އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން ޚާންގެ "ރާދޭ"

ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" ހުއްޓުމަކަށް ގެނަޔަސް ސަލްމާން ޚާން ވަނީ އަންނަ އަހަރުގެ ފިތުރުގައި އެހެން ފިލްމަކާ އެކު ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް ބުނެފަ އެވެ.


އެކަމަކު އެއީ ކޮން ފިލްމެއް ކަމެއް މިހާތަނަކަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެހެންވެ މީޑިއާތަކުން އަންނަނީ އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން ގެނެސްދޭނެ ފިލްމަކާ ބެހޭ ގޮތުން އެކި ކަހަލަ ތިއަރީތައް ނެރެމުންނެވެ. މިހާރު ކިތަނީ އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާނެ ސަލްމާންގެ ފިލްމަކީ "ރާދޭ" ކަމަށެވެ.

ސުވާލަކީ މިއީ ކިހިނެއް ތިލަވި ނަމެއް ހެއްޔެވެ؟ މި ނަން ކިޔާ ކެރެކްޓާއެއް ސަލްމާން ވަނީ ދެ ފިލްމެއްގައި ކުޅެފަ އެވެ. އެއީ 2009 ގެ "ވޯންޓެޑް" އާއި 2003 ގެ "ތެރެ ނާމް" ގަ އެވެ. އެކަމަކު "ރާދޭ" އާ އެ ފިލްމުތަކާ އެއްވެސް ގުޅުމެއް ނެތެވެ.

ޕިންކްވިލާ އިން ބުނިގޮތުގައި އެ ފިލްމަކީ އަހަރުގެ ކުރީކޮޅު ސަލްމާންގެ ޅިޔަނު އަތުލް އަގުނިހޯތުރީ ރައިޓްސް ހޯދި ދެކުނު ކޮރެއާގެ ފިލްމު "ވެޓަރަން" ގެ ހިންދީ ރިމެކެވެ. އޭގެ ނަމަކަށް "ރާދޭ" ހަމަޖެއްސުމަށް ފަހު، ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޑިސެމްބަރު މަހު ރިލީޒްކުރާ ސަލްމާންގެ "ދަބަންގް 3" ގެ ޑައިރެކްޓަރު ޕްރަބޫދޭވާ އެވެ. އެހެންވެ ޑިސެމްބަރު 20 ގައި ރިލީޒްކުރާ އެ ފިލްމުގެ ހުރިހާ މަސައްކަތަކުން އަތްދޫކޮށްލެވުމާ އެކު، "ރާދޭ" ގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.

މި ފިލްމު ވާނީ ސަލްމާނާ އެކު ޕްރަބޫދޭވާ ޑައިރެކްޓްކުރާ ތިން ވަނަ ފިލްމަށެވެ. އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ "ވޯންޓެޑް" އެވެ.

"ވެޓެރަން" ގެ ރައިޓްސް ހޯދުމުގެ ކުރިން އަތުލް ވަނީ ހަމަ ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓް މައި ފާދާ" އަށް ބިނާކޮށް ވެސް ސަލްމާނާ އެކު ފިލްމެއް ގެނެސްދީފަ އެވެ. އެއީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، މިދިޔަ ފިތުރު އީދުގައި ރިލީޒްކުރި "ބާރަތު" އެވެ.

އާންމުކޮށް ފިތުރު އީދުގައި ފިލްމުތައް ގެނެސްދޭ ސަލްމާން އަންނަ އަހަރުގެ އެ ދުވަހު، ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހޭނީ އަކްޝޭ ކުމާރާ އެވެ. އަކްޝޭ އާއި ކިއާރާ އަދުވާނީ ލީޑް ރޯލް ކުޅޭ ހޮރޯ-ކޮމެޑީ "ލަކްޝްމީ ބޮމްބް" ވަނީ "އިންޝާﷲ" އަންނަ އަހަރު ގެނެސްނުދޭކަން އިއުލާންކުރުމާ އެކު، އަންނަ އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފަ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި "އިންޝާﷲ" ގެނެސްދޭކަން އިއުލާންކުރީ އަކްޝޭގެ "ސޫރިޔާވަންޝީ" އެ ތާރީހަށް މާ ކުރިން ތާވަލުކޮށްފައި ވަނިކޮށެވެ. އެކަމަކު ސަލްމާން ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީއާ ވާހަކަ ދައްކައިގެން އެ ފިލްމުގެ ތާރީހު އަންނަ އަހަރުގެ މާޗް 27 އަށް ބަދަލުކުރުވައިފަ އެވެ.

އެކަމާ ހިތްހަމަނުޖެހިގެން އަކްޝޭގެ ފޭނުން ސަލްމާނާއިކ ރޯހިތަށް ސޯޝަލް މީޑިއާގައި އެއްޗެހި ވެސް ކިޔާފައިވެ އެވެ.