"ރާދޭ" އަކީ "ވޯންޓެޑް" ގެ ސީކްއެލްއެއް ނޫން: ސަލްމާން ޚާން

އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމާފައިވާ ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އަކީ އޭނާ މީގެ 10 އަހަރު ކުރިން ކުޅުނު ފިލްމު "ވޯންޓެޑް" ގެ ސީކްއެލްއެއް ކަމަށް ބުނާ ވާހަލަ ސަލްމާން ދޮގުކޮށްފި އެވެ.


އަންނަ ޑިސެމްބަރުގައި ރިލީޒްކުރާ "ދަބަންގް 3" ގެ ޓްރެއިލާ ލޯންޗްކުރަން ބޭއްވި ހަފުލާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަލްމާން ބުނީ ފިލްމުގެ ނަމާއި ކެރެކްޓާގައި އެއްގޮތް ކަމެއް ހުއްޓަސް "ރާދޭ" އަކީ މުޅިން ތަފާތު ފިލްމެއް މަށެވެ.

"ދަބަންގް 3" ވެސް ޑައިރެކްޓްކުރި ޕްރަބޫދޭވާ 2009 ގައި ގެނެސްދިން "ވޯންޓެޑް" ގައި ސަލްމާން ކުޅުނީ ރާދޭ ކިޔާ ފުލުހެއްގެ ރޯލެވެ. އަދި "ރާދޭ" ގައި ވެސް އޭނާ ކުޅޭނީ ހަމަ އެ ނަން ކިޔާ ފުލުހެއްގެ ރޯލެވެ.

އެކަމަކު ރާދޭ އަކީ ސަލްމާނަށް އެންމެ ފުރަތަމަ 2003 ގައި ނެރުނު ފިލްމު "ތެރޭ ނާމް" ގައި ކިޔާ ނަމެވެ.

"ރާދޭ ފިލްމުގައި ވޯންޓެޑާ ގުޅުން ހުރި ނަންތަކެއް ހުއްޓަސް މި ދެ ފިލްމުގައި އެއްވެސް ވަރެއްގެ އެއްގޮތް ކަމެއް ނުހުންނާނެ. އަދި މިއީ ވޯންޓެޑްގެ ސީކްއެލްއެއް ވެސް ނޫން،" ސަލްމާން ބުންޏެވެ. "އަހަރެން ބުނާނީ ވޯންޓެޑްއާ ހުރިހާ ގޮތަކުން ވެސް ވަރަށް ތަފާތު ފިލްމަކަށޭ ރާދޭ ވާނީ."

މިހާރު ޕޯސްޓަރު ވެސް ދައްކާލާފައިވާ "ރާދޭ" ވެސް ޑައިރެކްޓްކުރަނީ ޕްރަބޫދޭވާ އެވެ. އޭނާ ބުނެފައިވާ ގޮތުގައި "ދަބަންގް 3" ގައި ވެސް ސަލްމާން ފުލުހެއްގެ ރޯލުން ފެންނާތީ "ރާދޭ" ތަފާތުކުރުން ވަރަށް މަސައްކަތްކުރާނެ އެވެ.

"އެ ފިލްމުގައި ވެސް ހަމަ ފުލުހެއްގެ ރޯލުން ފެންނާނީ. އެކަމަކު މުޅިން ތަފާތު ގޮތަކަށް،" ޕްރަބޫދޭވާ ބުންޏެވެ.

"ރާދޭ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ. އެކަމަކު ފިލްމުގެ ބަތަލާއަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.

"ރާދޭ" އަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން އުޅުނު "އިންޝާﷲ" ދޫކޮށްލުމަށް ފަހު، ސަލްމާން އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމި ފިލްމެވެ.