލާއަކީ އަލަށް ތައާރަފުވާ ސަހެރް ބާމްބާ އެވެ.

މި ފިލްމު ރިލީޒްކުރާ ދުވަހު ސޯނަމް ކަޕޫރްގެ "ދަ ޒޯޔާ ފެކްޓާ" އާއި ސަންޖޭ ދަތުގެ "ޕްރަސްތާނަމް" ވެސް ރިލީޒްކުރާނެ އެވެ.

"ސާހޯ" ގެ އާ ލަވައެއް

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ޕްރަބާސްގެ ފިލްމު "ސާހޯ" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ތިން ވަނަ ލަވައަކީ "ބޭބީ ވޯންޓް ޔޫ ޓެލް މީ؟" އެވެ. ޕްރަބާސް އާއި ޝްރަދާގެ ލޯބީގެ މަންޒަރުތަކެއް ފެންނަ މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޝަންކަރު-އިހްސާން-ލޯއި އެވެ.

"ސާހޯ" އަކީ ޖުމްލަ 350 ކްރޯޑް ރުޕީސް (49 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ އެކްޝަން ތުރިލާއެކެވެ. މިއީ "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު، ޕްރަބާސް ކުޅުނު ފުރަތަމަ ފިލްމެވެ.