ފިތުރު އީދުގައި ވެސް ސަލްމާން ޕްރަބޫދޭވާއާ އެކު، އެކަމަކު "ރާދޭ" އެއް ނޫން

އަންނަ އަހަރު ފިތުރު އީދުގައި ބެލުންތެރިންނާ ބައްދަލުކުރާ ފިލްމު ވެސް ޑައިރެޓްކުރާނީ ޕަރްބޫދޭވާ ކަމަށާއި އެކަމަކު އެ އެ ފިލްމުގެ ނަމަކީ "ރާދޭ" ނޫން ކަމަށް ސަލްމާން ޚާން ބުނެފި އެވެ.


މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ ޑިސެމްބަރު މަހުގެ 20 ގައި ރިލީޒްކުރާ "ދަބަންގް 3" ވެސް ޑައިރެކްޓްކުރި ޕްރަބޫދޭވާ ސަލްމާނާ އެކު އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭނީ 2014 ގައި ރިލީޒްކުރި ކޮރެއާ ފިލްމު "ވެޓަރަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމު "ރާދޭ" އެވެ. އެ ފިލްމުގެ ރައިޓްސް ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ގަނެފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ.

ބޮލީވުޑް ލައިފަށް ސަލްމާން ބުނީ ޕްރަބޫދޭވާ ފިލްމު ޑައިރެކްޓްކުރި ނަމަވެސް އޭގެ ނަމަކީ "ރާދޭ" ނޫން ކަމަށެވެ.

"އަހަރެމެން މާ ލަސްތަކެއް ނުވެ އެ ފިލްމު އިއުލާންކުރާނަން. އަދި ފިތުރު އީދުގައި ފިލްމު ގެނެސްދޭނަން. އަހަންނަށް މި ވަގުތަށް ބުނެވެން އޮތީ ޕްރަބޫދޭވާއާ އެކު އިތުރު ޕްރޮޖެކްޓެއް ރޭވިފައި އޮތް ވާހަކަ،" ސަލްމާން ބުންޏެވެ. "ފިލްމްުގެ ނަމަކީ ރާދޭއެއް ނޫން."

ސަލްމާނާއި ޕްރަބޫދޭވާ އެންމެ ފުރަތަމަ އެކީގައި މަސައްކަތްކުރީ 2009 ގެ "ވޯންޓެޑް" ގަ އެވެ.

މީޑިއާތަކުން މިހާރު ބުނާގޮތުގައި އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން ގެނެސްދޭ ފިލްމުގެ ނަމަކަށް "އިންޑިއާސް މޯސްޓް ވޯންޓެޑް ކޮޕް: ރާދޭ" ހަމަޖައްސައި އެ ނަން މިހާރު ވަނީ އިންޑިއަން މޯޝަން ޕިކްޗާޒް ޕްރޮޑިއުސާސް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) ގައި ރަޖިސްޓްރީކޮށްފަ އެވެ. އަދި ނަން ރަޖިސްޓްރީކުރީ ސަލްމާންގެ ކޮއްކޮ ސޮހައިލް ޚާންގެ ނަމުގައި ކަމަށް ވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެ އެވެ.

ކުރިން އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން ބެލުންތެރިންނަށް ގެނެސްދޭ ގޮތަށް އޮތީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރަން އުޅުނު "އިންޝާﷲ" އެވެ. އެކަމަކު ފިލްމުގެ ޝޫޓިން ފަށަން ކުޑަތަންވެފައި ވަނިކޮށް އޭނާ ވަނީ އެ ފިލްމު ދޫކޮށްލައިފަ އެވެ.