އިލްޔާސް ވަހީދުގެ "ބަވަތި" ޕްރިމިއާކޮށްފި

އަލަށް ޑައިރެކްޝަނަށް ނުކުތް އިލްޔާސް ވަހީދުގެ ފިލްމު "ބަވަތި" ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާކޮށްފި އެވެ.


ކުލަގަދަ ރެޑް ކާޕެޓް އިވެންޓަކާ ވެސް އެކު ބޭއްވި ޕްރިމިއާގައި ފިލްމު ރޭ ދައްކަން ފެށި އިރު، މި ފިލްމަކީ މި އަހަރު ދިވެހި ސިނަމާ އަށް އައި 8 ވަނަ ފިލްމެވެ.

އިލްޔާސް ލިޔެ، ޑައިރެކްޓްކުރި ސަސްޕެންސް ތުރިލާ "ބަވަތި" ގެ ލީޑް ރޯލް ކުޅެފައި ވަނީ ފިލްމީ ދާއިރާގައި މިހާރު އެންމެ ގަދައަށް ވިދާ ބަތަލާއިންގެ ތެރޭގައި ހިމެނޭ ނުޒުހަތު (ނުޒޫ) ޝުއައިބާއި އަލަށް ތައާރަފުވި އަހުމަދު އިފްނާޒް ފިރާގެވެ.

މާލެ އާއި ކ. ކާށީދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ ރަށުން ދިމާވާ މާލޭގެ ޒުވާނަކާ ކައިވެނިކޮށް، މާލެ އަށް ދިރިއުޅުން ބަދަލުކުރާ އަންހެނަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއް ކިޔައިދޭ ފިލްމެކެވެ.

"ބަވަތި" އަކީ އަހުމަދު ވަހީދުގެ އައި ފިލްމްސް އާއި އާސިމް އަލީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމު ކެމެރާކޮށްފައި ވަނީ މިހާތަނަށް އެތައް ފިލްމެއް ކެމެރާކޮށް، އެވޯޑް ވެސް ހޯދާފައިވާ އަދި ދިވެހި ސިނަމާގެ އެންމެ ހުނަރުވެރި ކެމެރާމަނުންގެ ތެރޭގައި ހިމެނޭ އިބްރާހީމް (ކަނޑި) ވިސާމް އެވެ. ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ވެސް ހިމެނޭ "ބަވަތި" ގެ ވީއެފްއެކްސް ހެދީ މި ދާއިރާ އިން ގިނަ ބައެއްގެ އިތުބާރު މިހާރު ހޯދާފައިވާ ސްޓޫޑިއޯ އޯކޭޒް އިންކުންނެވެ.

"ބަވަތި" އޮލިމްޕަހުގައި ދައްކަން ފެށި އިރު މި މަހުގެ 24 ގައި އެމްއީ ޕްރޮޑަކްޝަންސްގެ ބިރުވެރި ފިލްމު "ކާކު؟" ސިނަމާތަކަށް އަންނާނެ އެވެ.