"ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ޓްރެއިލާ ދައްކާލައިފި

ފިލްމުގެ ޓީޒާއަކާއި ދެ ލަވައެއް ވެސް ދައްކައިލިތާ ދުވަސްތަކެއް ފަހުން، ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


ސަނީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓްރެއިލާ ފެށިގެން އަންނަނީ ކަރަން އާއި ބަތަލާ ސަހެރް ބާމްބާގެ ވަރަށް އުފާވެރި އަދި ލޯބީގެ މަންޒަރުތަކާ އެކީގަ އެވެ. ނަމަވެސް ޓްރެއިލާ ނިންމައިލަނީ ހިތާމަވެރި ހިތްދަތި މަންޒަރުތަކަކުންނެވެ. އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ "ޕަލް ޕަލް ދިލް ޕާސް" އަކީ އެޑްވެންޗަރަސް ލަވް ސްޓޯރީއެކެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް ބަލައިލަން ބޭނުން ވަނީ އާއިލާގެ އެހެން މީހުންނެކޭ އެއްގޮތަށް ކަރަންގެ ކިބައިގައި އެކްޓިން ހުނަރު ހުރީ ކިހާ ވަރަކަށްތޯ އާއި އޭނާ އަށް ސްކްރީނުގައި ދެއްކެނީ ކިހާ ވަރެއްގެ ޖާދޫއެއްތޯ އެވެ. ކަރަންގެ ބައްޕަގެ އިތުރުން ކާފަ ދަރުމެންދުރާ އާއި ބޮޑުބޭބެ ބޮބީ ޑިއޯލް ފަދަ ތަރިންނަކީ ބެލުންތެރިން ވަރަށް ލޯބިވި ތަރިންނެވެ.

"ޕަލް ޕަލް ދިލް ލޭ ޕާސް" ސިނަމާތަކަށް އަންނަން ދެން މާ ގިނަ ދުވަހެއް ވެސް ނެތެވެ. ފިލްމު މި މަހުގެ 20 ގައި ދައްކަން ފަށާނެ އެވެ.