މިއުޒިކް ޑައިރެކްޓަރު އަންނޫ މަލިކު އައިސީޔޫގައި

ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަދި އިންޑިއަން އައިޑަލްގެ ޖަޖްކަން ފާއިތުވީ ހުރިހާ ސީޒަނެއްގައި ކޮށްފައިވާ އަންނޫ މަލިކަށް މުމްބައިގެ ލީލާވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.


އަންނޫގެ ދަރިފުޅު އަންމޯލްއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަގެ ޕެންކްރިއަސްގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ ހަފުތާގަ އެވެ. ހުކުރު ދުވަހު އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި އޭގެ ފަހުން ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާ ކަމަށް އޭނާ ބުނެފައިވެ އެވެ. އައިސީޔޫގައި ފަރުވާ ދޭން ފެށީ އޭގެ ފަހުންނެވެ.

އަންމޯލް ބުނީ ބައްޕަގެ ހާލު މިހާރު ކުޑަކޮށް ރަނގަޅު ކަމަށާއި ބުރާސްފަތި ދުވަހު ގެއަށް ފޮނުވާލާނެކަމަށް އުންމީދުކުރާ ކަމަށެވެ.

އަންމޯލް ބުނި ގޮތުގައި އަންނޫ އަށް ގޮވާލަން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ހޮސްޕިޓަލަށް ކޮންމެ ދުވަހަކު ވެސް ޒިޔާރަތްކުރެ އެވެ. އެގޮތުން ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު މަހޭޝް ބަޓްގެ ނަން އަންމޯލް ފާހަގަ ކުރި އެވެ.

އަންނޫގެ މިއުޒިކް ކެރިއަރުގައި މިހާތަނަށް 350 އަށް ވުރެ ގިނަ ފިލްމަށް ތަފާތު ވައްތަރުގެ މިއުޒިކް ތައްޔާރުކޮށްދީފައި ވެއެވެ.