ޖަޔަލަލީތާ ފިލްމުގެ ނަމާ ގުޅޭ ގޮތުން ކަންގަނާ ރަނާވަތުގެ ހިޔާލެއް

ބަތަލާ ކަންގަނާ ރަނާވަތު އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ އޭނާ ކުޅޭ ފިލްމުތަކުގެ މަސައްކަތާ ބެހޭ ތަރިއެއްގެ ގޮތުގަ އެވެ. އަދި މިކަމާ ހެދި ބައެއް މީހުން އޭނާ އަށް ފާޑުކިޔައި، ބައެއް ފަހަރު ފިލްމުގެ ޓީމާ އޭނާއާ މައްސަލަތައް ޖެހޭ ފަހަރު ވެސް މަދެއް ނޫނެވެ.


މި ފަހަރު އަނެއްކާ ވެސް ކަންގަނާ މިއޮތީ އޭނާ ސޮއިކޮށްފައި އޮތް ފިލްމެއްގެ މުޅިން އެހެން ކަމަކާ ބެހިފަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އޭނާ، އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލް ކުޅޭ ފިލްމުގެ ނަމާ ބެހޭ ގޮތުން ކަންގަނާ ވަނީ އޭގެ ޓީމަށް ހިޔާލެއް ދިފަ އެވެ.

އެގޮތުން ތަމަޅަ އާއި ހިންދީ ބަހުން ހަދާ ފިލްމުގެ ތަމަޅަ ވާޝަނަށް "ތަލައިވީ" ގެ ނަން ދީފައިވާ އިރު، ހިންދީ ފިލްމަށް "ޖަޔާ" ގެ ނަން ދީފައިވާތީ އެކަމާ ކަންގަނާ ހިތްހަމަނުޖެހެ އެވެ.

އެހެންވެ އޭނާ ވަނީ ދެ ވާޝަނަށް ވެސް "ތަލައިވީ" ގެ ނަން ދޭން އެދިފަ އެވެ. މީޑިއާތަކުން ބުނީ ކަންގަނާ އެގޮތަށް ހިޔާލު ދިނީ ދެ ނަމެއްގައި ފިލްމު ގެނެސްދީފި ނަމަ ބެލުންތެރިންގެ ތެރޭގައި އޮޅުންތަކެއް އަރައިފާނެތީ އެވެ.

މި ވާހަކަ ކަންގަނާގެ "ތަރުޖަމާނެއް" ގެ ދައުރު އަދާކުރާ އޭނާގެ ދައްތަ ރަންގޯލީ ޗަންދެލް ކުރި ޓްވީޓްތަކެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް އެކަމަށް ފިލްމުގެ ޓީމުން އަދި އެއްބަސްވި ކަމެއް ކަށަވަރެއް ނޫނެވެ. ބައެއް ނޫސްތަކުން ބުނިގޮތުގައި ޑައިރެކްޓަރު އޭއެލް ވިޖޭ މިހާރު އަންނަނީ ކަންގަނާގެ ހިލާޔާ އެއްގޮތަށް ފިލްމުގެ ދެ ވާޝަނަށް ވެސް އެއް ނަމެއް ދޭން ވިސްނަމުންނެވެ.

"ތަލައިވީ" ގެ ޝޫޓިން އަންނަ މަހުގެ ފަހުކޮޅު ފަށަން ނިންމާފައިވާ އިރު، ކަންގަނާ މިހާރު އަންނަނީ ޖަޔަލަލީތާގެ ކެރެކްޓާ އަށް ތައްޔާރު ވެސް ވަމުންނެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކަންގަނާގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާހްބަލީ" ގެ ދެ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނު ކޭވީ ވިޖެންދުރަ ޕްރަސާދެވެ.