ރިތިކް ވާހަކަ ދައްކައިފި ނަމަ އެންމެންގެ އަނގަ ބަންދުވާނެ: ރާކޭޝް ރޯޝަން

ކަހޯނާ ޕިޔާރުހޭ އިން 2000 ވަނަ އަހަރު ރާކޭޝް ރޯޝަން ވަނީ އޭނާގެ ދަރިފުޅު ރިތިކް ރޯޝަން ފިލްމީ ދުނިޔެއަށް ނެރެ، "ކްރިޝް" ސީރީޒްގެ ފިލްމުތަކާ އެކު ކާމިޔާބު ރީތި ފިލްމުތަކެއް އުފައްދާފަ އެވެ. ދަރިފުޅުގެ ދިފާއުގައި އޭނާ އަބަދުވެސް ވާހަކަ ދައްކަ އެވެ.


މިއަހަރު ތެރޭ ރިތިކް އާއި ކަންގަނާ ރަނާވަތުގެ ބޮޑު އަރާރުންގަނޑެއް މީޑިއާގައި ފެންމަތިވެ އެކަމުގެ ސަބަބުން ރިތިކް އަށް ވެސް ގިނަ ބައެއްގެ މަލާމާތް ރައްދުވެ އޭނާގެ ކެރިއަރަށް ވެސް ގެއްލުންތަކެއް ވަނީ ވެފަ އެވެ.

މިކަމާ ބެހޭ ގޮތުން ރާކޭޝްއާ ސުވާލުކުރުމުން އޭނާ ބުނީ ރިތިކް އަކީ ވަރަށް ތަފާތު މިޒާޖެއްގެ މީހެއް ކަމަށާއި ކަންގަނާ އާއި ރިތިކާ ބެހޭ ގޮތުން ދޮގު ވާހަކަތައް ދައްކަމުން ދިޔައިރުވެސް އެނގޭކަމަށް ނުހަދާ މަޑުމަޑުން ހުރީ ކަމަށެވެ. އަދި ރިތިކް ހަގީގަތް ކިޔައިދިން ނަމަ އެންމެންނަށް ބޮޑު ޝޮކެއް ލިބޭނެ ކަމަށް ވެސް ރިތިކްގެ ބައްޕަ ބުނެފައިވެ އެވެ.

ރާކޭޝް ބުނީ ރިތިކް މިހާތަނަށް ވެސް އެ ވާހަކަތައް ކިޔައިނުދީ ހުރީ ފިލްމީ މަސައްކަތްތަކުގައި މާ ބުރަކޮށް އުޅޭތީ ކަމަށެވެ. އަދި ވަގުތުވުމުން ރިތިކް އަމިއްލައަށް މި ހުރިހާ ކަމެއްގެ ހަގީގަތް ކިޔައިދޭނެކަމަށް ޔަގީންކުރާ ކަމަށް ބުންޏެވެ.

ހުރިހާ ފިލްމެއްގައި ދަރިފުޅު ބައިވެރިކުރަނީ ކީއްވެތޯ އާއި އެހެން އެކްޓަރުންނަށް އޭނާގެ ފިލްމުތަކުގެ ބަތަލުކަން ނުދެނީ ކީއްވެތޯ ބައެއް މީހުން ރާކޭޝްއާ ސުވާލު ކުރެ އެވެ. އޭނާ ބުނަނީ ރިތިކް ކަހަލަ ހުނަރުވެރި ދަރިއަކު ހުރި މީހަކު ކޮންމެހެން އާއިލާއިން ބޭރަށް ބަތަލަކު ހޯދަން ނަޒަރު ހިންގަން ޖެހޭނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

ފިލްމެއް އުފައްދާއިރު ރިތިކް އާ ދޭތެރޭ އޭނާ ބަލަނީ ދަރިއެއްގެ ނަޒަރަން ނޫން ކަމަށާއި އެކްޓަރެއްގެ ނަޒަރުން ކަމަށް ވެސް ރާކޭޝް ބުންޏެވެ. އަދި އެގޮތަށް ބަލާއިރު ވެސް ރިތިކް ވަރުގެ ކުޅަދާނަ އެކްޓަރެއް އޭނައަށް ނުފެންނަ ކަމަށް ވެސް ރިތިކްގެ ބައްޕަ ބުނެފައިވެ އެވެ.

ރިތިކްގެ ކެރިއަރާ މެދު ސުވާލު އުފެދިފައި ވިޔަސް އޭނާގެ ބައްޕަ ދަނީ އަނެއްކާވެސް "ކްރިޝް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު "ކްރިޝް 4" އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ބުނީ ސުޕަހީރޯ ފިލްމުތަކަކީ އުފައްދަން އުނދަގޫ އެއްޗެއް ކަމަށާއި ޚާއްސަކޮށް ހޮލީވުޑް ފިލްމުތަކާ އެއް ފެންވަރަށް އަދި އެފަދަ ފިލްމުތައް ބޮލީވުޑްގައި ނުއުފެއްދޭނެ ކަމަށެވެ.

ހޮލީވުޑް އެފަދަ ފިލްމެއްގެ ބަޖެޓަކީ 300 މިލިއަން ޑޮލަރު ކަމަށާއި އިންޑިއާގައި އެ ވަރުގެ ބޮޑު ބަޖެޓަކުން ފިލްމު އުފައްދައިގެން އަދި ދެކޮޅު ނުޖެއްސޭނެކަމަށް ވެސް ރާކޭޝް ބުންޏެވެ.މިއަހަރު ތެރޭ ރިތިކް އާއި ކަންގަނާގެ ބޮޑު އަރާރުންގަނޑެއް މީޑިއާގައި ފެންމަތިވެ އެކަމުގެ ސަބަބުން ރިތިކް އަށް ވެސް ގިނަ ބައެއްގެ މަލާމާތް ރައްދުވެ އަދި އޭނާގެ ކެރިއަރަށްވެސް ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ރާކޭޝް ރޯޝަން ޕްރޮޑިއުސްކޮށް ރިތިކް ލީޑް ރޯލު ކުޅެފައިވާ "ގާބިލް" އަންނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު ރިލީޒްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.