9 ވަނަ ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު، ފިލްމުތައް ބައިވެރިކުރަން ހުޅުވާލައިފި

މި އަހަރަށް ފަސްކުރި ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު ބާއްވަން ނިންމައި، ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.


އެވޯޑް ހަފުލާ އިންތިޒާމްކުރާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދޭ ފޯމް އެންސީއޭ އިން މިހާރު ލިިބޭނެ އެވެ. އަދި އެތަނުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

އަންނަ މަހު އެވޯޑް ހަފުލާ ބާއްވަން ނިންމި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.

މި އަހަރު ފިލްމު އެވޯޑްސް ބާއްވަނީ 2017-2018 ގައި ރިލީޒްކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. ދެހާސް ސަތާރަ ވަނަ އަހަރު 8 ވަނަ ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2014-2016 އަށް ރިލީޒްކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެވޯޑްސްގައި 17 ފީޗާ ފިލްމާއި ކުރު ހަތް ފިލްމު ވާދަކުރި އެވެ.

ވާދަކުރާ ފިލްމުތައް މަދުވެގެން މިދިޔަ އަހަރު އެވޯޑް ހަފުލާ ނުބާއްވަން ނިންމި އިރު 2017 ގައި ސިނަމާ އައީ 8 ފިލްމެވެ. އެއީ މަލިކާ، ވިޝްކާ، އިލް ނޮއިސް، މީ ލޯތްބަކީ، ނޯޓީ 40، ހައްދު، ބޮސް އަދި ނޭދެން ވަކިވާކަށް އެވެ. އަދި އެވޯޑަށް ފިލްމުތައް ހުށަހަޅަން ދިން ސުންގަޑީގައި ހުށަހެޅީ އެންމެ 7 ފިލްމެވެ.

މިދިޔަ އަހަރު ރިލީޒްކުރީ އެންމެ ފަސް ފިލްމެވެ. އެ ފިލްމުތަކަކީ "ވަކިން ލޯބިން"، "ދެވަންސޫރަ"، "ރޭވުމުން" އަދި "ތިޔަ ލޯތްބާ ދުރަށް" އެވެ. އޭގެ ތެރެއިން މިދިޔަ އަހަރު ރިލީޒްކުރި "ބަގީޗާ" އަކީ އެނިމޭޓެޑް ފިލްމެކެވެ.

ކުރިން ގައުމީ ފިލްމު އެވޯޑްސްގެ ނަމުގައި ބާއްވަމުން އައި އެވޯޑްސްގެ ނަން ބަދަލުކޮށް 2016 ގައި ބޭއްވި 8 ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" އެވެ.