އީދަށް އޮތް ސަލްމާންގެ ފިލްމަކީ ހަމަ "ރާދޭ"

ސަލްމާން ޚާން، އަންނަ އަހަރުގެ ފިރުތު އީދުގައި އަންނާނީ "ރާދޭ: ޔޯސް މޯސްޓެޑް ބާއީ" އާ އެކުގައިކަން ކަށަވަރުކޮށްދީ، ފިލްމުގެ ޓީޒާ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.


މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކުރި ގޮތަށް ފިލްމުގެ ނަމަކީ "ރާދޭ" ކަން ކަށަވަރުވި އިރު، މި ފިލްމު ޑައިރެކްޓްކުރާނީ ޕްރަބޫދޭވާ އެވެ. އޭނާ އަކީ އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ، ސަލްމާންގެ "ދަބަންގް 3" ވެސް ޑައިރެކްޓަރެވެ.

އަދި "ރާދޭ" ވާނީ ޕްރަބޫދޭވާއާ އެކު ސަލްމާން މަސައްކަތްކުރާ ތިން ވަނަ ފިލްމަށެވެ. އެ ދެ މީހުން އެންމެ ފުރަތަމަ އެކީގައި މަސައްކަތްކުރި ފިލްމަކީ 2009 ގެ "ވޯންޓެޑް" އެވެ.

ރިޕޯޓްތައް ބުނާގޮތުން "ރާދޭ" ގެ ޝޫޓިން އަންނަ މަހުގެ 4 ގައި ފަށާ އިރު، ފިލްމުގެ ބަތަލާގެ ރޯލް ވަނީ ސަލްމާނާ އެކު 2015 ގެ "ސުލްތާން" ކުޅުނު އަނުޝްކާ ޝަރުމާ އަށް ހުށަހަޅައިފަ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.

"ރާދޭ" އަކީ ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން އުޅުނު "އިންޝާﷲ" ދޫކޮށްލުމަށް ފަހު، ސަލްމާން އެ ތާރީހުގައި ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް ވައުދުވި ފިލްމެވެ.

ސަލްމާނާއި އާލިއާ ބަޓާ އެކު ބަންސާލީ ހަދަން އުޅުނު ފިލްމު ސަލްމާން ދޫކޮށްލުމުން އެ ފިލްމުގެ ބަދަލުގައި އަންނަ އަހަރު އެހެން ފިލްމެއް ގެނެސްދޭން ބަންސާލީ ވެސް ވަނީ ނިންމައިފަ އެވެ. އެ ފިލްމަކީ އާލިއާއާ އެކު އަންނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ގެނެސްދޭ "ގަންގްބާއީ" އެވެ.

"ބާރަތު" އަށް ފަހު މި އަހަރު ރިލީޒްކުރާ ސަލްމާންގެ ދެވަނަ ފިލްމު "ދަބަންގް 3" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 20 ގަ އެވެ.