"ބިގް ބޮސް" އާ ގުޅޭ ގޮތުން ލިބުނު ޝަކުވާތައް އެބަ ބަލަން: މިނިސްޓަރު ޖަވަދޭކަރް

ކަލާޒް ޗެނެލުން ދައްކަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 13 ގައި އާންމު މިންގަނޑުތަކާ ހިލާފު ބޭއަދަބީ މަންޒަރުތައް ދައްކާ ކަމަށް ބުނެ އެ ޝޯ ހުއްޓުވައިދޭން އެދި އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވަދޭކަރަށް ހުށަހެޅި މައްސަލަތައް ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.


ސަލްމާން ޚާން ހޯސްޓްކުރާ ޝޯގެ މައްސަލަ އެންމެ ފުރަތަމަ މިނިސްޓަރަށް ހުށަހެޅީ ކޮންފެޑެރޭޝަން އޮފް އޯލް އިންޑިއާ ޓްރޭޑާޒް (ސީއޭއައިޓީ) އިންނެވެ.

އެތަނުން ބުނީ ގޭގައި އާއިލާގެ އެންމެން ތިބެގެން ބަލަން ނުކެރޭ ޒާތުގެ މަންޒަރުތައް ޝޯ އިން ދައްކާ ކަމަށާއި ޝޯ ދައްކާ ނަމަ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބަލަންކެރޭ ގޮތަށް "ބިގް ބޮސް" ހަދަން ޖެހޭ ކަމަށެވެ. އަދި އެކަން ނުވާ ނަމަ "ބިގް ބޮސް" ހުއްޓުވައިދޭން ސީއޭއައިޓީން އެދިފައިވެ އެވެ.

ޝޯގެ މައްސަލަ އޭގެ ފަހުން، އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ބީޖޭޕީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ނަންދު ކިޝޯރް ގުރްޖާރު ވެސް ވަނީ މިނިސްޓަރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ބިގް ބޮސް" އިން ދަނީ އިންޑިއާގެ އިޖުތިމާއީ ފޭރާން ވީދަމުންނެވެ. އަދި އެ ޝޯ އަކީ ގެނެސްދޭން ހެޔޮވާރުގެ ވަރުގެ އެއްޗެއް ކަމަށް ބުނެ އެ ޝޯ ހުއްޓުވައިދޭން މިނިސްޓަރަށް ހުށަހަޅާފައިވެ އެވެ.

މި ޝަކުވާތަކާ ގުޅިގެން މިނިސްޓަރު ޖަވަދޭކަރު އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ވިދާޅުވީ "ބިގް ބޮސް" ގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"ޝޯއާ ގުޅޭ ގޮތުން ލިބުނު ޝަކުވާތައް މި އަންނަނީ ބަލަމުން. އަދި މިނިސްޓްރީގެ ޓީމަކުން މިހާރު އަންނަނީ ޝޯއިން ދައްކާ ކޮންޓެންޓްތަކާ ގުޅޭ ރިޕޯޓެއް އެކުލަވާލަމުން. އެ ރިޕޯޓް މި ހަފުތާގެ ތެރޭގައި އަޅުގަނޑާ ހަމަށް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޕޯޓަށް ބިނާކޮށް "ބިގް ބޮސް" ސީޒަން 13 އާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އެ ފިޔަވަޅެއް އަޅާނެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެށި ޝޯއާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އެ ޝޯ ހުއްޓުވައި ދޭން ގޮވައިލަމުންނެވެ. އަދި ޝޯގެ ހޯސްޓް ސަލްމާންގެ ގެ ކައިރީގައި ވެސް "ބިގް ބޮސް" އާ ދެކޮޅު މީހުން މުޒާހަރާކުރާތީ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.

ހުކުރު ދުވަހު ގިނަ ބަޔަކު އެއްވެ، މުމްބާއީގައި ހުންނަ ސަލްމާންގެ އެޕާޓްމަންޓް ކައިރީ މުޒާހަރާކުރި މައްސަލާގައި 20 މީހަކު ހައްޔަަރު ވެސް ކޮށްފައިވެ އެވެ. އެ މުޒާހަރާގައި އިންޑިއާގެ ހިންދޫ ދީނުގެ ހަރުކަށި ފިކުރު ގެންގުޅޭ ކަރްނީ ސޭނާ ޕާޓީގެ މެމްބަރުން ވެސް ބައިވެރިވެ ސަލްމާނާއި "ބިގް ބޮސް" އާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ.

"ބިގް ބޮސް" އާ ދެކޮޅު ހަރަކާތްތައް އިތުރުވަމުންދާ އިރު، މިކަމާ ބެހޭ ގޮތުން ޝޯ ގެނެސްދޭ ކަލާޒް އާއި ސަލްމާން ވެސް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ބިގް ބޮސް" އަކީ 2006 އިން ފެށިގެން އިންޑިއާގައި ދައްކަމުން އަންނަ ޝޯއެކެވެ. މިއީ މީގެ 20 އަހަރު ކުރިން ނެދަލެންޑްސް އިން ގެނެސްދޭން ފެށި "ބިގް ބްރަދާ" ގެ ޝޯ އިންޑިއާ ވާޝަނެވެ.