ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް މި އަހަރު ބާއްވަނީ

ވާދަކުރާ ވަރަށް ފިލްމުތައް ނެތުމުން މިދިޔަ އަހަރު ނުބާއްވަން ނިންމި ނުވަ ވަނަ ދިވެހި އެވޯޑްސް މި އަހަރު ބާއްވަން ނިންމައިފި އެވެ.


އެ އެވޯޑް އިންތިޒާމުކުރާ ނެޝަނަލް ސެންޓް ފޮ ދި އާޓްސް (އެންސީއޭ) އިން ބުނިގޮތުގައި ދިވެހި ފިލްމުތަކަށް އެވޯޑް ދޭ ހަފުލާ ބޭއްވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން ޓްރޮފީ ހަދައިދޭނެ ބަޔަކު ހޯދަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، އެކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން އަންނަ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި އެންސީއޭގައި އޮންނާނެ އެވެ.

މި އަހަރު އެވޯޑް ބާއްވަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. އެންސީއޭ އިން ބުނީ އެވޯޑް ހަފުލާ ބާއްވާނެ ތާރީހެއް ނިންމައި، ވަރަށް އަވަހަށް ފިލްމުތައް ބައިވެރިކުރަން ހުޅުވައިލާނެ ކަމަށެވެ.

ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް ކުރިން ބާއްވަން އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެވޯޑް ހަފުލާ ކެންސަލްކުރީ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ.

އެންސީއޭ އިން މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު، އެވޯޑްސްގައި ފިލްމުތައް ބައިވެރި ކުރަން ހުޅުވާލައި އެ އަހަރުގެ އޮގަސްޓް 31 އަށް މުއްދަތު ހަމަވި އިރު، ހުށަހަޅާފައި ވަނީ 7 ފިލްމެވެ. ނަމަވެސް އެ އަދަދަކީ ދިވެހި އެވޯޑް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލުގައިވާ އަދަދަށް ވުރެ މަދު އަދަދެއް ކަމަށް އެންސީއޭ އިން ބުންޏެވެ.

އެތަނުން ބުނި ގޮތުގައި އާންމުކޮށް ފިލްމު އެވޯޑްސް ބާއްވަނީ ފީޗާ ފިލްމު ކެޓަގަރީގައި މަދުވެގެން 13 ފިލްމު ވާދަކުރާނަމަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު 8 ވަނަ ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2014-2016 އަށް ރިލީޒްކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެވޯޑްސްގައި 17 ފީޗާ ފިލްމާއި ކުރު ހަތް ފިލްމު ވާދަކުރި އެވެ.

މިދިޔަ އަހަރު އެވޯޑް ހަފުލާ ނުބާއްވަން ނިންމި އިރު 2017 ގައި ސިނަމާ އައީ 8 ފިލްމެވެ. އެއީ މަލިކާ، ވިޝްކާ، އިލް ނޮއިސް، މީ ލޯތްބަކީ، ނޯޓީ 40، ހައްދު، ބޮސް އަދި ނޭދެން ވަކިވާކަށް އެވެ.

މި އަހަރު އެވޯޑް ހަފުލާ ބާއްވާނީ މި އަހަރުގެ ފިލްމުތަކާ އެކީގައި ކަމަށް އެންސީއޭ އިން ބުންޏެވެ. މި އަހަރުގެ މިހާތަނަށް ވަނީ 8 ފިލްމު އަޅުވައިފަ އެވެ. އެއީ ނިވައިރޯޅި، ގޮށްރާޅު، 40+، މާމުއި، ނަފުރަތުވުމުން، ދައުވަތު، ލީނާ އަދި ބަވަތި އެވެ. މިރޭ އޮލިމްޕަހުގައި އަޅުވަނީ "ކާކު؟" އެވެ.

މި އަހަރު އަދި އިތުރު ދެ ފިލްމެއް ރިލީޒްވާން އެބައޮތެވެ. އެއީ އަންނަ މަހުގެ 22 ގައި ރިލީޒްކުރާ "އަނދިރިކަން" އާއި ނޮވެމްބަރުގައި އަޅުވާ "ކޮސް ގިނަ މިސްޓޭކް" އެވެ.