އަޔޫޝްމަން ކުރާނާގެ "ޑްރީމް ގާލް" އަކީ ކޮޕީއެއް ކަމަށް ބުނެ ދައުވާކުރަނީ

އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ، އަޔޫޝްމަން ކުރާނާގެ ފިލްމު "ބާލާ" އަކީ ވެސް ކޮޕީއެއް ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް، އޭނާގެ އިތުރު ފިލްމަކަށް ވެސް މި މައްސަލަ ކުރިމަތިވެއްޖެ އެވެ.


އެ ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ނިންމާފައިވާ "ޑްރީމް ގާލް" އެވެ. މި ފިލްމަކީ އެކްތާ ކަޕޫރްގެ ބާލަޖީން ޕްރޮޑިއުސްކޮށް، ރާޖް ޝާންޑަލިޔާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަޔޫޝްމަން ކުރާނާ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅެފައިވާ "ޑްރީމް ގާލް" ރިލީޒްކުރަން ދެތިން ދުވަހަށް ވެފައި ވަނިކޮށް ތުހުމަތުކޮށްފައި ވަނީ 2017 ގައި "ކޯލް ފޮ ފަން" ގެ ނަމުގައި ފިލްމެއް ގެނެސް ދިން ޑައިރެކްޓަރު ޖަނަކް ތޮޕްރާނީ އެވެ.

"ކޯލް ފޮ ފަން" ގެ ޓްރެއިލާ.

އޭނާ ބުނިގޮތުގައި "ޑްރީމް ގާލް" އަކީ އޭނާގެ ފިލްމުގެ ޕްލޮޓުން ވައްކަންކޮށްގެން ހަދާފައިވާ ފިލްމެއްކަން އޭގެ ޓްރެއިލާ އިން ވެސް ގަބޫލުކުރެވެ އެވެ. މި ފިލްމަކީ އަންހެން އަޑުން ވާހަކަ ދައްކައިގެން މީހުންގެ ހިތްތައް އަތުލާ ފިރިހެނަކަށް ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. "ކޯލް ފޮ ފަން" ގައި ކިޔައި ދެނީ ރީތި އަޑުތަކުން ވާހަކަ ދައްކައިގެން އާމްދަނީ ހޯދާ ބައެއްގެ ވާހަކަ އެވެ.

ޖަނަކް ބުނިގޮތުގައި އެކްތާގެ ބާލަޖީން "ކޯލް ފޯ ފަން" ގެ ޕްލޮޓުން ވައްކަންކޮށްގެން ފިލްމެއް ހަދައި ގެނެސްދޭން ތައްޔާރުވެފައި މި ވަނީ އޭނާގެ ފިލްމު ޕްރޮޑިއުސްކޮށްދޭން ބާލަޖީ އަށް ދެ ފަހަރެއްގެ މަތިން ހުށަހަޅައިގެން ވެސް އެ ގަބޫލުނުކޮށް ބޭރުކޮށްލާފައި ވަނިކޮށެވެ.

"ޑްރީމް ގާލް" ގެ ޓްރެއިލާ.

"އެކަމަކު އޭރުގެ މީގެ މުއާމަލާތްތަކެއް ސީދާ އެކްތާއަކާ ކޮށްފައެއް ނެތް. އެކަމަކު އަހަންނަށް ވަރަށް ޔަގީންކަމާ އެކު ބުނެވިދާނެ ޑްރީމް ގާލް ހަދާފައި އެ އޮތީ އަހަރެންގެ ފިލްމުގެ ޕްލޮޓަށޭ،" ޖަނަކް ބުންޏެވެ. "އަހަރެން ކޯލް ފޮ ފަންގެ ސްކްރިޕްޓް ހިފައިގެން ދެ ފަހަރެއްގެ މަތިން ބާލަޖީ އަށް ދިއުމުން ވަނީ ރިޖެކްޓްކޮށްލާފައި."

އޭނާ ބުނިގޮތުގައި ކޮޕީރައިޓްގެ ގާނޫނާހިލާފަށް އެހެން މީހެއްގެ ފިކުރީ މުދަލަކަށް އަރައިގެންފައިވާތީ "ޑްރީމް ގާލް" ގެ ޓީމަށް ދައުވާކުރުމާ މެދު މިހާރު އަންނަނީ ވިސްނަމުންނެވެ.

"އަހަރެން ދައުވާކުރާނަން ފިލްމުގެ ސްކްރީންޕްލޭ އިން ކްރެޑިޓް ދިނުމުގެ އިތުރަށް ފިލްމުން ލިބޭ ފައިދާ އިން އަހަންނަށް ރޯޔަލްޓީ ދޭން ވެސް،" ޖަނަކް ބުންޏެވެ.

ނަމަވެސް މިކަމާ ގުޅިގެން ފިލްމުގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ކޮޕީކުރުމުގެ މައްސަލަތަކަކީ ބޮލީވުޑްގައި ވަރަށް އާންމު ކަމެކެވެ. އެކަމަލު މިފަދަ މައްސަލަތަކުގައި ކުރާ ދައުވާތައް ގިނަ ފަހަރަށް ސާބިތެއް ނުވެ އެވެ.